Roadha Mihaaru
ޓޫރިސްޓްވިސާގެ މުއްދަތު ދިގުކުރަން މަޖިލީހަށް ހުށަހަޅަނީ

ޓޫރިސްޓް ވިސާގެ މުއްދަތު ދިގުކުރަން މަޖިލީހަށް ހުށަަހަޅަނީ

10 ފެބުރުއަރީ 2021

ޓޫރިސްޓް ވިސާގައި ރާއްޖެ އަށް އަންނަ މީހުންނަށް މިހާރު ދޭ ތިން މަސްދުވަހުގެ މުއްދަތަށް ވުރެ ދިގު މުއްދަތެއް ލިބޭ ގޮތަށް އިމިގްރޭޝަން ގާނޫނަށް އިސްލާހެއް ހުށަހަޅަން ސަރުކާރުން ވިސްނާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް މިއަދު ވިދާޅުވެއްޖެެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ޓޫރިސްޓް ވިސާގައި ރާއްޖެ އަށް އަންނަ މީހުންނަށް މިހާރު ދޭ ތިން މަސްދުވަހުގެ މުއްދަތަށް ވުރެ ދިގު މުއްދަތެއް ލިބޭ ގޮތަށް އިމިގްރޭޝަން ގާނޫނަށް އިސްލާހެއް ހުށަހަޅަން ސަރުކާރުން ވިސްނާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް މިއަދު ވިދާޅުވެއްޖެެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މައުސޫމް ވިދާޅުވީ އިމިގްރޭޝަން ގާނޫނަށް އެންމެ ފަހުން އިސްލާހު ގެނައިއިރު ވެސް ޓޫރިސްޓް ވިސާގެ މުއްދަތު އިތުރުކުރާނެ ކަމަށް އޭނާ އުއްމީދުކުރެއްވި ކަމަށެވެ. އޭރުގައި މައުލޫމާތު ލިބިވަޑައިގެންފައި އޮތީ ވެސް އެގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެންވީމާ މިއަހަރު މަޖިލީހަށް ހުށަހެޅޭ ބިލުތަކުގެ ތެރޭފައި އެ ބިލު ވެސް [ޓޫރިސްޓް ވިސާގެ މުއްދަތު އިތުރުކުރުމުގެ ބިލު] ވެސް ހިމެނިގެންދާނެ،" މައުސޫމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި ޓޫރިސްޓް ވިސާގެ މުއްދަތު އިތުރުކުރަން ޖެހެނީ، ޓޫރިސްޓުންގެ ބެޑްނައިޓް އިތުތުވުމަކީ އެ އިންޑަސްޓްރީގެ ނަފާ ބޮޑުވާ ކަމަކަށް ވާތީ އެކަމަށް މަގުފަހިކުރުމަށެވެ. އެ މުއްދަތު އިތުރުކުރުން މިވަގުތަށް މުހިއްމުވާ އެއް ސަބަބަކީ އޭނާ ވިދާޅުވިގޮތުގައި ކޮވިޑްގެ ވެކްސިން ޖަހަން ރާއްޖެއަށް މީހުން އަންނަ ގޮތަށް "ވެކްސިން ޓޫރިޒަމް" އަދި ޗުއްޓީ ހޭދަކުރުމާއި އެކު ރާއްޖޭގައި މަސައްކަތްކޮށްލާފައި ދާގޮތަށް، "ވޮކޭޝަން ވެކޭޝަން" ވެސް ކުރިއަރުވަން ބޭނުންވާތީ އެވެ.

މިއަދުގެ ޖަލްސާގައި މަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހީމް ޝަރީފް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަަމުން މައުސޫމް ވިދާޅުވީ ޓޫރިޒަމަށް އަަންނަ ކުރިއެރުން ވަަޒަން ކުރަން، އަންނަ ޓޫރިސްޓުންގެ އަދަދަށް ވުރެ ބޮޑަށް މިހާރު ވެސް ބަލަނީ ޓޫރިސްޓުން ރާއްޖޭގައި ހޭދަކުރާ މުއްދަތަށް (ބެޑްނައިޓްސް) އަށެވެ. އެގޮތުން މިއަހަރު ރާއްޖެއަށް 10 މިލިޔަން ބެޑްނައިޓްސް ލިބޭނެ ކަަމަށް މިހާރު އަންދާޒާކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކުރިން ވިސާ ޖެހުމަކައި ނުލައި، ޓޫރިސްޓުންގެ ގޮތުގައި ރާއްޖެއަށް އަންނަ މީހުންނަށް މިހާރު ލިބެނީ ތިން މަަސްދުވަހުގެ މުއްދަތެކެވެ. އެކަމަކު އެގޮތަށް އަންނަ ޓޫރިސްޓުން ރާއްޖޭގައި މަޑުކުރަން ޖެހޭ ހާލަަތެއް މެދުވެރިވެއްޖެ ނަމަ ހާއްސަ ވިސާއެއްގެ ގޮތުގައި އެހުއްދަ އަންނަނީ ދެމުންނެވެ. ކޮވިޑް-19 ގެ ބަލިމަޑުކަން ފެތުރި ބޯޑަރުތައް ބަންދުވި އިރު ރާއްޖޭގައި ތިބި ބައެއް މީހުންނަށް އެފަދަ އިންތިޒާމްތައް ހަމަޖައްސައިދިނެވެ.