Roadha Mihaaru
ނާގުރްޖުނާގެ ދަރިފުޅު ބޮލީވުޑަށް ނުކުންނަކަން ކަށަވަރު

ނާގުރްޖުނާގެ ދަރިފުޅު ބޮލީވުޑަށް ނުކުންނަކަން ކަށަވަރު

11 ޖުލައި 2021

ބޮލީވުޑްގެ ފިލްމުތަކެއް ވެސް ކުޅެފައިވާ އިންޑިއާގެ ދެކުނު ފިލްމު އިންޑަސްޓްރީގެ މަޝްހޫރު އެކްޓަރު އަކިނޭނީ ނާގުރްޖުނާގެ ދޮށީ ފިރިހެން ދަރިފުޅު ނާގަ ޗައިތަނިއާ ބޮލީވުޑަށް ނުކުންކަން އުޅޭކަން ކަށަވަރުކޮށްދީފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑްގެ ފިލްމުތަކެއް ވެސް ކުޅެފައިވާ އިންޑިއާގެ ދެކުނު ފިލްމު އިންޑަސްޓްރީގެ މަޝްހޫރު އެކްޓަރު އަކިނޭނީ ނާގުރްޖުނާގެ ދޮށީ ފިރިހެން ދަރިފުޅު ނާގަ ޗައިތަނިއާ ބޮލީވުޑަށް ނުކުންކަން އުޅޭކަން ކަށަވަރުކޮށްދީފި އެވެ.

ބައްޕަ ފަދައިން ފިލްމީ ދާއިރާގައި މަސައްކަތްކުރަމުން އަންނަ 34 އަހަރުގެ އެކްޓަރު އާމިރު ޚާންގެ ކުރިއަށް އޮތް ފިލްމު "ލާލް ސިންގް ޗައްޑާ" އަށް ސޮއިކުރި ވާހަކަ ދެކެވެމުން އަންނަނީ މިދިޔަ އަހަރުން ފެށިގެންނެވެ. އެކަން އޭނާ ރަސްމީކޮށް ހާމަކުރީ ހުކުރު ދުވަހު އިންސްޓަގްރާމްގައި ޕޯސްޓްކުރި ފޮޓޯއަކާ އެކީގަ އެވެ.

އޭގައި ފެންނަނީ ފިލްމުގެ ސެޓްގައި އާމިރާއި އޭނާގެ ކުރީގެ އަންހެނުން ޕްރޮޑިއުސަރު ކިރަން ރާއޯގެ އިތުރުން ޑައިރެކްޓަރު އަދުވައިތު ޗަންދަނާ އެކު ނާގަ ފޮޓޯއަކަށް ހުއްޓިގެން ތިބޭ ތަނެވެ. އާމިރާއި ނާގަ ތިބީ އަސްކަރީ ޔުނިފޯމްގަ އެވެ.

"ލާލް ސިންގް ޗައްޑާ" އިން ނާގަ އަށް ފުރުސަތު ދިނީ އޭނާ އަށް ދިން ރޯލު ކުރިން ތަމަޅަ އެކްޓަރު ވިޖޭ ސެތުޕަތީ އަށް ދިނުމުން އާމިރާއި ވިޖޭއާ ދެމެދު ފަހުން އުފެދުނު ހިޔާލު ތަފާތުވުންތަކަކާ ހެދި އޭނާ ފިލްމު ދޫކޮށްލުމުންނެވެ.

ނާގަ ބޮލީވުޑަށް ތައާރަފުވާ އިރު، ދާދި ފަހުން އެމެޒޯން ޕްރައިމް ވީޑިއޯ އިން ގެނެސްދިން ބޮލީވުޑްގެ އެކްޓަރު މަނޯޖް ބަޖްޕާއީ ވެބް ސީރީޒް "ފެމިލީ މޭން" ގެ ދެވަނަ ސީޒަނުގައި ނާގަގެ އަންހެނުން ސަމަންތާ އަކިނޭނީ ވަރުގަދަ ރޯލެއް ކުޅެފައިވެ އެވެ. އޭނާ އަކީ ދެކުނު ފިލްމު އިންޑަސްޓްރީގެ އެންމެ މަޝްހޫރު އެއް ބަތަލާ އެވެ.

ނާގަ އާއި ސަމަންކާ ކައިވެނިކުރީ 2017 ގަ އެވެ. ނާގަގެ އިތުރުން ނާގުރްޖުނާގެ ދެން ހުންނަނީ އާހިލް އަކިނޭނީ، 27، އެވެ. އޭނާ އަކީ ވެސް އެކްޓަރެކެވެ.

ދޮށީ ދަރިފުޅަށް ބޮލީވުޑްގެ ބޮޑު ފިލްމަކުން ފުރުސަތު ލިބުނު އިރު، ނާގުރްޖުނާ، 61، ގެ ކުރިއަށް އޮތް ހިންދީ ފިލްމަކީ އާލިއާ ބަޓާއި ރަންބީރް ކަޕޫރްގެ "ބުރައްމަސްތުރާ" އެވެ. އޭނާ ކުރިން ކުޅެފައިވާ ހިންދީ ފިލްމުތަކުގެ ތެރޭގައި "ޚުދާ ގަވާ"، "މިސްޓަ ބޭޗަރާ" އަދި "އެލްއޯސީ: ކަރްގިލް" ފާހަގަކޮށްލެވެ އެވެ.