Roadha Mihaaru
މައުމޫންގެ ޓުވީޓާއެކު، ނަޝީދު ރަތަށް

މައުމޫން، ރިޔާސީ ނިޒާމު ދިފާއު ކުރެއްވުމުން ނަޝީދު ރަތަށް

25 އޯގަސްޓް 2020

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، ރިޔާސީ ނިޒާމާ އެއްކޮޅަށް ރޭ ކުރެއްވި ޓުވީޓާ އެކު، ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަރަށް ބޮޑަށް ހިތްޕުޅު ހަމަޖެހިވަޑައިނުގެން ހޫނު ރައްދެއް ދެއްވައިފި އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، ރިޔާސީ ނިޒާމާ އެއްކޮޅަށް ރޭ ކުރެއްވި ޓުވީޓާ އެކު، ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަރަށް ބޮޑަށް ހިތްޕުޅު ހަމަޖެހިވަޑައިނުގެން ހޫނު ރައްދެއް ދެއްވައިފި އެވެ.

މައުމޫންގެ ވަރަށް ބޮޑު ތާއީދަކާ އެކު، 2007 ގައި ބޭއްވި ވެރިކަމުގެ ނިޒާމު ކަނޑައެޅުމުގެ ވޯޓުގެ ބޮޑު އަޣުލަބިއްޔަތެއްގެ ރައްޔިތުން ބުނެފައި ވަނީ ރާއްޖޭގައި ވެރިކަން ކުރަން ވާނީ ރިޔާސީ ނިޒާމަށް ކަމަށެވެ. ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުން އެގޮތަށް ފާސްކުރުމުން ވެރިކަން ކުރަމުން އަންނަނީ ރިޔާސީ ނިޒާމަކަށް ވިޔަސް މިހާރުގެ ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ރައީސް ނަޝީދާއި އެ ޕާޓީގެ އިސް ބައެއް ބޭފުޅުން ބޭނުންވަނީ ބަރުލަމާނީ ނިޒާމަށް ވެރިކަން ބަދަލުކުރުމަށެވެ. މީގެ 13 އަހަރު ކުރިން ނެގި ވޯޓުގައި ވެސް އެމްޑީޕީ ތާއީދު ކުރީ ބަރުލަމާނީ ނިޒާމަށެވެ.

ވެރިކަމުގެ ނިޒާމުގެ މައްސަލައިގައި ނަޝީދު ނުރުހުންވެ، ފާޅުގައި ޓުވީޓު ކުރެއްވީ ރާއްޖޭގެ ސިޔާސީ، އިޖުތިމާއީ، އިގުތިސާދީ ހާލަތަށް ބަލާއިރު، އެންމެ ކަމުދަނީ ރިޔާސީ ނިޒާމުކަން ކަށަވަރު ކަމަށް މައުމޫން ރޭ ވިދާޅުވުމުންނެވެ. އެ މަނިކުފާނު އެހެން ވިދާޅުވީ، ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކުރަން ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު ގާނޫނުއަަސާސީ އަށް އިއްޔެ އިސްލާހެއް ހުށަހަޅުއްވާފައި ވަނިކޮށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ހިންގާ ކޯލިޝަންގެ ވެސް އެންމެ މުހިންމު އެއް ބައިވެރިޔާ، މައުމޫން ރިޔާސީ ނިޒާމު ދިފާއު ކުރައްވަން އަނެއްކާ ވެސް ނުކުމެވަޑައިގަތުމުން، ނަޝީދު ކުރެއްވި ޓުވީޓުގައި ދިމާކުރެއްވީ، މައުމޫންގެ ވެރިކަމުގައި ނެގި ވޯޓުތައް އޮޅުވައިލެއްވި ކަމުގެ ބޮޑު ތުހުމަތާ އެކު އެވެ.

ނަޝީދުގެ ޓުވީޓު

ނަޝީދު ވިދާޅުވި ގޮތުގައި، މައުމޫންގެ ހަޔާތްޕުޅުގައި ނެގި ކޮންމެ ވޯޓެއްގައި އެ މަނިކުފާނު ވަނީ މަކަރު ހައްދަވައި، އޮޅުވާލައްވައިފަ އެވެ.

"2007 ގެ ނިޒާމީ ވޯޓު ވެސް ކަނޑައެޅިގެން އޮޅުވާލެއްވި،" އެ މަނިކުފާނު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ، މައުމޫނަށް އޮޅުވާނުލެއްވުނީ 2008 ގައި އޮތް ރިޔާސީ އިންތިޚާބުގެ ވޯޓު ކަމަށެވެ.

"އެ އިން ވީ ބަލި،" ރާއްޖޭގެ ފުރަތަމަ ޑިމޮކްރެޓިކް އިންތިޚާބަށް އިޝާރާތް ކުރައްވައި ނަޝީދު ވިދާޅުވި އެވެ.

