Roadha Mihaaru
ކަރީނާ ބަލިވެއިނުމުން އާމިރުގެ ފިލްމު އަވަސްކުރަނީ

ކަރީނާ ކަޕޫރް ބަލިވެއިނުމުން "ލާލް ސިންގް ޗައްޑާ" ގެ ޝޫޓިން އަވަސްކުރަނީ

17 އޯގަސްޓް 2020

ބަތަލާ ކަރީނާ ކަޕޫރް ދެވަނަ ދަރިފުޅަށް ބަލިވެއިނުމާ ގުޅިގެން، އޭނާ ޝޫޓިން ފަށާފައި އޮތް އާމިރު ޚާންގެ ފިލްމު "ލާލް ސިންގް ޗައްޑާ" ގެ ބާކީ ހުރި މަންޒަރުތައް ނެގުމުގެ މަސައްކަތް އަވަސްކުރަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބަތަލާ ކަރީނާ ކަޕޫރް ދެވަނަ ދަރިފުޅަށް ބަލިވެއިނުމާ ގުޅިގެން، އޭނާ ޝޫޓިން ފަށާފައި އޮތް އާމިރު ޚާންގެ ފިލްމު "ލާލް ސިންގް ޗައްޑާ" ގެ ބާކީ ހުރި މަންޒަރުތައް ނެގުމުގެ މަސައްކަތް އަވަސްކުރަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ކަރީނާ އާއި ސައިފް އަލީ ޚާނަށް ދެވަނަ ދަރިއަކު ލިބެން އުޅޭކަން އިއުލާންކުރީ މިދިޔަ ހަފުތާގެ ތެރޭގަ އެވެ.

ކޮވިޑް-19 ފެތުރޭތީ މާޗް މަހުގެ މަހުގެ ފަހުކޮޅު އިންޑިއާ ލޮކްޑައުންއަކަށް ދިޔަ އިރު "ލާލް ސިންގް ޗައްޑާ" ގެ ޝޫޓިންގެ އަދި ބާކީ 40 ޕަސެންޓް ނުނިމި އެބައޮތެވެ. އާމިރު މި ވަގުތު ހުރީ ތުރުކީގަ އެވެ. މީޑިއާތަކުން ބުނީ އޭނާ އެ ގައުމަށް ދިޔައީ ފިލްމުގެ ޝޫޓިން އަށް ކަމަށެވެ. ނަމަވެސް ބައެއް މީޑިއާތަކުން ބުނީ އާމިރު މި ވަގުތު ތުރުކީގައި ހުރީ ފިލްމުގެ ޝޫޓިން އަށް ނޫން ކަމަށާއި އޭނާ ދިޔައީ ލޮކޭޝަން ހޯދަން ކަމަށެވެ.

ތުރުކީ އަށް އާމިރު ދިއުމުގެ ކުރިން ބައެއް މީޑިއާތަކުން ވަނީ "ލާލް ސިންގް ޗައްޑާ" ގެ ބާކީ ހުރި މަންޒަރުތައް ނަގާނީ ތުރުކީ އާއި ޖޯޖިއާގައި ކަމަށް ބުނެފަ އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި ކަރީނާ، 39، ބަލިވެއިނުމާ ގުޅިގެން ފިލްމީ މަސައްކަތްތަކުން ވަރަށް އަވަހަށް ބްރޭކަކަށްދާނެތީ އޭގެ ކުރިން "ލާލް ސިންގް ޗައްޑާ" ގައި ހިމެނޭ އޭނާގެ ހުރިހާ މަންޒަރުތަކެއް ވީހާ ވެސް އަވަހަކަށް ނަގައި ނިންމައިލެވޭނެ ގޮތް ހަދައިދޭން ފިލްމުގެ ޓީމުން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.

ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި ކަރީނާ ވެސް ކާސްޓްގައި ހިމެނޭ ކަރަން ޖޯހަރުގެ ތާރީހީ ބޮޑު ފިލްމު "ތަޚުތު" މި ވަގުތަށް ބާއްވާފައި ކަރަން އެހެން ފިލްމެއް ހަދަން މިހާރު ނިންމާފައި ވަނީ ވެސް ކަރީނާ ބަލިވެއިނުމާ ގުޅިގެންނެވެ. މީޑިއާތަކުން ބުނިގޮތުގައި "ތަޚުތު" ގެ ކުރިން ކަރަން ހަދަން ނިންމާފައިވާ ފިލްމުގެ ތަރިންނަކީ ރަންވީރު ސިންގް އާއި އާލިއާ ބަޓެވެ.

އަންނަ އަހަރުގެ ޑިސެމްބަރު 24 ގައި ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި އޮތް "ތަޚުތު" އަކީ އެކި ސަބަބުތަކާ ހެދި ޝޫޓިން ނުފެށި ވަރަށް ބޮޑަށް ދިގުލައިގެން ގޮސްފައިވާ ފިލްމެކެވެ. އެ ފިލްމު އިއުލާންކުރީ 2018 ގަ އެވެ.

"ލާލް ސިންގް ޗައްޑާ" ގެ މަސައްކަތް ވެސް ލޮކްޑައުންއާ ހެދި ހުއްޓި، ދިގުލައިގެން ދިއުމުން އެ ފިލްމު މިހާރު ވަނީ އަންނަ އަހަރު އަޅުވަން ފަސްކޮށްފަ އެވެ. މިހާރު ތާވަލުކޮށްފައި އޮތް ގޮތުން ފިލްމު ރިލީޒްކުރާނީ އަންނަ އަހަރުގެ ކްރިސްމަސްގަ އެވެ. ކުރިން ފިލްމު ރިލީޒްކުރަން ނިންމީ މި އަހަރުގެ ޑިސެމްބަރު 25 ގަ އެވެ.

އަދުވައިތު ޗަންދަން ޑައިރެކްޓްކުރާ "ލާލް ސިންޗގް ޗައްޑާ" އަކީ 1994 ގައި ނެރުނު ހޮލީވުޑްގެ ފިލްމު "ފޮރެސްޓް ގަމްޕް" އަސްލަކަށް ބަލައިގެން ހަދާ ފިލްމެކެވެ.