Roadha Mihaaru
"އުދައްޔުގެ ޕޯސްޓްމޯޓަމް ހަދަނީ ފުރިހަމަ ތަހުގީގަކަށް"

އުދައްޔުގެ ޕޯސްޓްމޯޓަމް ހަދަނީ ފުރިހަމަ ތަހުގީގެއް ކުރުމަށް: ފުލުހުން

10 ފެބުރުއަރީ 2021

ގުރޫޕު މާރާމާރީއެއްގައި، ހަށިގަނޑުގެ އެތައް ތަނަކަށް ވަޅި ހަރައި އިއްޔެ ރޭ މަރާލި އަހުމަދު އުދައްޔުގެ ޕޯސްޓްމޯޓަމް ހަދަން ނިންމީ، އެ މަރުގެ ފުރިހަމަ ތަހުގީގެއް ކުރުމަށް ކަމަށް ފުލުހުން ބުނެފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ގުރޫޕު މާރާމާރީއެއްގައި، ހަށިގަނޑުގެ އެތައް ތަނަކަށް ވަޅި ހަރައި އިއްޔެ ރޭ މަރާލި އަހުމަދު އުދައްޔުގެ ޕޯސްޓްމޯޓަމް ހަދަން ނިންމީ، އެ މަރުގެ ފުރިހަމަ ތަހުގީގެއް ކުރުމަށް ކަމަށް ފުލުހުން ބުނެފި އެވެ.

އުމުރުން 17 އަހަރުގެ އުދައްޔުގެ ގަޔަށް ވަޅި ހެރީ، ގއ. މާމެންދޫ ބޮޑުމަގުމަތީ، ހަތަރު އަނގޮޅިއެއްގެ ކަންމަތީ އެވެ. އޭނާގެ ފުރަގަހުން ފުއްޕާމެއާ ދިމާލަށް ތަކުރާރުކޮށް ވަޅި ހަރާފައި ހުރި ކަމަށް، އެ ރަށު ސިއްހީ މަރުކަޒުން ބުނެ އެވެ.

އާއްމު ގޮތެއްގައި ޕޯސްޓްމޯޓަމް ހަދަނީ ގޮތް ނޭނގޭ މަރުތަކުގައި، އޭގެ ހަގީގަތް ހޯދުމަށެވެ. އެހެންވެ، ގުރޫޕު މާރާމާރީއެއްގައި، މީހުންގެ ކުރިމަތީގައި ވަޅި ހަރައި މަރާލި މީހެއްގެ ޕޯސްޓްމޯޓަމް ހަދަން ނިންމުމުން އެކަމާ ބައެއް މީހުން ދަނީ ސުވާލު އުފައްދަމުންނެވެ.

އެކަމާ ގުޅޭގޮތުން "މިހާރު"ން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ މަރުގެ ހަގީގަތް ދެނެގަތުމުގެ އިތުރުން، ތަހުގީގަށާއި ޝަރީއަތުގެ މަރުހަލާގައި ކުރިމަތިވާ ވަރަށް ގިނަ ސުވާލުތަކަށް، ޕޯސްޓްމޯޓަމްގެ ރިޕޯޓުން ތަފްސީލުކޮށް ޖަވާބު ލިބޭނެ ކަމަށެވެ. އުދައްޔުގެ ޕޯސްޓްމޯޓަމް ހަދަން ނިންމީ ވެސް، ފުރިހަމަ ތަހުގީގެއް ކުރުމަށާއި މައްސަލައިގެ ހުރިހާ މަރުހަލާއެއް ވެސް ކާމިޔާބު ކުރުމަށް މުހިއްމު ކަމެއް ކަމަށް ފެންނާތީ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ޕޯސްޓްމޯޓަމް ހެެދުމަށް އުދައްޔުގެ ހަށިގަނޑު ރާއްޖޭން ބޭރަށް ފޮނުވުމަށް، ރޭ ވަނީ އޭނާގެ ހަށިގަނޑު މާލެ ގެނެސްފަ އެވެ.

ޒުވާނާގެ މަރަށް އިންސާފު ހޯދައިދިނުމަށް، ފުލުހުން އަޅަން ޖެހޭ ކޮންމެ ފިޔަވަޅެއް އަޅާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ވަނީ ވިދާޅުވެފަ އެވެ.

ދެ ގުރޫޕެއްގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއްގައި އުދައްޔު މަރުވި މައްސަލައާ ގުޅިގެން މިހާތަނަށް، ފަސް މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.