Roadha Mihaaru
ރަންވީރަށް "ސާކަސް" އިން 50 ކްރޯޑް ރުޕީސް

ރަންވީރަށް "ސާކަސް" އިން 50 ކްރޯޑް ރުޕީސް

29 ޖެނުއަރީ 2021

ރަންވީރު ސިންގް މިހާރު ކުޅެމުން އަންނަ ޑައިރެކްޓަރު ރޯހިތު ޝެޓީގެ ފިލްމު "ސާކަސް" އަށް އޭނާ އެއްބަސްވީ 50 ކްރޯޑް ރުޕީސް އަށް ކަމަށާއި މި ފިލްމުގެ ފަހުން ސޮއިކުރާ ކޮންމެ ފިލްމަކަށް އޭނާ ނަގާ އަގު ބޮޑުކުރާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ރަންވީރު ސިންގް މިހާރު ކުޅެމުން އަންނަ ޑައިރެކްޓަރު ރޯހިތު ޝެޓީގެ ފިލްމު "ސާކަސް" އަށް އޭނާ އެއްބަސްވީ 50 ކްރޯޑް ރުޕީސް އަށް ކަމަށާއި މި ފިލްމުގެ ފަހުން ސޮއިކުރާ ކޮންމެ ފިލްމަކަށް އޭނާ ނަގާ އަގު ބޮޑުކުރާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ރަންވީރަކީ ބޮލީވުޑްގައި މިހާރު ތިބި އެންމެ ނަގާކިޔާ ޒުވާން އެކްޓަރުންގެ ތެރެއިން ކުރިން ވެސް އެންމެ ބޮޑު އަގެއް ލިބޭ އެކަކެވެ. އޭނާ އަކީ ކުޅޭ ކޮންމެ ފިލްމެއް ހިޓަކަށް ހަދައިދޭނެކަމުގެ ގެރެންޓީ ޑައިރެކްޓަރުންނާއި ޕްރޮޑިއުސަރުންނަށް އޮންނަ އެކްޓަރެކެވެ.

"ސާކަސް" އިން 50 ކްރޯޑް ރުޕީސް (6.85 މިލިއަން ޑޮލަރު) ގެ ފީއެއް ރަންވީރު ނަގާފައިވާ އިރު، މި ފިލްމުގެ ޝޫޓިން އަށް އޭނާ ދޭން ހަމަޖެހިފައި ވަނީ 75 ދުވަހެވެ.

ބައެއް ރިޕޯޓްތައް ބުނާގޮތުން ފިލްމު ކުޅެން ޗާޖްކުރާ އަގުގެ އިތުރުން ރަންވީރު އަންނަނީ އޭނާގެ ފިލްމުތައް ސިނަމާތަކުގައި ދައްކައިގެން ލިބޭ ފައިދާ އިން ވެސް ބައިއެޅުމާ ގުޅޭ ގޮތުން ވެސް މިހާރު ވިސްނަމުންނެވެ. މި ގޮތަށް ފިލްމުތަކުން ފައިދާ ނަގާ އެކްޓަރުންގެ ތެރޭގައި އަކްޝޭ ކުމާރާއި ޝާހްރުކް ޚާނާއި ސަލްމާން ޚާނާއި އާމިރު ޚާންގެ އިތުރުން އަޖޭ ދޭވްގަން ފަދަ ތަރިން ހިމެނެ އެވެ.

ބޮލީވުޑަކީ ބަތަލާއިންނާ އަޅާބަލާ އިރު، ބަތަލުންނަށް އަބަދު ވެސް ވަރަށް ބޮޑު އަގެއް ލިބޭ އިންޑަސްޓްރީއެކެވެ. މި ދާއިރާގައި އެންމެ އަގުބޮޑުކޮށް ފިލްމު ކުޅޭ ބަތަލާއަކަށް ވެސް 20 ކްރޯޑް ރުޕީސް (2.74 މިލިއަން ޑޮލަރު) އަށް ވުރެ ބޮޑު އާމްދަނީއެއް ފިލްމަކުން ނުލިބެ އެވެ.

ބުޝަން ކުމާރުގެ ޓީ ސީރީޒްއާ ގުޅިގެން ރޯހިތު ހަދާ "ސާކަސް" އަކީ މި އަހަރުގެ ފަހުކޮޅު ސިނަމާތަކަށް ގެންނާނެ ކަމަށް ބެލެވޭ ފިލްމެކެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ މެދު ތެރޭގައި ޝޫޓިން ފެށި ފިލްމުގައި ރަންވީރާ އެކު ޖެކްލިން ފެނަންޑޭޒާއި ޕޫޖާ ހެގްޅޭގެ އިތުރުން ވަރުން ޝަރުމާ ހިމެނެ އެވެ.

މިއީ 2018 ގެ ކާމިޔާބު ފިލްމު "ސިމްބާ" އަށް ފަހު ރޯހިތާ އެކު ރަންވީރު މަސައްކަތްކުރާ ދެވަނަ ފިލްމެވެ.

"ސާކަސް" ގެ އިތުރުން ބަތަލާ ދީޕިކާ ޕަދްކޯންގެ ފިރިމީހާގެ އެހެން ދެ ފިލްމެއް ވެސް މި އަހަރު އަންނާނެ އެވެ. އެއީ ދީޕިކާ ވެސް ރޯލެއް ކުޅެފައިވާ "83" ގެ އިތުރުން ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ "ޖަޔޭޝްބާއީ ޖޯރްދާރް" އެވެ.