Roadha Mihaaru
ކޮންރެޑުން ވަކިކުރި 22 މީހުންނަށް ވަޒީފާއެއް ނުދިން

ކޮންރެޑުން 22 މީހަކު ވަކިކުރީ ގޯސްކޮށް، އެކަމަކު އަލުން ވަޒީފާ ދޭކަށް ނުޖެހޭނެ: ސުޕްރީމް ކޯޓު

03 ފެބުރުއަރީ 2021

ކޮންރަޑް ރަންގަލި ރިސޯޓުން 22 މީހަކު މީގެ 10 އަހަރު ކުރިން ވަކިކުރީ ގޯސްކޮށް ކަމަށް ކަނޑައަޅައި، އެކަމަކު އެ މީހުންނަށް އަލުން ވަޒީފާ ދޭން ނުޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކޮންރަޑް ރަންގަލި ރިސޯޓުން 22 މީހަކު މީގެ 10 އަހަރު ކުރިން ވަކިކުރީ ގޯސްކޮށް ކަމަށް ކަނޑައަޅައި، އެކަމަކު އެ މީހުންނަށް އަލުން ވަޒީފާ ދޭން ނުޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ކްރައުން ކޮމްޕެނީން ހިންގި ކޮންޑްރެޑް ރަންގަލި ރިސޯޓްގައި ވަޒީފާ އަދާކުރަމުން ދިޔަ 21 މުވައްޒަފަކު ޖޫން، 2011 ވަނަ އަހަރު ވަކިކުރި މައްސަލާގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން 2012 ވަނަ އަހަރު އެންގީ އެ މީހުންނަށް އަލުން ވަޒީފާ ދިނުމަށެވެ. ހައި ކޯޓުން 2013 ގައި ނިންމީ އެ މީހުންނަށް އަލުން ވަޒީފާ ދޭން ނުޖެހޭ ކަމަށާއި އެކަމަކު އެ މީހުންނަށް ލިބެންޖެހޭ ބަދަލުގެ މިންވަރު ޓްރައިބިއުނަލުން ކަނޑައަޅަން ޖެހޭނެ ކަމަށެވެ. އެކަމަކު ސުޕްރީމް ކޯޓުން 2015 ގައި އެ ހުކުމް ބާތިލްކޮށް އެ މައްސަލަ އަލުން ބަލަން ހައި ކޯޓަށް ފޮނުވި އެވެ.

މައްސަލަ އަލުން ބެލުމަށް ފަހު ހައި ކޯޓުން 2017 ގައި ނިންމީ އެ މީހުން ވަކިކުރީ ގޯސްކޮށް ކަމަށާއި އެ މީހުންނަށް އެ މީހުންނަށް އަލުން ވަޒީފާ ދޭންޖެހޭނެ ކަމަށެވެ. ސުޕްރީމް ކޯޓުން މިއަދު ނިންމީ ހައި ކޯޓުގެ އެ ހުކުމް ކްރައުން ކުންފުނިން އިސްތިއުނާފް ކުރި މައްސަލަ އެވެ.

ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ އެ މީހުން ވަކިކުރީ ރިސޯޓްގެ ވިލާތަކެއް ވަގުތީ ގޮތުން ބަންދުކުރަން ޖެހުމުން ރިސޯޓްގެ އޮކިއުޕެންސީ ދަށްވެ، ރިޑަންޑެންސީގެ ހާލަތު ކުރިމަތިވުމުން ކަމަށް ކްރައުން ކުންފުނިން ބުނެފައި ވިޔަސް، އޭގެ ސަބަބުން އެއްވެސް މުވައްޒަފަކު ވަކިކުރަން ޖެހިދާނެ ކަމަށް އެ ކުންފުނިން އޭރު އަންގާފައިވާ ކަން ސާބިތުވާން ނެތް ކަމަށެވެ. އޭރު ވަގުތީ މުވައްޒަފުންތަކެއް ރިސޯޓުގައި ތިއްބާ އެ މީހުން ވަކިނުކޮށް، ދާއިމީ 21 މުވައްޒަފަކު ވަޒީފާއިން ވަކިކުރި ސަބަބެއް ބުނެދެވިފައިނުވާ ކަމަށް ހުކުމުގައިވެ އެވެ. އެހެންވެ، މީހުން ވަކި ކުރުމުގައި ކްރައުން ކޮމްޕެނީން އަމަލުކުރީ ތެދު ނިޔަތެއްގައި ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ސުޕްރީމް ކޯޓުގެ ނިންމުމުގައިވެ އެވެ.

އެ މީހުންނަށް އަލުން ވަޒީފާ ދޭން ޓްރައިބިއުނަލާއި ހައި ކޯޓުން ނިންމާފައި އޮތަސް، ސުޕްރީމް ކޯޓުގެ ހުކުމުގައިވަނީ އެ މީހުންނަށް އަލުން ވަޒީފާ ދިނުމުގެ ބަދަލުގައި މިހާރު ދޭންޖެހޭނީ އެކަށީގެންވާ ބަދަލެއް ކަމަށެވެ. ސަބަބެއްގެ ގޮތުގައި ހުކުމުގައިވަނީ އެ މީހުން ވަކިކުރި ފަހުން ފެށިގެން ދިގު މުއްދަތެއް ފާއިތުވެފައި ވުމާއި ދެ ފަރާތުގެ ދެމެދުގައި އިތުބާރާ ގުޅޭ މައްސަލަތަކެއް ފެންމަތިވެފައި ހުރުމުން އެއީ އަލުން ވަޒީފާ ދޭން ހުރަސް އަޅާ ސަބަބުތަކެއް ކަމަށް ވާތީ ކަމަށް އެ ހުކުމުގައިވެ އެވެ.

އެކަމަކު އެ މީހުން ވަކި ކުރިއިރު ކްރައުން ކޮމްޕެނީން އެ މީހުންނަށް ނޯޓިސްގެ ބަދަލުގައި ދޭންޖެހޭ ފައިސާ އާއި ރިޑަންޑަންސީގެ ފައިސާ ދީފައިިވާތީ އަދުލުވެރި ބަދަލެއްގެ އެ މީހުންނަށް ލިބިފައިވާތީ އިތުރު ބަދަލެއް ދޭން ނުޖެހޭ ކަމަށް އެ ހުކުމުގައިވެ އެވެ. އެކަމަކު ވަޒީފާއިން ވަކި ކުރުމުން ލިބުނު ގެއްލުމެއް އޮތް ނަމަ، އެކަމަށް ވަކިން ދައުވާ ކުރުމުގެ ހައްގު އޮންނާނެ ކަމަށް އެ ހުކުމުގައިވެ އެވެ.

އެކަންކަން ފާހަގަކޮށް، ސުޕްރީމް ކޯޓުގެ ހުކުމުގައިވަނީ އެ މީހުން ވަކިކުރީ ގޯސްކޮށް ކަމަށް ޓްރައިބިއުނަލާއި ހައި ކޯޓުން ނިންމި ބަޔަކަށް ތާއީދުކުރާ ކަމަށެވެ. އެކަމަކު އެ މީހުންނަށް އަލުން ވަޒީފާ ދޭން އަންގާފައިވާ ބާތިލް ކުރީ ކަމަށް އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުުން ކުރި ހުކުމުގައިވެ އެވެ.

ފަނޑިޔާރު މަހާޒް އަލީ ޒާހިރު ރިޔާސަތު ބެލެހެއްޓެވި ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ އިތުރުން ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދެވެ.