Roadha Mihaaru
ރަންވީރުގެ "ސާކަސް" ގައި ދީޕިކާގެ މީނައްމާ ކެރެކްޓާ

ރަންވީރުގެ "ސާކަސް" ގައި ދީޕިކާގެ މީނައްމާ ކެރެކްޓާ

13 ސެޕްޓެމްބަރ 2021

ޑައިރެކްޓަރު ރޯހިތު ޝެޓީއާ އެކު ރަންވީރު ސިންގް މަސައްކަތްކުރާ ދެވަނަ ފިލްމު "ސާކަސް" ގެ ހާއްސަ ލަވައަކުން އަންހެނުން ދީޕިކާ ޕަދްކޯން ފެންނާނެ ވާހަކަ އަކީ ކުރިން ވެސް ބައެއް މީޑިއާތަކުން ދައްކާފައި އޮތް ވާހަކައެކެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޑައިރެކްޓަރު ރޯހިތު ޝެޓީއާ އެކު ރަންވީރު ސިންގް މަސައްކަތްކުރާ ދެވަނަ ފިލްމު "ސާކަސް" ގެ ހާއްސަ ލަވައަކުން އަންހެނުން ދީޕިކާ ޕަދްކޯން ފެންނާނެ ވާހަކަ އަކީ ކުރިން ވެސް ބައެއް މީޑިއާތަކުން ދައްކާފައި އޮތް ވާހަކައެކެވެ.

މި ލަވައާ ބެހޭ އެންމެ ފަހުގެ ޚަބަރުތައް ބުނާ ގޮތުން ވަރަށް ކުލަގަދަ އަދި އެހާމެ ފޯރި ގަދަ ލަވައެއްގެ ގޮތުގައި ހިމަނަން ނިންމާފައިވާ ލަވައިގައި ދީޕިކާ ފެންނާނީ ރޯހިތުގެ 2013 ގެ ފިލްމު "ޗެންނައި އެކްސްޕްރެސް" ގައި އޭނާ ކުޅުނު މީނައްމާގެ ކެރެކްޓާއިންނެވެ. ޝާހްރުކް ޚާނާ އެކު ދީޕިކް ކުޅުނު ފިލްމުގެ އެ ރޯލަކީ ދެކުނު އިންޑިއާގެ ފާޑުވެރިކަމާއި ރާގު ބޮޑު ކެރެކްޓާއެކެވެ. އަދި ބެލުންތެރިންނަށް ވަރަށް ކަމުދިޔަ ކޮމިކް ކެރެކްޓާއެކެވެ.

އެހެންވެ "ސާކަސް" ގައި ހިމަނާ ލަވައިގައި ދީޕިކާ އަލުން މީނައްމާގެ ގޮތުގައި ދައްކައިލުންވާނީ ބެލުންތެރިންނަށް ވެސް ވަރަށް ހާއްސަ ކަމަކަށެވެ.

މިހާރު ގާތްގަނޑަށް ޝޫޓިން އެއްކޮށް ނިމިފައިވާ "ސާކަސް" އަކީ ރަންވީރާއި ވަރުން ޝަރުމާ ޑަބަލް ރޯލުތަކުން ފެންނާނެ ފިލްމެކެވެ. މި ފިލްމަކީ ޝޭކްސްޕިއާގެ ޕްލޭ "ދަ ކޮމެޑީ އޮފް އެރާޒް" އަށް ބިނާކޮށް ހަދާ އެއްޗެކެވެ. ފިލްމުގެ ބަތަލާއިންނަކީ ޖެކްލިން ފެނަންޑޭޒާއި ޕޫޖާ ހެގްޅޭ އެވެ.

"ސާކަސް" ގެ އިތުރު ކާސްޓުންގެ ތެރޭގައި ޖޯނީ ލީވާ، ސަންޖޭ މިޝްރާ، މުރްލީ ޝަރުމާ، މުކޭޝް ތިވާރީ، ސިދާތާ ޖާދަވް، ވިޖޭ ޕަޓްކަރް އަދި ސުލްބާ އަރިއާ ހިމެނެ އެވެ.

މި ފިލްމު ސިނަމާތަަށް ގެންނާނެ ކަމަށް ބުނަނީ އަހަރު ނިންމައިލާ ތާރީހު ކަމަށްވާ ޑިސެމްބަރު މަހުގެ 31 ގަ އެވެ. "ސާކަސް" ގެ ކުރިން ރޯހިތާ އެކު ރަންވީރު މަސައްކަތްކުރި ފުރަތަމަ ފިލްމަކީ 2018 ގެ "ސިމްބާ" އެވެ.

ރޯހިތު "ސާކަސް" ގެ މަސައްކަތްކުރަމުން އަންނަ އިރު މިހާރު ވެސް އޭނާގެ އެހެން ފިލްމެއް މިދިޔަ އަހަރުން ފެށިގެން ކޮވިޑާ ހެދި ރިލީޒްނުކުރެވި އެބަ އޮތެވެ. އެއީ އަކްޝޭ ކުމާރާއި ކެޓްރީނާ ކައިފްގެ "ސޫރިޔަވަންޝީ" އެވެ.