Roadha Mihaaru
ސައިޓުތަކުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރޭ:މަސީ

ކޮންސްޓްރަކްޝަން ސައިޓުތަކުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރަން ގޮވާލައިފި

09 ފެބުރުއަރީ 2021

ކޮންސްޓްރަކްޝަން ސައިޓުތަކުގެ ސަލާމަތީ ކަންކަން މިހާރަށް ވުރެން ރަނގަޅަށް ކޮންޓްރެކްޓަރުން ބެލެހެއްޓުމަށް ކޮންސްޓްރަކްޝަން ދާއިރާގެ ޖަމިއްޔާ މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) އިން މިއަދު ގޮވާލައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ކޮންސްޓްރަކްޝަން ސައިޓުތަކުގެ ސަލާމަތީ ކަންކަން މިހާރަށް ވުރެން ރަނގަޅަށް ކޮންޓްރެކްޓަރުން ބެލެހެއްޓުމަށް ކޮންސްޓްރަކްޝަން ދާއިރާގެ ޖަމިއްޔާ މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) އިން މިއަދު ގޮވާލައިފި އެވެ.

މަސީން ނެރެފައިވާ ބަޔާނުގައި ބުނީ ކޮންސްޓްރަކްޝަން މަސައްކަތް ހުއްޓިފައި ހުންނަ ތަންތަނާއި މަސައްކަތް ކުރަމުން އަންނަ ތަންތަނުގައި ވެސް އާންމުންނަށް ފެންނާނެ ގޮތަށް ބަހައްޓަންޖެހޭ ނުރައްކާތެރިކަމުގެ އިންޒާރުގެ ލިޔުންތައް ބޮޑުކޮށް ބަހައްޓަން ޖެހޭ ކަމަށެވެ. އަދި މިގޮތަށް އަމަލު ނުކުރާ ކޮންޓްރެކްޓަރުން ފާހަގަކޮށް އެފަދަ ފަރާތްތަކަށް އަޅަންޖެހޭ ފިޔަވަޅުތައް ކަމާ ގުޅޭ އިދާރާތަކުން އެޅުމަށް މަސީން ވަނީ ގޮވާލައިފަ އެވެ.

މަސީން ބުނީ ކޮންސްޓްރަކްޝަން މަސައްކަތްތައް ހުއްޓި ގިނަ ދުވަސްވެފައި ހުންނަ އިމާރާތްތަކަށް މީހަކު ވަންނަން ވާނީ އެ ސައިޓުގެ ސުޕަވައިޒަރެއްގެ ބެލުމުގެ ދަށުން އަޅަން ޖެހޭ ސަލާމަތީ ފިޔަވަޅުތައް އަޅާއިގެން ކަމަށެވެ. އެ ނޫން ގޮތަކަށް އެފަދަ އިމާރާތްތަކަށް ވަނުން ރައްކާތެރި ނޫން ކަމަށް މަސީގެ ބަޔާނުގައި ބުނެފައިވެ އެވެ.

ހަދަމުން އަންނަ އިމާރާތަކަށް މީހަކު ޒިޔާރަތް ކުރާ އިރު އެތަނުގައި ހުންނަ މެޝިނަރީ އާއި އިލެކްޓްރިކް ސާމާނުގައި އަތްލުމާއި ޕްރޮޕް ފަދަ ތަކެތި ބަދަލުކޮށް ނުވަތަ ދޫކޮށް ބާރުކޮށް ހެދުމަކީ ވަރަށް ނުރައްކާތެރިކަމެއް ކަން ވެސް އެ ޖަމިއްޔާ އިން ހަނދާންކޮށްދިނެވެ.

ކޮންސްޓްރަކްޝަން ސައިޓުތަކުގައި ކުރިއާ އަޅާ ބަލާއިރު "ސޭފްޓީ އެންޑް ހެލްތް" ގެ ކަންކަން ރަނގަޅުކަން ފާހަގަކޮށް މަސީން ބުނީ ސައިޓުތަކުގެ ރައްކާތެރިކަން ކަށަވަރުކޮށް ސަލާމަތީ ފިޔަވަޅުތައް އެޅުމާ ގުޅޭ ގޮތުން ކޮންޓްރެކްޓަރުން ހޭލުންތެރި ކުރުމަށް ހާއްސަ ޕްރޮގްރާމުތައް ވެސް އެޖަމިއްޔާއިން ހިންގަމުން އަންނަ ކަމަށެވެ.

މަސީން މިފަދަ ބަޔާނެއް ނެރުނު އިރު ކޮންސްޓްރަކްޝަން ސައިޓުތަކުގެ ރައްކާތެރިކަން ކަށަވަރު ނުވާ ބައެއް ސައިޓުތަކުގެ ފޮޓޯތައް ދޭތެރެ ދޭތެރެއިން ސޯޝަލް މީޑިޔާގައި އާންމުވެ އެވެ. އަދި ގިނަ ބަޔަކު އެކަންކަން ފާހަގަކޮށް ކަންބޮޑުވުން ފާޅުކުރެ އެވެ. ކޮންސްޓްރަކްޝަން ސައިޓުތަކުގައި އެންމެ ފުރިހަމައަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް ނޭޅުމުގެ ސަބަބުން މީގެ ކުރިން ހިތާމަވެރި ހާދިސާތައް ހިނގާފައި ވެސް އެބަހުއްޓެވެ.