Roadha Mihaaru
ބޯނީ އާއި ރާޖަމޯލީގެ ކޯޅުން ގުޅެނީ ސްރީދޭވީއާ!

ބޯނީ އާއި ރާޖަމޯލީގެ ކޯޅުން ގުޅެނީ ސްރީދޭވީއާ!

11 ފެބުރުއަރީ 2021

ބޯނީ ކަޕޫރްގެ "މައިދާން" އާއި އެސްއެސް ރާޖަމޯލީގެ "އާރްއާރްއާރް" މި އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ދެ ދުވަހެއްގެ ދުރުމިންގެ ތަފާތަކާ އެކު ރިލިޒްކުރަން ނިންމުމުން ހޫނުވެފައިވާ މައްސަލަ ގުޅެނީ ބޯނީގެ މަރުވެފައިވާ އަންހެނުން ކުރީގެ މަޝްހޫރު ބަތަލާ ސްރީދޭވީއާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޯނީ ކަޕޫރްގެ "މައިދާން" އާއި އެސްއެސް ރާޖަމޯލީގެ "އާރްއާރްއާރް" މި އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ދެ ދުވަހެއްގެ ދުރުމިންގެ ތަފާތަކާ އެކު ރިލިޒްކުރަން ނިންމުމުން ހޫނުވެފައިވާ މައްސަލަ ގުޅެނީ ބޯނީގެ މަރުވެފައިވާ އަންހެނުން ކުރީގެ މަޝްހޫރު ބަތަލާ ސްރީދޭވީއާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަޖޭ ދޭވްގަން ހިމަނައިގެން ބޯނީ ޕްރޮޑިއުސްކޮށްފައިވާ ފިލްމު "މައިދާން" އޮކްޓޯބަރު މަހުގެ 15 ގައި ސިނަމާތަކަށް ގެންނަން ނިންމިކަން މީގެ ހައެއްގެ މަސްކުރިން އިއުލާންކޮށްފައި ވަނިކޮށް އަޖޭ މުހިއްމު ރޯލެއް ކުޅެފައިވާ ރާޖަމޯލީގެ "އާރްއާރްއާރް" އޮކްޓޯބަރު 13 ގައި ރިލީޒްކުރާކަން އިއުލާންކުރުމާ އެކު މައްސަލަ ވަރަށް ބޮޑަށް ހޫނުވެފައިވެ އެވެ.

މި މައްސަލާގައި ބޯނީ ތަކުރާރުކޮށް ބުނަނީ ރާޖަމޯލީގެ ފިލްމުގެ ތާރީހަށް ބޮޑު ބަދަލެއް ގެންނަން ޖެހޭނެ ކަމަށާއި އޭނާ މި މައްސަލާގައި ދޫނުދޭނެ ކަމަށެވެ. ސަބަބަކީ ދުރާލައި އޭނާގެ ފިލްމު ގެނެސްދޭ ތާރީހު މާ ކުރިން ނިންމާފައި އޮތުމެވެ. އެހެންވެ ބޯނީ ޑިމާންޑްކުރަނީ "އާރްއާރްއާރް" އޭނާގެ "މައިދާން" އަށް ބޮކްސް އޮފީހުގައި މުޑިނާރާ ގޮތަށް ތާވަލުކުރުމަށެވެ.

ނަމަވެސް މި މައްސަލާގައި ރާޖަމޯލީ ވެސް ހުރީ ކުޅިފަސްދޫކޮށްލާ ގޮތަކަށް ނޫނެވެ. ރިޕޯޓްތައް ބުނާގޮތުން "މައިދާން" އާއި "އާރްއާރްއާރް" ވަރަށް ގާތްގާތުގައި ރިލީޒްކުރަން ނިންމުމުން އެކަމާ ހިތްހަމަނުޖެހިގެން އަޖޭ ވެސް އަންނަނީ މިކަމަށް ހައްލެއް ލިބޭތޯ މަސައްކަތްކުރަމުންނެވެ. އެގޮތުން އޭނާ ވެސް ބާރު އަޅަނީ ރާޖަމޯލީގެ ފިލްމުގެ ތާރީހަށް ބަދަލު ގެންނާށެވެ.

މީޑިއާތަކުން ބުނީ ރާޖަމޯލީ ހުރީ ދޫދޭ ގޮތަށް ނޫން ކަމަށާއި މި މައްސަލައިގެ އަސްލަކީ ސްރީދޭވީއާ ގުޅުން ހުރި ކަމަކާ ހެދި ބޯނީގެ ކިބައިން ބަދަލުހިފުން ކަމަށެވެ. ސަބަބަކީ ރާޖަމޯލީ ގެނެސްދިން "ބާހްބަލީ" ގައި ރާމިއާ ކްރިޝްނާ ކުޅުނު ސިވަގާމީގެ ރޯލު އެންމެ ފުރަތަމަ ސްރީދޭވީ އަށް ހުށަހެޅުމުން އޭނާ އެ ރޯލު ގަބޫލުނުކުރުމެވެ. ބައެއް ރިޕޯޓްތައް ބުނާގޮތުން ސްރީދޭވީ ފިލްމު ގަބޫލުނުކުރި މައިގަނޑު ސަބަބަކީ ބޯނީ އަޑީގައި ހުރެގެން "ބާބްހަލީ" އިން ހުށަހެޅި ރޯލުން ވަރަށް ބޮޑު އަގެއް ސްރީދޭވީ ލައްވާ ކިޔުއްވުމުން އެކަމާ އެއްބަސްވުމަކަށް ނާދެވުމެވެ. "ބާހްބަލީ: ދަ ބިގިނިން" އަކީ 2015 ގައި ގެނެސްދިން ފިލްމެކެވެ. އަދި "ބާހްބަލީ: ދަ ކޮންކްލޫޝަން" އަކީ 2017 ގައި ގެނެސްދިން ފިލްމެކެވެ.

ރިޕޯޓްތައް ބުނާގޮތުން ސްރީދޭވީ 2018 ގައި މަރުވި އިރު ވެސް ރާޖަމޯލީ ހުރީ އޭނާ ދެކެ ހިތްހަމަނުޖެހިފަ އެވެ.

މީޑިއާތަކުން މިކަން މިހާރު ބޯނީ އާއި ރާޖަމޯލީގެ ކޯޅުމާ ގުޅުވާފައި އިރު، "މައިދާން" އާއި "އާރްއާރްއާރް" ގެ ތެރެއިން އޮކްޓޯބަރު ރިލީޒްކުރާނީ ކޮން ފިލްމެއްތޯ މިހާރު އޮތީ ސުވާލު މާކެއްގެ ތެރޭގަ އެވެ. ބޮލީވުޑްގެ ޚަބަރުތައް ދިރާސާކުރާ ފަރާތްތަކުން ބުނާގޮތުގައި ކޮންމެވެސް އެއް ފިލްމެއްގެ ތާރީހަށް ބޮޑު ބަދަލެއް ގެންނާނެ އެވެ.

ސުވާލަކީ ތާރީހު ބަދަލުކުރާނީ ކޮން ފިލްމެއްތޯ އެވެ؟ "މައިދާން" އާއި "އާރްއާރްއާރް" އަކީ އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ ބޮޑު ދެ ފިލްމެވެ.