Roadha Mihaaru
އެވަޓަން ބަލިކޮށް، ސިޓީ އަލުން ދެވަނަ އަށް

އެވަޓަން ބަލިކޮށް، ސިޓީ އަލުން ދެވަނަ އަށް

21 ނޮވެމްބަރ 2021

މެންޗެސްޓާ (ނޮވެމްބަރު 21) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި 3-0 އިން ފަަސޭހަ ކަމާއެކު އެވަޓަން ބަލިކޮށް މެންޗެސްޓާ ސިޓީން އެއްވަނައިގައި އޮތް ޗެލްސީއާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

މެންޗެސްޓާ (ނޮވެމްބަރު 21) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި 3-0 އިން ފަަސޭހަ ކަމާއެކު އެވަޓަން ބަލިކޮށް މެންޗެސްޓާ ސިޓީން އެއްވަނައިގައި އޮތް ޗެލްސީއާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފި އެވެ.

އަނިޔާގެ ސަބަބުން ޖެކް ގްރީލިޝް މި މެޗުގައި ކޯޗު ޕެޕް ގާޑިއޯލާގެ ޓީމުގައި ނުހިމެނޭ އިރު، ކޮވިޑު ޖެހިގެން މިޑްފީލްޑަރު ކެވިން ޑިބްރޭނާ ހުރީ އައިސޮލޭޝަނުގަ އެވެ. ސިޓީން އެންމެ ފަހުން ޗެމްޕިއަންސް ލީގުގައި ކުޅުނު މެޗުގައި ލަނޑު ޖެހި 19 އަހަރުގެ އިނގިރޭސި މިޑްފީލްޑަރު ކޯލް ޕާމާ ވަނީ ފުރަތަމަ ފަހަރަށް ލީގު މެޗެއްގައި ފުރަތަމަ 11 ގައި ހިމެނިފަ އެވެ.

ސީޒަން ފެށިއިރު ވަރުގަދަކޮށް ފެނުނު އެވަޓަން އަށް މި ފަހުން އަނިޔާގެ ގިނަ މައްސަލަތަކެއް ދިމާވެ، ޓީމު ވަނީ ބަލިކަށިވެފަ އެވެ. މިރޭގެ މެޗުގައި އެޓީމުގެ ފޯވަޑް ޑެމަރާރީ ގްރޭ އަށް ވެސް ވަނީ އަނިޔާވެ، މެެޗުގެ 17 ވަނަ މިނިޓުގައި ބަދަލުކުރަން ޖެހިފަ އެވެ.

ގިނަ ވަގުތު ބޯޅަ ގެންގުޅުނު ނަމަވެސް ސިޓީން މެޗުގައި ލީޑު ނެގީ ފުރަތަމަ ހާފު ނިމެން މިނިޓަކަށްވެފައި ވަނިކޮށް، ރަހީމް ސްޓާލިން އެވެ. މި މެޗަކީ ސްޓާލިން، 26، އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅުނު 300 ވަނަ މެޗެވެ.

ފަހު ހާފުގައި ސިޓީގެ ލަނޑުތައް ޖަހައިދިނީ ރޮޑްރީ އާއި ބެނާޑޯ ސިލްވާ އެވެ. މީގެ އިތުރުން ވެސް ސިޓީއަށް ލަނޑުޖަހާނޭ ގިނަ ފުރުސަތުތަކެއް ލިބުނު ނަމަވެސް އެވަޓަންގެ ކީޕަރު ޖޯޑަން ޕިކްފޯޑު ވަނީ ސިލްވާ އާއި ސްޓާލިން ފޮނުވާލި ހަމަލާތައް ދިފާއު ކޮށްފަ އެވެ.