Roadha Mihaaru
"ޔާމީނަށް ދައުވާކުރީ ސަރުކާރުގެ ނާގާބިލްކަން ފޮރުވަން"

ޔާމީނަށް ދައުވާކުރީ ސަރުކާރުގެ ނާގާބިލްކަން ފޮރުވަން: އިދިކޮޅު

29 ޖޫން 2020

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އާ ދައުވާތަކެއް ކުރަނީ ސަރުކާރުގެ ނާބިލްކަމާ މެދު ރައްޔިތުންގެ ހިތްހަމަނުޖެހުން ބޮޑުވެފައި ވާތީ ސަމާލުކަން އެހެން ދިމާލަކަށް އަނބުރާލަންވެގެން ކަމަށް އިދިކޮޅު ކޯލިޝަނުން މިއަދު ބުނެފި އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އާ ދައުވާތަކެއް ކުރަނީ ސަރުކާރުގެ ނާބިލްކަމާ މެދު ރައްޔިތުންގެ ހިތްހަމަނުޖެހުން ބޮޑުވެފައި ވާތީ ސަމާލުކަން އެހެން ދިމާލަކަށް އަނބުރާލަންވެގެން ކަމަށް އިދިކޮޅު ކޯލިޝަނުން މިއަދު ބުނެފި އެވެ.

މިހާރުވެސް މަނީ ލޯންޑަރިންގެ ކުށުގައި ފަސް އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ ރައީސް ޔާމިންގެ މައްޗަށް ޕްރޮސެކިއިޓާ ޖެނެރަލް އޮފީހުން އިއްޔެ އުފުލާފައި ވަނީ މަނީ ލޯންޑަރިން އާއި ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާ އެވެ. ޕީޖީ އޮފީހުން ބުނި ގޮތުގައި ދައުވާ އުފުލީ ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ރ. ފުއްގިރި ތަރައްގީކުރަން ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި ޔާމީން، މަގާމުގެ ނުފޫޒު ބޭނުން ކުރައްވައި 1.1 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 17.2 މިލިއަން ރުފިޔާ) ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށް އެ ފައިސާ ލޯންޑަކުރުމަށް ފަށަލަކޮށްފައިވާ މައްސަލައިގަ އެވެ.

މިކަމާ ގުޅިގެން ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ނެރުނު ބަޔާނުގައި ބުނީ ޔާމީންގެ މައްޗަށް "ކުއްލި ގޮތަކަށް" ކޮށްފައިވާ ދެ ދައުވާ އަކީ ވެސް ސިޔާސީ ދެ ދައުވާ ކަމަށެވެ. އަދި ހުކުރު ދުވަހު ސަފާރިއެއްގައި ކެންޔާ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތުހުތުގައި ހައްޔަރުކުރި މީހުން ދޫކޮށްލި މައްސަލާގައި އަމާޒުވެފައިވާ ފާޑުކިޔުންތަކަކީ ވެސް މި ދައުވާ ކުރުމުގެ ސަބަބެއް ކަމަށް ބަލަން ފުރުސަތު އެބަ އޮތް ކަމަށް ވަނީ ބުނެފަ އެވެ.

ވެރިންގެ ނާގާބިލްކަމުގެ ސަބަބުން ގައުމުގެ އިގްތިސާދު ހަލާކުވެފައިވާ ކަމަށާއި އިޖްތިމާއީ ފޭރާން ވެސް ވީދި ހުރިހާ ގޮތަކުން ވެސް ސަރުކާރު ފެއިލް ވަމުންދާ ކަމަށް ބަޔާނުގައިވެ އެވެ. އަދި ބުނެފައިވަނީ އެކަންކަމުން އަރައިގަތުމަށްޓަކައި އެއްވެސް ފިޔަވަޅެއް އެޅުމުގެ ގާބިލްކަމެއް ސަރުކާރުގެ ނެތް ކަމަށާއި ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދިނުމުގެ ގާބިލް ކަމެއް ވެސް ނެތް ކަމަށެވެ.