Roadha Mihaaru
ސިންގަޕޫރުގެ "ބޭފޭންސީ" ރާއްޖެ އަށް!

ސިންގަޕޫރުގެ ރިއަލްއެސްޓޭޓް ޑިވެލޮޕްމަންޓް ކުންފުނި "ބޭފޭންސީ" ރާއްޖެ އަށް

04 ސެޕްޓެމްބަރ 2024

ސިންގަޕޫރުގެ ރިއަލްއެސްޓޭޓް ޑިވެލޮޕްމަންޓް ކުންފުނި ބޭފެންސީ ރާއްޖޭގައި ރީ-ރަޖިސްޓަރީކޮށް، ލަގްޒަރީ އެޕާޓްމަންޓް ކޮމްޕްލެކްސްއެއް އިމާރާތް ކުރަން ތައްޔާރުވެއްޖެ އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ސިންގަޕޫރުގެ ރިއަލްއެސްޓޭޓް ޑިވެލޮޕްމަންޓް ކުންފުނި ބޭފެންސީ ރާއްޖޭގައި ރީ-ރަޖިސްޓަރީކޮށް، ލަގްޒަރީ އެޕާޓްމަންޓް ކޮމްޕްލެކްސްއެއް އިމާރާތް ކުރަން ތައްޔާރުވެއްޖެ އެވެ.

އެއީ އިމާރާތް ކުރުމުގެ ބިޔަ މަޝްރޫއުތަކެެއް ޗައިނާގައި ފުރިހަމަ ކޮށްފައިވާ އަދި އެ ގައުމުގެ ތަޖުރިބާކާރުން ގެންގުޅޭ މަޝްހޫރު ކުންފުންޏެކެވެ. ބޭފެންސީން ވަނީ ޗައިނާގައި 650,000 އަކަފޫޓުގެ ރާންޑާ ވިލާސް އާއި 150,000 އަކަފޫޓުގެ ރާންޑާ ޕާކާއި ދެ މިލިއަން އަކަފޫޓުގެ ރާންޑާ އިންޓަނޭޝަނަލްގެ މަސައްކަތްތައް ނިންމައިފަ އެވެ.

ބޭފެންސީން ރާއްޖޭގައި އިމާރާތް ކުރުމަށް ނިންމާފައި ވަނީ އެއް ކޮޓަރި އާއި ދެ ކޮޓަރި އަދި ތިން ކޮޓަރީގެ އެޕާޓްމަންޓުތަކެއް ހިމެނޭ ލަގްޒަރީ އެޕާޓްމަންޓު ކޮމްޕްލެކްސްއެކެވެ. އެންމެ ފަހުގެ ޓެކްނޮލަޖީއާ އެކު، އެ ކޮމްޕްލެކްސް އިމާރާތް ކުރާނީ ތިމާވެއްޓާ ރައްޓެހި, ސަސްޓެއިނަބަލް ޕްރެކްޓިސްތައް ހިމަނައިގެން ކަމަށް ބޭފޭންސީން ބުންޏެވެ.

"ބޭފޭންސީ ރެޒިޑެންސް"ގެ ނަމުގައި ހުޅުމާލޭގައި ހަދާ އިމާރާތުގައި ވަރަށް ގިނަ ފެސިލިޓީތައް ހުންނާނެ ކަމަށް ބޭފޭންސީން ބުންޏެވެ. އެ ކުންފުނިން ބުނިގޮތުގައި، އެ އެޕާޓްމަންޓު ކޮމްޕްލެކްސްގެ ކޮންސްޓްރަކްޝަން މަސައްކަތްތައް ފެށުމަށް ކުރަންޖެހޭ ކަންކަން މިހާރު އަންނަނީ ކުރަމުންނެވެ.

އެއީ ޕްރޮޖެކްޓުތައް ނިންމަން ޖެހޭ ތާރީހުތަކަށް ނިންމުމަށް އިސްކަންދޭ ކުންފުންޏެއް ކަމަށާއި ރާއްޖޭގައި ހިންގާ ފުރަތަމަ މަޝްރޫއު ވެސް އެ އުސޫލުން ތާރީހަށް ނިންމަން އިސްކަން ދޭނެ ކަމަށް ބޭފެންސީން ބުންޏެވެ.

އެ ކުންފުނިން އަބަދުވެސް އިސްކަންދެނީ މީހުން ހިތްހަމަޖެހޭ ފެންވަރަށް މަސައްކަތްތައް ނިންމާށެވެ. އެހެންވެ، ރާއްޖޭގައި ވެސް ބޭފެންސީ ކުރަން ބޭނުންވަނީ އެ ތަޖުރިބާ އެވެ. ދިވެހިންނަށް ވެސް ދައްކާލަން ބޭފެންސީން ބޭނުންވަނީ ލަގްޒަރީ ދިރިއުޅުމަކަށްޓަކައި ހިތްގައިމު ޑިޒައިނަކަށް ފަރުމާ ކޮށްފައިވާ އެޕާޓްމަންޓު ކޮމްޕްލެކްސްއެކެވެ.