ނަޝީދުގެ ރަސްމީ ޓުވިޓާ އެކައުންޓުން މައުމޫނަށް ބަހުގެ ހަމަލާއެއް ފޮނުވައިލެއްވިއިރު، އެ މަނިކުފާނު ގެންގުޅުއްވާ ކަމަށް ގިނަ ބަޔަކު ބުނާ އެލެކްސް އަހުމަދުގެ ޓުވިޓާ އެކައުންޓުން ވަނީ "ވޯޓުވަގު" ކަމަށް ބުނެ ޓުވީޓު ކޮށްފަ އެވެ. އެލެކްސް އަހުމަދަކީ ނަޝީދު ކަމަށް ބުނެ މި މަހުގެ 14 ގައި އެ އެކައުންޓުން ޓުވީޓެއް ކޮށްފައި ވެ އެވެ. އެކަމަކު، އެއީ ނަޝީދުގެ ޓުވީޓާ އެކައުންޓެއް ނޫން ކަމަކަށް އެ މަނިކުފާނު މިހާތަނަށް ވިދާޅެއް ނުވެ އެވެ.

ނަޝީދަކީ، ފެށުނީއްސުރެ ބަރުލަމާނީ ނިޒާމަށް ތާއީދު ކުރައްވާ އަދި ރާއްޖޭގެ ވެރިކަން އެ ނިޒާމަށް ބަދަލުކުރައްވަން ބޭނުންފުޅުވާ ބޭފުޅެކެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މި ވެރިކަމުގެ މެދުތެރެއިން ވެސް ބަރުލަމާނީ ނިޒާމަށް ވެރިކަން ބަދަލުކުރަން ނަޝީދު ބޭނުންފުޅުވާ ކަމުގެ ތުހުމަތު ބައެއް މީހުން ކުރެ އެވެ. ބަރުލަމާނީ ނިޒާމަށް ވެރިކަން ބަދަލުކުރުމަށް ގާނޫނުއަސާސީ އަށް ޖާބިރު އިސްލާހު ހުށަހެޅުއްވުމުގެ ފަހަތުގައި ފޮރުވިފައިވާ ސިއްރަކީ އެއީ ކަމަށް ވެސް ސިޔާސީ ބައެއް ފަރާތްތަކުން ބުނެ އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު 7 ގައި ރައްޔިތުންގެ މަޖިލިހާއި ޕީއެސްއެމް ގުޅިގެން ބޭއްވި "އާސްކް ސްޕީކަ" ޕްރޮގްރާމްގައި ކުރި ސުވާލަކާ ގުޅިގެން، ނަޝީދު ވިދާޅުވެފައި ވަނީ ވެރިކަމުގެ ނިޒާމު ކަނޑައަޅާނީ ދިވެހި ރައްޔިތުން ކަމަށާއި އެ މަނިކުފާނު އެފަދަ މަސައްކަތްޕުޅެއް ފައްޓަވާނީ މުޅި އެމްޑީޕީން އެ ގޮތް ބޭނުންވެއްޖެ ނަމަ ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެންމެ ފަހުން ވިދާޅުވެފައި ވަނީ ވެރިކަން ހިންގުން ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރަން ވިސްނަވާކަށް އެ މަނިކުފާނަށް ވަގުތެއް ނެތް ކަމަށާއި ހުރިހާ ވަގުތެއް ހުސްކުރައްވަން ބޭނުންފުޅު ވަނީ ރައްޔިތުންނަށް ވެވަޑައިގަތް ވައުދުތައް ފުއްދަވަން ކަމަށެވެ.

މި އަހަރުގެ ޖޫން 23 ގައި ރައީސް އޮފީހުގައި އޮތް ނިއުސް ބްރީފިންއެއްގައި ރައީސް ވިދާޅުވެފައި ވަނީ، ވެރިކަމުގެ ނިޒާމް ބަދަލުކުރުމާ މެދު ވިސްނެވުމަށް ވުރެ މުހިއްމު ކަންކަން ކުރައްވަން ޖެހިވަޑައިގެންފައި އެބަހުރި ކަމަށެވެ. އިސްކަން ދެއްވަނީ ފަސް އަހަރަށް ވެވަޑައިގަތް ވައުދުތައް ފުއްދަވަން ކަމަށް ރައީސް ވިދާޅުވި އެވެ. އެ މަނިކުފާނު ވިދާޅުވެފައިވާ ގޮތުގައި ވެރިކަމުގެ ނިޒާމު ކަނޑައެޅުމުގައި ދެން ވެސް ގޮތް ނިންމާނީ ރައްޔިތުންނެވެ.

"ދެން ވެސް އެއްވެސް އިރެއްގައި ނިޒާމާ ބެހޭ ގޮތުން ގޮތެއް ނިންމާ ކަމަށް ވަންޏާ ފުރަތަމަ އަހަން ޖެހޭނީ ރައްޔިތުންގެ ކައިރިން، ރައްޔިތުން ނިންމާ ގޮތެއްގެ މައްޗަށް ގާނޫނުއަސާސީއަށް ބަދަލެއް ގެންނަން ނިންމާނީ،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މީގެ ތިން މަސް ކުރިން ވިދާޅުވެފައި ވެ އެވެ.