Roadha Mihaaru
"އާރްއާރްއާރް" އަންނަ މަހު ރިލީޒްނުކުރަން ނިންމައިފި

އަހަރުގެ ބޮޑު ފިލްމު "އާރްއާރްއާރް" އަންނަ މަހު ރިލީޒް ނުކުރަން ނިންމައިފި

12 ސެޕްޓެމްބަރ 2021

އިންޑިއާގެ ސިނަމާތަކަށް މި އަހަރު އަންނަން އޮތް އެންމެ ބޮޑު ފިލްމު އެސްއެސް ރާޖަމޯލީގެ "އާރްއާރްއާރް" ތާވަލުކޮށްފައި އޮތް ތާރީހު ކަމަށްވާ އަންނަ މަހުގެ 13 ގައި ރިލީޒްނުކުރާ ގޮތަށް ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިންޑިއާގެ ސިނަމާތަކަށް މި އަހަރު އަންނަން އޮތް އެންމެ ބޮޑު ފިލްމު އެސްއެސް ރާޖަމޯލީގެ "އާރްއާރްއާރް" ތާވަލުކޮށްފައި އޮތް ތާރީހު ކަމަށްވާ އަންނަ މަހުގެ 13 ގައި ރިލީޒްނުކުރާ ގޮތަށް ނިންމައިފި އެވެ.

އެކަން ފިލްމުގެ ޓީމުން ކަށަވަރުކޮށް ދިނުމަށް ފަހު، ބުނީ ވަރަށް އަވަހަށް އާ ތާރީހެއް އިއުލާންކުރާނެ ކަމަށެވެ. އިންޑިއާގެ ބޮކްސް އޮފީހުގައި އާ ރެކޯޑްތަކެއް ހެދި "ބާހްބަލީ" ގެ ދެ ފިލްމު ގެނެސްދިން ޑައިރެކްޓަރުގެ "އާރްއާރްއާރް" އަކީ އެންމެ ފުރަތަމަ މިދިޔަ އަހަރު ޖުލައި މަހުގެ ފަހުކޮޅު ގެނެސްދޭ ގޮތަށް އިއުލާންކުރި ފިލްމެކެވެ. އެކަމަކު އެކި ކަންކަމާ ހެދި ފިލްމުގެ ޝޫޓިން ދިގުލައި، ފަހުން މިދިޔަ އަހަރުން ފެށިގެން ކޮވިޑް-19 ގެ ސަބަބުން ވެސް ފިލްމުގެ މަސައްކަތަށް ވަރަށް ބޮޑަށް ހުއްޓުނެވެ.

"އާރްއާރްއާރް" އަންނަ މަހު ރިލީޒްނުކުރަން ނިންމީ މީގެ ޝޫޓިންގައި އަދިވެސް ފުރިހަމަކުރަންޖެހޭ ކަންކަން ހުރުމުން ކަމަށް މީޑިއާތަކުން ބުނެ އެވެ.

އިއުލާންކުރީއްސުރެ ވަރަށް ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނަ މި ފިލްމު މި އަހަރު ދެން ރިލީޒްކޮށްފާނެކަމާ ދޭތެރޭ ވެސް ފިލްމީ ވިޔަފާރި ދިރާސާކުރާ ފަރާތްތަކުން ސުވާލު އުފައްދާފައިވެ އެވެ. ސަބަބަކީ ކޮވިޑާ ހެދި އަދިވެސް އިންޑިއާގެ ގިނަ ސިނަމާތައް އަދިވެސް ނުހުޅުވުމެވެ.

"އާރްއާރްއާރް" ފަސްކޮށްފައި މި ވަނީ މި ފިލްމު ޑިޖިޓަލްކޮށް ޕްރީމިއާކޮށްފާނެ ކަމަށް ބުނާ ވާހަކަ ފިލްމުގެ ޑިސްޓްރިބިއުޝަނާ ހަވާލުވި ޕެން ސްޓޫޑިއޯ އިން މިދިޔަ ހަފުތާގައި ދޮގުކޮށްފައި ވަނިކޮށެވެ. އެތަނުން ބުނީ ރާޖަމޯލީގެ ފިލްމުގެ އިތުރުން ވެސް ގެނެސްދޭން އޮތް ބޮޑު އެއްވެސް ފިލްމެއް ސިނަމާތަކުގައި ނޫނީ ރިލީޒްނުކުރާނެ ކަމަށެވެ.

ގާތްގަނޑަށް 400 ކްރޯޑް ރުޕީސް (54.40 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ގެނެސްދޭ "އާރްއާރްއާރް" އަކީ އިނގިރޭސިންގެ އަޅުވެތިކަމުގެ ދަށުގައި އިންޑިއާ އޮތް ދުވަސްވަރު އަދި 1920 ގައި ހިނގާފައިވާ ހިޔާލީ ހަނގުރާމައެއްގެ ވާހަކަ ކިޔައިދޭ ޕީރިއަޑް އެކްޝަން ޑްރާމާއެކެވެ. މީގެ ކާސްޓުންނަކީ ރާމް ޗަރަން، އެންޓީއާރް ޖޫނިއާ، އާލިއާ ބަޓް، އަޖޭ ދޭވްގަން އަދި ޝްރިޔާ ސަރަން އެވެ.