Roadha Mihaaru
ޖާބިރުގެ ހަޅޭކާއި ބޮނޑިތާނުގެ ހަގީގަތަކީ ކޮބާ؟

ޖާބިރުގެ ހަޅޭކާއި ބޮނޑިތާނުގެ ހަގީގަތަކީ ކޮބާ؟

05 ފެބުރުއަރީ 2021

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވަން އިއްޔެ ބޭއްވި ޖަލްސާ ފެށުމާ އެކު އިވެންފެށީ ކާށިދޫ ދާއިރާގެ މެމްބަރު އަބްުދުﷲ ޖާބިރުގެ ހަޅޭކުގެ އަޑެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރިޔާސީ ބަޔާނާ އެކު ފަހަތުން ވެސް "ސާފު ނުވާ ބަޔާނެއް"ގެ އަޑު އިވެމުން ދިޔަ އެވެ. ޖަލްސާގެ ފަހުން ޖާބިރުގެ އަނބިކަނބަލުން ދިޔާނާ ސައީދު، ޖާބިރު ވަރަށް ހާލުގައި އޮންނެވި ފޮޓޯއަކާ އެކު ކުރެއްވި ޓްވީޓެއްގައި ތުހުމަތުކުރެއްވީ ބައެއް މެންބަރުން ޖާބިރަށް އަނިޔާކުރީ ކަމަށެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވަން އިއްޔެ ބޭއްވި ޖަލްސާ ފެށުމާ އެކު އިވެންފެށީ ކާށިދޫ ދާއިރާގެ މެމްބަރު އަބްުދުﷲ ޖާބިރުގެ ހަޅޭކުގެ އަޑެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރިޔާސީ ބަޔާނާ އެކު ފަހަތުން ވެސް "ސާފު ނުވާ ބަޔާނެއް"ގެ އަޑު އިވެމުން ދިޔަ އެވެ. ޖަލްސާގެ ފަހުން ޖާބިރުގެ އަނބިކަނބަލުން ދިޔާނާ ސައީދު، ޖާބިރު ވަރަށް ހާލުގައި އޮންނެވި ފޮޓޯއަކާ އެކު ކުރެއްވި ޓްވީޓެއްގައި ތުހުމަތުކުރެއްވީ ބައެއް މެންބަރުން ޖާބިރަށް އަނިޔާކުރީ ކަމަށެވެ.

ދިޔާނާ ވިދާޅުވި ގޮތުން ނަމަ އިއްޔެ ހަތަރުދަން ހޭދަކުރައްވަން ޖެހިވަޑައިގަތީ ބޮނޑިތާން އެޅުއްވުމުގަ އެވެ.

ޖާބިރު ވިދާޅުވަމުން ގެންދެވި އެއްޗެއް، ޖަލްސާގެ ލައިވް ކަވަރޭޖްގައި މާރަނގަޅަކަށް ސާފެއް ނުވި އެވެ. ނަމަވެސް އޭނާގެ އަތުން ފައިސާތަކެއް ނަގައި އެ ނުދީ އުޅޭ ކަމަށް ކުރައްވާ ތުހުމަތެއްގެ ވާހަކަކަން ސާފުވާ ވަރުވި އެވެ. އެ ތުހުމަތު އަމާޒުކުރެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ކަމެއް ނުވަތަ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ކަމެއް ސާފެއް ނުވެ އެވެ.

އިއްޔެގެ ޖަލްސާއަށް ވަޑައިގެންނެވި މެމްބަރުންގެ ތެރެއިން، މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ އެމްޑީޕީގެ ބައެއް މެމްބަރުންނާއި އެ ނޫން ބައެއް މެމްބަރުން ވެސް ޖާބިރު އިއްޔެ އުޅުއްވި ގޮތާ ބެހޭ ގޮތުން ދެެއްކެވީ ދާދި އެއް ވާހަކަތަކެކެވެ. އެ މެމްބަރުން ވިދާޅުވި ގޮތުގައި ޖަލްސާ ފެށުމުގެ އެތައް އިރެއް ކުރިން މަޖިލީހަށް ޖާބިރު ފުރަތަމަ ވަޑައިގެން އިރު ވެސް ގެންދެވީ އަޑުގަދަކުރައްވަމުންނެވެ.

"ވަރަށް ހުތުރުބަހުން ވާހަކަ ވެސް ދެއްކީ. ފުރަތަމަަ ވަޑައިގެންނެވީ ވެސް އަޑުގަަދަކުރައްވަމުން. އޭރު އަދި ޖަލްސާ ނުވެސްް ފަށާ،" ދާންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ޔައުގޫބް އަބްދުﷲ "މިހާރު" އަށް ވިދާޅުވި އެވެ.

ޔައުގޫބް ވިދާޅުވި ގޮތުަގައި ޖާބިރު ދެއްކެވީ އެއް ވާހަކައެކެވެ. އެއީ ރައީސް ފައިސާތަކެއް ނެންގެވި ކަމަށާއި އެ ނުދެއްވި ކަމަށް އަބަދު ކުރައްވާ ތުހުމަތެކެވެ. ޖާބިރު ވަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ބަދަލުކުރުމަށް ސިޔާސީ ކަންކަމުގައި ހޭދަކުރަން އެތައް މިލިއަން ރުފިޔާއެއް އޭނާގެ އަތުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ނެންގެވި ކަމަށް ތުހުމަތުކުރައްވައި އެ މައްސަލަ ފުލުހުންނަށް ވެސް ހުށަހަޅުއްވައިފަ އެވެ. އަދި އެ ފައިސާއާ ރައީސްއާ ވެސް ގުޅުވާފައިވެ އެވެ. އެކަމަކު އެ ތުހުމަތުގެ ހަގީގަތެއް ނޭނގެ އެވެ.

