Roadha Mihaaru
ހާއްސަ އެހީ ބޭނުންވާ މީހުންނަށް ސެންޓަރެއް ހަދަނީ

ހާއްސަ އެހީ ބޭނުންވާ މީހުންނަށް ސެންޓަރެއް ހަދަނީ

04 ފެބުރުއަރީ 2021

ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށާއި ކުޑަކުދިން ބޭނުންވާ ހިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ފަސޭހައިން ލިބޭނެ ގޮތް ހެދުމަށްޓަކައި ހާއްސަ ސެންޓަރެއް ގާއިމްކުރުމުގެ މަސައްކަތް ކުރައްވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށާއި ކުޑަކުދިން ބޭނުންވާ ހިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ފަސޭހައިން ލިބޭނެ ގޮތް ހެދުމަށްޓަކައި ހާއްސަ ސެންޓަރެއް ގާއިމްކުރުމުގެ މަސައްކަތް ކުރައްވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ދެއްވި ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ ޑިސްއެބިލިޓީ މެނޭޖްމެންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރެއް ގާއިމްކުރުމުގެ މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ. އަދި ކުޑަކުދިންނަށް ބޭނުންވާ އެކި ހިދުމަތްތައް ފަސޭހައިން ލިބޭނެ ގޮތް ހެދުމަށްޓަކައި ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ވެސް މަސައްކަތްތަކެއް ކުރައްވަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

"އެ ކުދިންނަށް ބޭނުންވާ ތެރަޕީ އާއި ފަރުވާ ލިބޭނެ ވަސީލަތްތަކާ އެކު ހުޅުމާލެ ހޮސްޕިޓަލުގައި ޗައިލްޑް ޑިވެލޮޕްމެންޓް ސެންޓަރެއް ގާއިމްކުރުމުގެ މަސައްކަތް އަޅުގަނޑު މި އަންނަނީ ކުރަމުން،" ރައީސް ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން ދެއްވަނީ -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން ދެއްވަނީ -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ކުޑަކުދިންނާއި ނުކުޅެދޭ މީހުންނަށް ތައާރަފްކޮށްފައިވާ ހިދުމަތުގެ އިތުރުން ދުވަސްވީ މީހުންނަށް ހާއްސަ މާހައުލެއް ގާއިމްކުރުމުގެ މަސައްކަތް ވެސް މިއަހަރު ފަށާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"ފަހުރުވެރިކަމާ އެކު ދިރިއުޅެވޭނެ މާހައުލެއް ގާއިމްކުރުމަށްޓަކައި މުޅިން އަލަށް އެލްޑަލީ ވިލެޖް އެއް އައްޑު އަތޮޅުގައި ގާއިމްކުރުމުގެ މަސައްކަތް ވެސް މިއަހަރު ފެށޭނެ،" ރައީސް ވިދާޅުވި އެވެ.

ރާއްޖޭގައި އިޖްތިމާއީ ކަންކަމާ ގުޅޭ ސިޔާސަތުތައް ބިނާ ކުރަނީ އިސްލާމް ދީނުގައިވާ އުސޫލްތަކާއި އެއްގޮތަށް ކަމަށް ރައީސް ވިދާޅުވި އެވެ. އޭގެ ތެރޭގައި ހަރުކަށު ފިކުރުން ދިވެހިން ސަލާމަތްކުރަން ކުރެވުނު މަސައްކަތް ހިމެނޭ ކަމަށް ވިދާޅުވި އެވެ.

"... ދީނުގެ ނަމުގައި ކުޑަކުދިންނާއި އަންހެނުންނަށް ޖިންސީ އަދި ޖިސްމާނީ ގޯނާކޮށް، ހައްގުތަކުން މަހްރޫމްކޮށް މުޖްތަމައު ބައިބައިކުރުމަށް އެއްވެސް ބަޔަކަށް މި ފަސްގަނޑުގައި އެއްވެސް ފުރުސަތެއް ނުދެވޭނެ،" ރައީސް ވިދާޅުވި އެވެ.

އަނިޔާ ތަހައްމަލުކުރާ މީހުންނަށް ރައްކާތެރި މާހައުލެއް ހޯދައިދިނުމަށްޓަކައި ވެސް މި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ

"އޭގެ ތެރެއިން އެންމެ މުހިއްމު ކަމެއްގެ ގޮތުގައި އަޅުގަނޑު ފާހަގަކުރަނީ ހަރުކަށި ފިކުރުގެ އޮއިވަރުން ދިވެހި ރައްޔިތުން ސަލާމަތްކުރުމަށް ކުރެވުނު މުހިއްމު މަސައްކަތްތައް،" އެ މަނިކުފާނު ވިދާޅުވި އެވެ.

މީގެ އިތުރުން ދައުލަތުގެ ބެލުމުގެ ދަށުގައި ވިލިމާލެ އަދި ހުޅުމާލޭގައި ހުރި ހިޔާތަކުގައި ތިބި ބައެއް ކުޑަކުދިން، އާއިލީ ވެށިތަކަށް ރަށްރަށަށް ބަދަލުކޮށްފައިވާ ކަމަށް ވެސް ރައީސް ފާހަގަކުރެއްވި އެވެ. އަދި ވިލިމާލެ އާއި ހުޅުމާލޭގެ ހިޔާގައި ތިބޭ ކުދިން ބަލަހައްޓަން ހަވާލުކޮށްފައިވާ މީހުން، އެ ކުދިންނަށް އެކި ބާވަތުގެ އަނިޔާކޮށްފައިވާ މައްސަލަ ވެސް ދައުލަތުން މިހާރު އަންނަނީ ތަހުގީގުކުރަމުން ކަމަށް ވިދާޅުވި އެވެ.