Roadha Mihaaru
ބަޣާވާތަށް ފަހު ސޫކީގެ މައްޗަށް އެތައް ދައުވާއެއް

ބަޣާވާތަށް ފަހު ސޫކީގެ މައްޗަށް އެތައް ދައުވާއެއް

03 ފެބުރުއަރީ 2021

ނޭޕީޓޯ (ފެބްރުއަރީ 3) - މިއަންމާގެ މަދަނީ ލީޑަރު އަން ސަން ސޫކީ އިސްވެ އުފައްދާފައިވާ ސަރުކާރު، އެ ގައުމުގެ ސިފައިންގެ ބަޣާވާތަކުން ވައްޓާލުމަށް ފަހު ސޫކީގެ މައްޗަށް އެތައް ދައުވާއެއް ފުލުހުން ކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ނޭޕީޓޯ (ފެބްރުއަރީ 3) - މިއަންމާގެ މަދަނީ ލީޑަރު އަން ސަން ސޫކީ އިސްވެ އުފައްދާފައިވާ ސަރުކާރު، އެ ގައުމުގެ ސިފައިންގެ ބަޣާވާތަކުން ވައްޓާލުމަށް ފަހު ސޫކީގެ މައްޗަށް އެތައް ދައުވާއެއް ފުލުހުން ކޮށްފި އެވެ.

ބަޣާވާތަށް ފަހު ސޫކީ އާއި ސަރުކާރުގެ އިސް ވެރިން ވަނީ ހައްޔަރުކޮށްފަ އެވެ. ސޫކީގެ ބަންދުގެ މުއްދަތު ވަނީ މި މަހުގެ 15 ވަނަ ދުވަހާ ހަމައަށް އިތުރުކޮށްފަ އެވެ.

ސޫކީގެ މައްޗަށް ފުލުހުން ހުށަހެޅި ދައުވާތަކުގެ ތެރޭގައި އިމްޕޯޓް އަދި އެކްސްޕޯޓުގެ ގާނޫނާ ޚިލާފުވުމާއި ހުއްދަދީފައި ނުވާ ކޮމިއުނިކޭޝަން ޑިވައިސްތަކެއް ގެންގުޅުން ހިމެނެ އެވެ.

ބަޣާވާތަށް ފަހު ސޫކީ ވީތަނެއް ނޭނގެ އެވެ. ނަމަވެސް ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި އެކަމަނާ ހުންނެވީ ވެރިރަށް ނޭޕީޓޯގައި ގޭބަންދުކޮށްފަ އެވެ.

މަގާމުން ދުރުކުރި މިއަންމާގެ ރައީސް ވިން މިންޓުގެ މައްޗަށް ވެސް ވަނީ ދައުވާކޮށްފަ އެވެ. ރައީސްގެ މައްޗަށް ކޮށްފައިވާ ދައުވާތަކުގެ ތެރޭގައި ކޮވިޑުގެ ބަލިމަޑުކަމުގެ ތެރޭގައި އެއްވުންތައް ބޭއްވުން މަނާކޮށްފައި އޮތް އޮތުމާ ޚިލާފުވުން ހިމެނެ އެވެ. އޭގެ ތެރޭގައި އިންތިޚާބަށް ކެމްޕޭން ކުރުން ވެސް ހިމެނެ އެވެ. ރައީސް މިންޓުގެ ބަންދުގެ މުއްދަތު ވެސް ވަނީ ދެ ހަފުތާ އަށް އިތުރުކޮށްފަ އެވެ.

ބަޣާވާތް ގެނައުމުގައި އިސްކޮށް ހުންނެވި ސިފައިންގެ ވެރިޔާ މިން އައުންގް ލައިން ވަނީ 11 މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެއް، ގައުމު ހިންގަން އެކުލާލައިފަ އެވެ.

މިއަންމާ ސިފައިން ބަޣާވާތްކޮށްފައި ވަނީ ނޮވެމްބަރު މަހު ބޭއްވި ޕާލަމެންޓުގެ އިންތިޚާބުގެ ނަތީޖާ ގަބޫލް ކުރަން ދެކޮޅު ހެދުމަށް ފަހު އެވެ. އެ އިންތިޚާބުން ސޫކީގެ ޕާޓީ ވަނީ ބޮޑު އަޣުލަބިއްޔަތެއް ހޯދައިފަ އެވެ.

މިއަންމާގެ ޑިމޮކްރެޓިކް ލީޑަރު ސޫކީ. --ފޮޓޯ: ގެޓީ އިމޭޖަސް

މިއަންމާގެ ޑިމޮކްރެޓިކް ލީޑަރު ސޫކީ. --ފޮޓޯ: ގެޓީ އިމޭޖަސް

ސޫކީ - ސިފައިންގެ ފިއްތުންތަކުގެ ދަށުގައި

ސޫކީ، 75، އަކީ މިއަންމާގެ މިނިވަންކަމުގެ ބަތަލް ޖެނެރަލް އަން ސަންގެ ދަރިކަނބަލެކެވެ. ސޫކީގެ އުމުރުން ދެ އަހަރުގައި ބައްޕާފުޅު ވަނީ އަވަހާރަކޮށްލައިފަ އެވެ. ސޫކީ ވަނީ މިއަންމާގައި އިންސާނީ ހައްގުތައް ގާއިމް ކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވައިފަ އެވެ. މިއަންމާގެ އަސްކަރިއްޔާއާ ދެކޮޅަށް ފާޅުގައި އަޑު އުފުއްލެވުމުގެ ނަތީޖާއެއްގެ ގޮތުން ސޫކީ ވަނީ 1989-2010 އާ ދެމެދު 15 އަހަރު ގޭ ބަންދުގައި ހުންނަވަން ޖެހިފަ އެވެ. ގޭ ބަންދުގައި ހުންނަވަނިކޮށް ސޫކީ އަށް 1991 ވަނަ އަހަރު ވަނީ ނޯބެލް ސުލްހައިގެ އިނާމު ލިބިވަޑައިގެންފަ އެވެ.

ނޮވެމްބަރު 2015 ގައި މިއަންމާގައި ބޭއްވި އިންތިޚާބުން ސޫކީގެ އެންއެލްޑީ ވަނީ ބޮޑު ކާމިޔާބެއް ހޯދައިފަ އެވެ. ނަމަވެސް ސޫކީ އަށް ވެރިކަމަށް ވަޑައިނުގެންނެވުނީ އެކަމަނާގެ ދެ ދަރިކަލުން ބޭރު ގައުމެއްގެ ރަށްވެހިކަން އޮންނާތީ އެވެ. ވެރިކަން ލިބިވަޑައިނުގެންނެވި ނަމަވެސް ސްޓޭޓް ކައުންސެލާގެ ހައިސިއްޔަތުން މިއަންމާގެ ލީޑަރެއްގެ ގޮތުގައި ސޫކީ ވަނީ މަސައްކަތް ކުރައްވައިފަ އެވެ. ނަމަވެސް ރޮހިންޖާ މުސްލިމުންނާ މެދު މިއަންމާ ސަރުކާރުން އަމަލު ކުރި ގޮތުން ސޫކީގެ އަގު ވަނީ މުޅި ދުނިޔޭގައި ވަރަށް ބޮޑަށް ވެއްޓިފަ އެވެ.