ޖަލްސާ ފަށައި ރައީސް ރިޔާސީ ބަޔާން އިއްވަވަން ފެއްޓެވީ ވެސް މެންބަރުން ވިދާޅުވި ގޮތުގައި ޖާބިރު އެގޮތަށް އުޅުއްވަނިކޮށެވެ. އެކަމަކު މަޖިލީހުގެ ތަޅުމުން ނެރެން ރިޔާސަތުން އޭނާގެ ނަމެއް ނީއްވަ އެވެ. ނަމަވެސް ޖާބިރު ފަހުން ގޮނޑިން ތެދުވެވަޑައިގެން ރިޔާސަތާ ދިމާލަށް ވަޑައިގަންނަވަން އުޅުއްވުމުން އެކަން ހުއްޓުވަން އެމްޑީޕީގެ ބައެއް މެމްބަރުން މަސައްކަތް ކުރެއްވި އެެވެ. ވާހަކަ ދެއްކެވި ބައެއް މެންބަރުން ވިދާޅުވި ގޮތުގައި ޖާބިރު ތެދުވެވަޑައިގަންނަވާ ކޮންމެ ފަހަރަކު މެމްބަރުން ކުރިމައްޗަށް އަރުއްވައި ޖާބިރަށް ހުރަސްއެޅުއްވި އެވެ.

މީގެ ކުރިން ވެސް ޖަލްސާތަކުގައި "ހަރު އަޑުން" ރައްދު ދެއްވާ ޖާބިރަށް ހުރަސް އެޅުއްވި މެމްބަރުން ނުވިސްނަވާ ތިއްބެވި ވަގުތެއްގައި ކުއްލިއަކަށް ތެދުވެވަޑައިގެން ރިޔާސަތާ ދިމާލަށް ވަޑައިގެންނެވި ކަމަށާއި އެ ހިސާބުން އޭނާގެ ކުރިމައްޗަަށް މެމްބަރުންތަކެއް އަރައިވަޑައިގަތުމުން އޭނާ ވެއްޓިވަޑައިގެންނެވި ކަމަށް ވެސް "މިހާރު" އާ ވާހަކަ ދެއްކެވި މެމްބަރަކު ވިދާޅުވި އެވެ. އެކަމަކު ޖާބިރަށް ބައެއް މެންބަރުން އަނިޔާކުރެއްވި ކަމަށް ދިޔާނާ ކުރެއްވި ތުހުމަތު ދޮގުކުރެއްވި އެވެ.

ވެއްޓިވަޑައިގަތް ފަހުން ވެސް ޖަލްސާގައި އިންނެވުމަށް ފަހު ޖަލްސާ ދޫކުރައްވައި ޖާބިރު ވަޑައިގެންނެވީ އަމިއްލަފުޅަށެވެ. އެގޮތަށް އެތައް ފަހަރަކު ނުކުމެވަައިގެންފައި އެނބުރި ވަޑައިގެން ކަމަށް މެންބަރުން ވިދާޅުވި އެވެ.

ނަމަވެސް ޖާބިރުގެ އަނބިކަނބަލުން އަދި ކުރީގެ ބަންޑާރަނައިބު ދިޔާނާ ތުހުމަތުކުރެއްވި ގޮތުގައި މަޖިލީހުގެ ތަޅުމުގައި މެމްބަރުން ޖާބިރަށް އިއްޔެ އަނިޔާކުރި އެވެެ. ނަން އިއްވާފައި ނެރުނު ނަމަ އެންމެ ރަނގަޅު ކަމަށާއި އެކަމަކު "ހޭއަރުވައިލާނެ ކަމަށް ބުނެ ކުދިން ނެރެގެން ތެޅުން ރަނގަޅެއް ނޫން" ކަމަށް ވިދާޅުވެފައިވެ އެވެ.

މެންބަރުން ކުރެއްވި އަނިޔާކަމަށް ވިދާޅުވެ ދިޔާނާ ވިދާޅުވީ "މިއަދު މިޖެހުނީ ހަތަރުދަމު ބޮނޑިތާން އަޅަން އިންނަން" ކަމަށެވެ.

އިއްޔެ ޖަލްސާގައި ޖާބިރު އުޅުއްވި ގޮތުގެ ބައެއް ވީޑިއޯތައް ސޯޝަލް މީޑިއާގައި އާންމުވެފައިވެ އެވެ. ކޮވިޑުން ރައްކާތެރިވުމުގެ ހާއްސަ ފިޔަވަޅުތަކާ އެކު ބޭއްވި ޖަލްސާގައި މާސްކް ވެސް ނާޅުއްވައި އިންނަވައިގެން ވަރަށް ހުތުރު ބަހުން އެކި މެންބަރުންނާ އޭނާ މުޚާތަބުކުރެއްވި އެވެ. ޖަލްސާ ނިންމަވާލައްވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ޖާބިރުގެ ނަން ވިދާޅުނުވެ، ބައެއް މެންބަރުން ވަރަށް ވަރުބަލިކޮށް އުޅުއްވި ކަމަށާއި އެކަމަކު ނަސީބަކުން މިހާރު އެފަދަ ބޭފުޅުންނަށް ހެލްތު ރޫމެއް މަޖިލީހުގައި ހަދާފައި އެބަހުރި ކަމަށް ވިދާޅުވެ އެވެ.