Roadha Mihaaru
މިޔަންމާގެ އަސްކަރީ ވެރިޔާ އަމިއްލައަށް ބޮޑުވަޒީރަކަށް

މިޔަންމާގެ އަސްކަރީ ވެރިޔާ އަމިއްލައަށް ބޮޑުވަޒީރަކަށް

01 އޯގަސްޓް 2021

މިދިޔަ ފެބްރުއަރީ މަހު މިޔަންމާ އަށް ގެނައި އަސްކަރީ އިންގިލާބަށް ފަހު، ގައުމުގެ ވެރިކަން ހިންގަމުން އައި އަސްކަރީ ވެރިޔާ، ޖެނެރަލް މިން އައުންގް ލައިންގް، އޭނާ އަމިއްލަ އަށް ބޮޑުވަޒީރަކަށް ވެވަޑައިގެން، އިންގިލާބީ ވެރިކަމުގެ މުއްދަތު އޮގަސްޓް 2023 އަށް އިތުރުކޮށްފި އެވެ.

މިދިޔަ ފެބްރުއަރީ މަހު މިޔަންމާ އަށް ގެނައި އަސްކަރީ އިންގިލާބަށް ފަހު، ގައުމުގެ ވެރިކަން ހިންގަމުން އައި އަސްކަރީ ވެރިޔާ، ޖެނެރަލް މިން އައުންގް ލައިންގް، އޭނާ އަމިއްލަ އަށް ބޮޑުވަޒީރަކަށް ވެވަޑައިގެން، އިންގިލާބީ ވެރިކަމުގެ މުއްދަތު އޮގަސްޓް 2023 އަށް އިތުރުކޮށްފި އެވެ.

އިންގިލާބީ ވެރިކަމުގެ މުއްދަތު އިތުރުކުރެއްވި ކަން އިއުލާން ކުރެއްވުމަށް، ގައުމީ ޓީވީ އާއި ރޭޑިއޯ މެދުވެރިކުރައްވައި ދެއްކެވި ވާހަކައިގައި ޖެނެރަލް މިން އައުންގް ވިދާޅުވީ 2023 ވަނަ އަހަރުގެ ތެރޭގައި، މިނިވަން އިންސާފުވެރި އަދި ހުރިހާ ޕާޓީތަކަށް ބައިވެރިވެވޭ އިންތިހާބެއް ބާއްވާނެ ކަމަށެވެ. އެހެން ނަމަވެސް އޭނާ ގެންނެވި އިންގިލާބުގައި އެންމެ ފަހުން ވެރިކަމުން ދުރުކުރި ޕާޓީއަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް ވެސް ވިދާޅުވި އެވެ.

މިޔަންމާގެ އަސްކަރީ އިންގިލާބާ ދެކޮޅަށް އާންމު ރައްޔިތުން ކުރި މުޒާހަރާތައް ރޫޅައިލުމަށް ފުލުހުންނާއި ސިފައިން ބާރުގެ ބޭނުން ކުރުމުގެ ސަބަބުން، އެތައް ސަތޭކަ ބަޔަކު ވަނީ މަރުވެފަ އެވެ. އަދި މުޒާހަރާގެ ތެރެއިން އެތައް ހާސް ބަޔަކު ހައްޔަރުކޮށް، ހަމަނުޖެހުން ހިންގުމުގެ ތުހުމަތުގައި ޖަލަށް ލާފައިވެ އެވެ. ގަޑިއެއްހާއިރު ވަންދެން ދެއްކެވި ވާހަކައިގައި ޖެނެރަލް މިން އައުންގް ވިދާޅުވި ގޮތުގައި އަސްކަރީ ސަރުކާރާ ދެކޮޅަށް މަގުތަކަށް ނުކުތް މީހުންނަކީ ގަސްދުގައި ކޮވިޑް ފެތުރުމުގެ ނިޔަތުގައި މުޒާހަރާ އަށް ނުކުތް ބައެއް ކަމަށެވެ.

އަސްކަރީ އިންގިލާބަށް ފަހު އެ ގައުމުގައި ފަށާފައިވާ ސިލްސިލާ މުޒާހަރާތަކުގައި އެންމެ ގިނަ ބަޔަކު، އަޑު އުފުލަމުން ދަނީ، ކޮވިޑް-19 ކޮންޓްރޯލް ކުރުމުގައި ސަރުކާރުން ގެންގުޅޭ ދޯހަޅި ސިޔާސަތަށެވެ. އެ ގައުމުން މިހާތަނަށް ތިން ލައްކަ އަށް ވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހިފައިވާ އިރު، އޭގެ ތެރެއިން 9300 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

ޖެނެރަލް މިން އައުންގް ވިދާޅުވީ ކޮވިޑް ކޮންޓްރޯލް ކުރުމުގައި ސަރުކާރުން ގެންގުޅޭ ސިޔާސަތާ މެދު، ސޯޝަލް މީޑިއާގައި ފަތުރަނީ ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި އެއީ ސަރުކާރާ މެދު ރައްޔިތުން ނަފްރަތު ކުރުމުގެ މަގްސަދުގައި ބަޔަކު ރާވައިގެން ކުރާ ކަމެއް ކަމަށް ވެސް ޖެނެރަލް މިން އައުންގް ވިދާޅުވި އެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި މިޔަންމާގެ ގާނޫނީ ވެރިކަން ވައްޓާލައި، އަސްކަރީ ޖެނެރަލުން ވެރިކަމާ ހަވާލުވުމަށް ފަހު، އެއް އަހަރުގެ މުއްދަތަށް ވަނީ، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފަ އެވެ. ކުއްލި ނުރައްކަލުގެ ހާލަތުގައި ގައުމު އޮންނަ މުއްދަތުގައި، ގާނޫނު ހަދާ މަޖިލީހުގެ އެއްވެސް ބައްދަލުވުމެއް ނުބޭއްވޭނެ އެވެ. އަދި އާންމު ގާނޫނުތަކުގެ ތެރެއިން ވަރަށް ގިނަ ގާނޫނުތަކަށް އަމަލުކުރުން ވަނީ މެދުކަނޑާލައިފަ އެވެ.

އަސްކަރީ އިންގިލާބަށް ފަހު މިޔަންމާގެ ލީޑަރު އަންގް ސަން ސޫކީ ވަނީ، ސިފައިންގެ ބެލުމުގެ ދަށުން ހައްޔަރުކޮށް، އޭނާގެ މައްޗަށް ޖިނާއީ ބޮޑެތި ތުހުމަތުތަކެއް އުފުލައިފަ އެވެ.