Roadha Mihaaru
ރިޝްވަތާއި މަނީ ލޯންޑްރިންގެ ދައުވާއަށް ޔާމީން އިންކާރު

ރިޝްވަތާއި މަނީ ލޯންޑްރިންގެ ދައުވާއަށް ޔާމީން އިންކާރު ކުރައްވައިފި

31 ޖެނުއަރީ 2021

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރި މަނީ ލޯންޑްރިންގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާއަށް އެ މަނިކުފާނު މިއަދު އިންކާރު ކުރައްވައިިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރި މަނީ ލޯންޑްރިންގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާއަށް އެ މަނިކުފާނު މިއަދު އިންކާރު ކުރައްވައިިފި އެވެ.

މަނީ ލޯންޑްރިންގެ ކުށެއް ސާބިތުވެ، ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދަވާ ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ އިތުރު ދައުވާއަކާއި ރިޝްވަތުގެ ދައުވާއެއް ދައުލަތުން ކުރަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެންނެވެ. އެއީ އެ މުއާމަލާތާ ގުޅިގެން ޔާމީންގެ އަރިސް ބޭފުޅެއް ކަމަށްވާ އަހްމަދު ކްރިކް ރިޒާ (ކްރިކް ރިޒާ) ލައްވައި ރިޝްވަތުގެ ގޮތުގައި 1.3 މިލިއަން ޑޮލަރު ގަބޫލުކޮށް އޭގެ ތެރެއިން 1.1 މިލިއަން ޑޮލަރު ސަން ކުންފުނީގެ ދެ އެކައުންޓެއް މެދުވެރިކޮށް ޔާމީންގެ އެކައުންޓަށް ޖަމާކުރި ކަމަށް ބުނެެ އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގައި އެ ދެ ދައުވާއަށް ޔާމީން އިންކާރު ކުރެއްވިއިރު، ދައުވާއާ ގުޅޭގޮތުން ދެން ވާހަކަތައް ދެއްކެވީ އެ މަނިކުފާނުގެ ވަކީލުންނެވެ. ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އިސް ވަކީލް އަދި ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް ވިދާޅުވީ އެ ދެ ދައުވާގައި ދައުލަތުން ތުހުމަތުކުރާ ކުށަކީ ހިނގާފައިނުވާ ކުށެއް ކަމަށެވެ. އަދި ވިދާޅުވި ގޮތުގައި އެއީ ސިޔާސީ ބޭނުމަށްޓަކައި ޒާތީ ހަސަދަތަކެއް ފިލުވާން ޕްރޮސެކިއުޓާ ކުރާ ދައުވާއެއް ކަމަށް ވިދާޅުވި އެވެ. އަދި އެކަން ކުރަނީ ޕީޖީ ގެންގުޅުއްވާ "މަސްލަހަތު ފުޅާ ސިޔާސަތު" ގެ ދަށުން ކަމަށް ޖަމީލް ވިދާޅުވި އެވެ.

ޔާމީނަކީ ވެރިކަމުގައި ހުންނަވައިގެން ގާނޫނު އަސާސީއާ އެއްގޮތަށް ވެރިކަން ކުރައްވައި، އަދި ގާނޫނާ ޚިލާފް ކަންކަން ހުއްޓުވަން ފިޔަވަޅު އެޅުއްވުމުގެ އިތުރުން އިގްތިސާދީ ފުދުންތެރިކަން ގެނެސްދެއްވި ބޭފުޅެއް ކަމަށް ޖަމީލް ވިދާޅުވި އެވެ. ޖަމީލް ވިދާޅުވީ ޔާމީންގެ މައްޗަށް އެ ދައުވާ ކުރަނީ ހަމަހަމަކަމުގެ އުސޫލާ ޚިލާފަށް އަދި އަސްލު ކުށްކުރި މީހުންނަށް ޚާއްސަ އިނާޔަތްތަކެއް ދީ، ހެކިންގެ ގޮތުގައި އެ މީހުން ހަމަޖައްސައިގެން ކަމަށެވެ. އެގޮތުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ޖަލަށްލާން ހުކުމް ކުރިޔަސް، އޭނާ ހުންނެވީ ޚާއްސަ އިނާޔަތްތަކާ އެކު އަމިއްލަ ގޭގައި ކަމަށް ޖަމީލް ވިދާޅުވި އެވެ. އަދި ފުއްގިރި މައްސަލާގައި ވެސް މުއާމަލާތްތައް ހިންގެވީ އަދީބު ކަމަށް ޖަމީލް ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ ފުއްގިރި މައްސަލާގައި ރިޝްވަތު ދިން ކަމަށް ދައުލަތުން ތުހުމަތުކުރާ ކްރިކް ރިޒާގެ މައްސަލަ ކްރިމިނަލް ކޯޓުގައި ހިނގަމުން ދާއިރު، އެ މައްސަލަ ސާބިތު ނުވަނީސް އެ މަނިކުފާނުގެ ޝަރީއަތް ކުރިއަށް ގެންދެވޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. ކްރިކްގެ މައްޗަށް އެ ދައުވާ ސާބިތު ނުވެއްޖެ ނަމަ، އެ މަނިކުފާނަށް ދައުވާކުރާ އަސާސް ގެއްލޭނެ ކަމަށް ޔާމީން ވިދާޅުވި އެވެ.

