Roadha Mihaaru
ރެކޯޑް މޮޅަކާ އެކު ސިޓީ ކުއާޓާ ފައިނަލަށް

ރެކޯޑް މޮޅަކާ އެކު ސިޓީ އެފްއޭ ކަޕްގެ ކުއާޓާ ފައިނަލަށް

11 ފެބުރުއަރީ 2021

ލަންޑަން (ފެބްރުއަރީ 11) - އެފްއޭ ކަޕްގައި ރޭ ސްވަންސީ ސިޓީގެ މައްޗަށް 3-1 އިން ކުރިހޯދައި އިނގިރޭސި ފުޓްބޯޅައިގައި ޖެހިޖެހިގެން ހޯދި ރެކޯޑް 15 ވަނަ މޮޅާ އެކު މެންޗެސްޓާ ސިޓީ އެފްއޭ ކަޕްގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފި އެވެ. ސިޓީ އަކީ އިނގިރޭސި ފުޓްބޯޅަ ތާރީހުގައި ޖެހިޖެހިގެން 15މެޗުން މޮޅުވި ފުރަތަމަ ޓީމެވެ.

ލަންޑަން (ފެބްރުއަރީ 11) - އެފްއޭ ކަޕްގައި ރޭ ސްވަންސީ ސިޓީގެ މައްޗަށް 3-1 އިން ކުރިހޯދައި އިނގިރޭސި ފުޓްބޯޅައިގައި ޖެހިޖެހިގެން ހޯދި ރެކޯޑް 15 ވަނަ މޮޅާ އެކު މެންޗެސްޓާ ސިޓީ އެފްއޭ ކަޕްގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފި އެވެ. ސިޓީ އަކީ އިނގިރޭސި ފުޓްބޯޅަ ތާރީހުގައި ޖެހިޖެހިގެން 15މެޗުން މޮޅުވި ފުރަތަމަ ޓީމެވެ.

އިނގިރޭސި ފުރަތަމަ ޑިވިޝަނުގެ މުބާރާތްތަކުގައި މީގެ ކުރިން ޖެހިޖެހިގެން އެންމެ ގިނަ މޮޅު ހޯދާފައިވަނީ 1892 ވަނަ އަހަރު ޕްރެސްޓަން އާއި 1987 ވަނަ އަހަރު އާސެނަލް އެވެ. ސިޓީ އެ ރެކޯޑާ ހަމަކުރީ މިދިޔަ އާދިއްތަ ދުވަހުގެރޭ ލިވަޕޫލް އަތުން މޮޅުވެގެންނެވެ. ރޭގެ މެޗަކީ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ކޯޗިން ކެރިއަރުގައި މޮޅުވި 200 ވަނަ މެޗެވެ.

"މި ރެކޯޑުން މި އެނގެނީ މި ކުޅުންތެރިންނަކީ ކިހާ ހާއްސަ ބައެއް ކަން. އެކަމަކު ރެކޯޑު މުގުރާލުމަކީ ނޫނީ އާ ރެކޯޑް ހެދުމަކީ އެއް ނޫން އަހަރެމެންގެ ޓާގެޓަކީ. އަހަރެމެން ބޭނުމީ ކޮންމެ މެޗަކުން މޮޅުވާން،" ރޭގެ މެޗަށް ފަހު ގާޑިއޯލާ ބުންޏެވެ.

ރަށުންބޭރުގައި ކުޅުނު ސިޓީ އަށް ރޭގެ މެޗުގައި ލީޑުނަގައިިދިނީ 30 ވަނަ މިނިޓްގައި ކައިލް ވޯކާ އެވެ. ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ދެ މިނިޓް ތެރޭ އޭރިއާތެރެއިން ލިބުނު ފުރުސަތަކުން ރަހީމް ސްޓާލިން ސިޓީގެ ލީޑުފުޅާކޮށްދިނެވެ. އޭގެ އިރުކޮޅެއް ފަހުން ގަބްރިއެލް ޖީސޫސް ވަނީ ސިޓީގެ ތިން ވަނަ ގޯލު ޖަހައިފަ އެވެ. ސްވަންސީގެ ހަމައެކަނި ގޯލު މެޗުގެ 77 ވަނަ މިނިޓްގައި ކާމިޔާބުކުރީ މޯގަން ވިޓަކާ އެވެ.

މުބާރާތުގައި ރޭ ފޯރިގަދަ މެޗަކަށް ފަހު 5-4 އިން ޓޮޓެންހަމް ބަލިކޮށް އެވަޓަން އިން ވަނީ މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފަ އެވެ. ޓޮޓެންހަމަށް މެޗުގެ ތިން ވަނަ މިނިޓްގައި ޑަވިންސަން ސަންޗޭޒް ލީޑުނަގައިދީފައިވަނިކޮށް އެވަޓަން އިން ވަނީ ތިން ގޯލު ޖަހައިފަ އެވެ. މި ތިން ގޯލު ކާމިޔާބުކުރީ ޑޮމިނިކް ކަލްވެޓް-ލެވިން އާއި ރިޗާލިސަން އަދި ގިލްފީ ސިގަޑްސަން އެވެ. އެކަމަކު ފުރަތަމަ ހާފް ނިމުމުގެ ކުރިން އެރިކް ލަމޭލާ ވަނީ ޓޮޓެންހަމަށް ގޯލެއް ޖަހައިދީ އެ ޓީމަށް އުއްމީދެއް ހޯދައިދީފަ އެވެ. ދެ ވަނަ ހާފްގެ ކުޅުން ފެށިގެން 12 މިނިޓް ތެރޭ ސަންޗޭޒް ވަނީ ދެ ވަނަ ގޯލެއް ޖަހައި ޓޮޓެންހަމަށް އެއްވަރުކޮށްދީފަ އެވެ.

މެޗުގެ 68 ވަނަ މިނިޓްގައި ރިޗާލިސަން ވަނީ ގޯލެއް ޖަހައި އެވަޓަން އަށް އަލުން ލީޑުނަގައިދީފަ އެވެ. އެކަމަކު މެޗު ނިމެން އަށް މިނިޓަށް ވެފައި ވަނިކޮށް ޓޮޓެންހަމް ވަނީ ހެރީ ކޭން ޖެހި ގޯލުން އެއްވަރުކޮށްފަ އެވެ. އެވަޓަން މޮޅުވި ގޯލު އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ޖެހީ ބްރެޒިލްގެ ވިންގް ބާނާޑް އެވެ.

ރޭ ކުޅުނު މެޗުތަކުން މޮޅުވެ ލެސްޓާ ސިޓީ އާއި ޝެފީލްޑް ޔުނައިޓެޑް ވެސް ވަނީ މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފަ އެވެ. ކެލެޗީ އިހެނާޗޯ އިތުރު ވަގުތުގައި ޖެހި ގޯލުން ލެސްޓާ ވަނީ ބްރައިޓަން 1-0 އިން ބަލިކޮށްފަ އެވެ. ޝެފީލްޑުން 1-0 އިން ބްރިސްޓޯލް ސިޓީ ބަލިކުރީ ބިލީ ޝާޕް ކާމިޔާބުކުރި ޕެނަލްޓީންނެވެ.