Roadha Mihaaru
އާމިރު ހާން ފޯނު ގެންގުޅުން ވަގުތީ ގޮތުން ހުއްޓާލައިފި

"ލާލް ސިންގް ޗައްޑާ" ރިލީޒްކުރަންދެން އާމިރު ފޯނެއް ނުގެންގުޅޭނެ

02 ފެބުރުއަރީ 2021

ޝޫޓިން ފަށާފައި އޮތް ފިލްމު "ލާލް ސިންގް ޗައްޑާ" ގެ މަސައްކަތްތަކަށް އަހަރުގެ ބާކީ މިއޮތް މުއްދަތުގެ ތެރޭގައި މުޅި ފޯކަސް ދޭން ބޭނުންވާތީ އާމިރު ޚާން އޭނާގެ އަމިއްލަ މޮބައިލް ފޯނު ބޭނުންކުރުން ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޝޫޓިން ފަށާފައި އޮތް ފިލްމު "ލާލް ސިންގް ޗައްޑާ" ގެ މަސައްކަތްތަކަށް އަހަރުގެ ބާކީ މިއޮތް މުއްދަތުގެ ތެރޭގައި މުޅި ފޯކަސް ދޭން ބޭނުންވާތީ އާމިރު ޚާން އޭނާގެ އަމިއްލަ މޮބައިލް ފޯނު ބޭނުންކުރުން ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި މި އަހަރުގެ ޑިސެމްބަރު މަހުގެ 25 ގައި ރިލީޒްކުރަން ތާވަލުކޮށްފައި އޮތް ފިލްމުގެ ކުރިން އެއްވެސް ކަމެއްގައި އާމިރު ދެން އަމިއްލަ ފޯނު ބޭނުމެއް ނުކުރާނެ އެވެ. އަދި އޭނާ ފޯނުން ކުރަން ޖެހޭ މުއާމަލާތްތައް ދެން ކުރާނީ ފިލްމުގެ ޕްރޮޑަކްޝަން ޓީމްގެ އިސް މީހުން މެދުވެރިކޮށެވެ. އަދި މިކަމުގައި އާމިރަށް އެންމެ ބޮޑު އެހީއެއް ދޭނީ އަންހެނުން ކިރަން ރާއޯ އެވެ.

"ލާލް ސިންގް ޗައްޑާ" ގެ ޝޫޓިން ފެށީ 2019 ގަ އެވެ. އަދި މި ފިލްމަކީ ކުރިން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ގައި ސިނަމާތަކަށް ގެންނަން ތާވަލުކުރި ފިލްމެކެވެ. އެކަމަކު މިދިޔަ އަހަރު ކޮވިޑް-19 ގެ ތުރާތަކާ ހެދި ފިލްމުގެ ޝޫޓިން ވެސް ނުނިންމި ދިގުލައިގެން ދިއުމުން މި އަހަރަށް ފަސްކުރީ އެވެ.

އަދުވައިތު ޗަންދަން ޑައިރެކްޓްކުރާ ފިލްމުގެ ވަރަށް ބޮޑު ބައި މިހާރު މިދިޔަ އަހަރުގެ ލޮކްޑައުން އަށް ފަހު ވެސް ޝޫޓްކުރި ނަމަވެސް އަދިވެސް ފިލްމުގައި ނަގަން ޖެހޭ މަންޒަރުތަކެއް ހިމެނެ އެވެ. އެހެންވެ މި ވަގުތު މުޅި ފޯކަސް ފިލްމަށް ހުސްކުރުމުގެ ގޮތުން އާމިރު ފޯނާ ދުރުވާން ނިންމީ އެވެ.

"ލާލް ސިއްގް ޗައްޑާ" ގެ މަންޒަރުތަކެއް އަދި ނުނެގި އޮތަސް ފިލްމުގެ ޓީމުން އަންނަނީ ފިލްމުގައި މި ވަގުތަށް ކުރެވެން ހުރި އިތުރު ބައެއް މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން ޕޯސްޓް-ޕްރޮޑަކްޝަންގެ ތެރެއިން އެޑިޓިން އާއި ބެކް މިއުޒިކް ފަދަ މުހިއްމު މަސައްކަތްތައް ހިމެނެ އެވެ.

ކަރީނާ ކަޕޫރް ބަތަލާގެ ރޯލުން ފެންނާނެ "ލާލް ސިންގް ޗައްޑާ" އަކީ 1994 ގައި ރިލީޒްކުރި ހޮލީވުޑްގެ ފިލްމު "ފޮރެސްޓް ގަމްޕް" އަސްލަކަށް ބަލައިގެން ހަދާ ފިލްމެކެވެ.

މިއީ މި އަހަރުގެ އެންމެ އުންމީދީ އެއް ފިލްމެވެ.