އެ މައްސަލަ ބައްލަވާ އިސް ގާޒީ އަހުމަދު ޝަކީލް ވިދާޅުވީ ކްރިކް ރިޒާގެ މައްސަލަ އާއި އެ ފައިސާ ލޯންޑާ ކުރިކަމުގެ ދައުވާ ލިބޭ ސަން އިންވެސްޓްމަންޓާއި ސަން ކޮންސްޓްރަކްޝަންގެ މައްސަލަ މިވަގުތު ވަކިވަކިން ކުރިއަށް ގެންދިޔަޔަސް، ޝަރީއަތުގެ މަރުހަލާގައި ހުރިހާ މައްސަލަތަކެއް ގެންދާނީ އެއްކޮށް ކަމަށެވެ. އަދި މައްސަލަ ނިންމުމުގައި އެ ކަންކަމަށް ރިއާޔަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

ޝަރީއަތް މަޑުޖައްސާލެވޭކަށް ނެތް

އެ މައްސަލާގެ ބައެއް ލިޔުންތައް ލިބިފައި ނެތަސް، މައްސަލަ ކުރިއަށް ގެންދަން ކުރީގެ އަޑުއެހުމުގައި ނިންމާފައިވާ ނިންމުން އިސްތިއުނާފުކުރަން ޔާމީންގެ ފަރާތްޕުޅުން ހައި ކޯޓަށް ހުށަހަޅާފައިވާތީ އެ މައްސަލަ ނިމެންދެން ޝަރީއަތް މަޑުޖައްސާލަން ވަކީލުން އެދިވަޑައިގަތެވެ. ޖަމީލް ވިދާޅުވީ ހައި ކޯޓުގެ ރަޖިސްޓްރާ އެ މައްސަލަ ބަލައިނުގަތުމަށް ނިންމި ނިންމުން އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގައި އިސްތިއުނާފް ކުރަން ހުށަހަޅާފައިވާތީ އެ މައްސަލަ ނިމެންދެން ޝަރީއަތް މަޑުޖައްސާލަން އެދޭ ކަމަށެވެ.

އިސް ގާޒީ ވިދާޅުވީ ހައި ކޯޓަށް މައްސަލަ ހުށަހެޅި ކަމަށް ބުނާ ބުނުމެއް ފިޔަވައި އިތުރު ލިޔުމެއް ނެތް ކަމަށެވެ. ޝަރީއަތް މަޑުޖައްސާލާނީ އެފަދަ ލިޔުމެއް ގެނައުމުން ކަމަށް ވިދާޅުވި އެވެ.

ހައި ކޯޓުގެ ރަޖިސްޓްރާގެ ނިންމުން ފަނޑިޔާރުންގެ މަޖިލީހުގައި އިސްތިއުނާފް ކުރަން ހުށަހެޅިކަން އެނގޭނެ އީމެއިލް ކޯޓަށް ހުށަހަޅާފައިވާނެ ކަމަށް ޔާމީންގެ ވަކީލުން ވިދާޅުވި އެވެ. ގާޒީ ޝަކީލް ވިދާޅުވީ ގަބޫލުކުރާނީ ރަސްމީ ލިޔުމެއް ކަމަށެވެ. އަދި އެ މައްސަލާގައި ދެ ފަރާތުން ހެކި ހާމަ ކުރުމަށް އިތުރު އަޑުއެހުމެއް އަންނަ މަހު ބާއްވާނެ ކަމަށް ވިދާޅުވި އެވެ.

މަނީ ލޯންޑްރިިންގެ ކުށުގައި ޔާމީން ފަސް އަހަރަށް ޖަލަށްލުމާ އެކު ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރަން ކުރިން ކޮށްފައިވާ ހުކުމް ހައި ކޯޓުން ދާދިފަހުން ވަނީ ދަމަހައްޓައިފަ އެވެ. އެ މައްސަލަ އިސްތިއުނާފް ކުރުމުގެ މަސައްކަތް ޔާމީންގެ ވަކީލުން ގެންދަވަނީ ކުރައްވަމުންނެވެ.