Roadha Mihaaru
އާސެނަލް ބަލިވިއިރު، ޔުނައިޓެޑް ފަހު ވަގުތު އެއްވަރު

އާސެނަލް ބަލިވިއިރު، ޔުނައިޓެޑް ފަހު ވަގުތު އެވަޓަންއާ އެއްވަރު

07 ފެބުރުއަރީ 2021

މެންޗެސްޓާ (ފެބްރުއަރީ 7) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލް ކުޅުނު މެޗުން އެސްޓަން ވިލާ އަތުން 1-0 އިން ބަލިވިއިރު، މެންޗެސްޓާ ޔުނައިޓެޑް އަމިއްލަ ދަނޑުގައި ފަހު ވަގުތު 3-3 އިން އެވަޓަންއާ އެއްވަރުވެއްޖެ އެވެ.

މެންޗެސްޓާ (ފެބްރުއަރީ 7) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލް ކުޅުނު މެޗުން އެސްޓަން ވިލާ އަތުން 1-0 އިން ބަލިވިއިރު، މެންޗެސްޓާ ޔުނައިޓެޑް އަމިއްލަ ދަނޑުގައި ފަހު ވަގުތު 3-3 އިން އެވަޓަންއާ އެއްވަރުވެއްޖެ އެވެ.

ރޭގެ މެޗުން މޮޅުވެގެން ލީގުގެ އެއް ވަނައިގައި އޮތް މެންޗެސްޓާ ސިޓީއާ ޕޮއިންޓުގެ ގޮތުން އެއްވަރުކުރަން ޔުނައިޓެޑަށް ފުރުސަތު އޮތެވެ. އެކަމަކު އެއްވަރުވުމުން އެ ޓީމު ވަނީ ލީގުގެ ރޭހުގައި އިތުރު އުނދަގުލަކާ ކުރިމަތިލާން ޖެހިފަ އެވެ. ސިޓީ އެއް ވަނައިގައި އޮތީ 21 މެޗުން 47 ޕޮއިންޓާ އެކު އެވެ. ޔުނައިޓެޑް ދެ ވަނައިގައި އޮތީ 23 މެޗުން 45 ޕޮއިންޓް ހޯދައިގެންނެވެ.

އެސްޓަން ވިލާ އިން ރޭ އާސެނަލް ކޮޅަށް މެޗުގައި ޖެހި ހަމައެކަނި ގޯލު ކާމިޔާބުކުރީ ދެ ވަނަ މިނިޓްގަ އެވެ. އާސެނަލްގެ ޑިފެންޑަރުންނަށް ހެދުނު ގޯހެއްގެ ފައިދާނަަގައި އެސްޓަން ވިލާގެ ގޯލު ޖެހީ އޮލީ ވަޓްކިންސް އެވެ. އާސެނަލަށް އެއްވަރުކޮށްދޭން ގްރޭނިޓް ޝާކާ ފޮނުވާލި ހިލޭ ޖެހުން އެސްޓަން ވިލާގެ ގޯލްކީޕަރު އެމިލިއާނޯ މާޓިނޭޒް މަތަކުރިއިރު، އޭރިއާތެރެއިން އާސެނަލްގެ މާޓިން އޮޑެގާޑް ފޮނުވާލި ބޯޅަ ދިޔައީ ހުރަސްދަނޑި މަތިންނެވެ.

އާސެނަލް ލީގުގެ 10 ވަނައިގައި އޮތީ 23 މެޗުން 31 ޕޮއިންޓާ އެކު އެވެ. އެސްޓަން ވިލާ ވަނީ 21 މެޗުން 35 ޕޮއިންޓް ހަމަކޮށް އަށް ވަނަ އަށް ޖެހިލައިފަ އެވެ.

ޔުނައިޓެޑުން ރޭ އަމިއްލަ ދަނޑުގައި ފުރަތަމަ ހާފު ނިންމާލީ ދެ ގޯލުގެ ލީޑެއްގައި އޮވެ އެވެ. އެޑިންސަން ކަވާނީ މެޗުގެ 24 ވަނަ މިނިޓްގައި ޔުނައިޓެޑުގެ ފުރަތަމަ ގޯލު ޖެހިއިރު، ފުރަތަމަ ހާފުގެ ފަހު މިނިޓްގައި އޭރިއާބޭރުން ބްރޫނޯ ފެނާންޑޭސް ޖެހި މޮޅު ގޯލާ އެކު ޔުނައިޓެޑުން ލީޑުފުޅާކުރި އެވެ. ދެ ވަނަ ހާފް ފެށިގެން ހަތް މިނިޓް ތެރޭގައި ދެ ގޯލު ޖަހައި އެވަޓަން އިން ނަތީޖާ ހަމަހަމަކުރި އެވެ. އަބްދުﷲ ޑޮކޫރޭ އެވަޓަންގެ ފުރަތަމަ ގޯލު ޖެހީ 49 ވަނަ މިނިޓްގަ އެވެ. އޭގެ ތިން މިނިޓް ފަހުން ޑޮކޫރޭ ދިން ބޯޅައަކުން އެވަޓަން އަށް އެއްވަރުކޮށްދިނީ ހަމޭސް ރޮޑްރިގޭޒް އެވެ.

ހިލޭ ޖެހުމަކުން ލޫކް ޝޯ ނަގައިދިން ހުރަހަކުން މެޗުގެ 70 ވަނަ މިނިޓްގައި ސްކޮޓް މެކްޓޮމިނޭ ވަނީ ބޮލުން ގޯލެއް ޖަހައި ޔުނައިޓެޑަށް އަލުން ލީޑުނަގައިދީފަ އެވެ. އެވަޓަން އިން ހިތްވަރުއެލުވާނުލައި ކުރި މަސައްކަތުން މެޗުގެ ނަތީޖާ ހަމަހަމަކުރީ އިތުރު ވަގުތުގެ ފަހު މިނިޓްގައި ލަނޑު ޖަހައިގެންނެވެ. މި ގޯލު ކާމިޔާބުކުރީ ޑޮމިނިކް ކަލްވެޓް-ލެވިން އެވެ.

ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނީ ލީގު ޗެމްޕިއަންކަމަށް ޔުނައިޓެޑުން ވާދަކުރާކަމަށް ބުނަނީ މީޑިއާ އިން ކަމަށާއި އޭނާގެ ނަޒަރުގައި އަދި އެ ޓީމަކީ އެ ރޭހުގައި އޮތް ބައެއް ނޫން ކަމަށެވެ. ޔުނައިޓެޑުން އަންނަނީ ކުރިއެރުންތަކެއް ހޯދަމުން ކަމަށާއި އޭގެ ނަތީޖާއެއް ފެންނާނީ ސީޒަން ނިމުމުން ކަމަށް ސޯލްޝެއާ ބުންޏެވެ.