Roadha Mihaaru
ހިޔާ ފްލެޓުގެ މަހު ކުލީގެ މަޝްވަރާ އެބަދޭ: އެޗްޑީސީ

ހިޔާ ފްލެޓުގެ މަހު ކުލީގެ މަޝްވަރާތައް ކުރިއަށް އެބަދޭ: އެޗްޑީސީ

11 ފެބުރުއަރީ 2021

ހިޔާ މަޝްރޫއުގައި ހެދި ފްލެޓްތަކުގެ މަހު ކުލި ކަނޑައެޅުމުގެ މަސައްކަތް ކުރިއަށް އެބަދާ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން މިއަދު ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ހިޔާ މަޝްރޫއުގައި ހެދި ފްލެޓްތަކުގެ މަހު ކުލި ކަނޑައެޅުމުގެ މަސައްކަތް ކުރިއަށް އެބަދާ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން މިއަދު ބުނެފި އެވެ.

ކުރީގެ ސަރުކާރުގައި ހުޅުވާލި 7،000 ފްލެޓް މަޝްރޫއަށް ހުށަހެޅި ހުރިހާ ފޯމެއް މި ސަރުކާރުގެ ފްލެޓް ކޮމިޓީން އަލުން އިވެލުއޭޓްކޮށް ދާއިމީ ލިސްޓުތައް ވަނީ ނެރެފަ އެވެ. އެ ފްލެޓްތައް އަންނަ މަހު ހަވާލުކުރެވޭނެ ކަމަށް އެޗްޑީސީން ކުރިން ބުނެފައި ވިޔަސް އެ ތާރީޚް މިހާރު ވަނީ ލަސްވެފަ އެވެ.

ރައީސް އޮފީހުން އިއްޔެ ބުނެފައި ވަނީ ފްލެޓްތައް ހަވާލުކުރެވޭނީ މެއި ނުވަތަ ޖޫން މަހު ކަމަށެވެ.

ހުޅުމާލެ ދެ ވަނަ ފޭހުގައި އިމާރާތްކޮށްފައިވާ ފްލެޓްތަކުގެ މަހު ކުއްޔާ ގުޅޭ ގޮތުން "މިހާރު"ން ކުރި ސުވާލުތަކަށް ލިއުމުން ފޮނުވި ޖަވާބުގައި އެޗްޑީސީން ބުނީ ކުއްޔާ މެދު އަދި ގޮތެއް ނުނިމޭ ކަމަށެވެ. އެކަމަކު "އެޗްޑީސީ އާއި ސަރުކާރުގެ ގުޅުން ހުރި މުއައްސަސާތަކާ އެކު އަގެއް ކަނޑައެޅުމުގެ މަޝްވަރާތައް ކުރިއަށް އެބަދާ" ކަމަށް ވިދާޅުވި އެވެ.

ފްލެޓްތަކުގެ އަގާ ގުޅޭ ގޮތުން މި ސަރުކާރުން ބުނެފައި ވަނީ 20 އަހަރަށް ބަހާލުމުން ފްލެޓްތަކުގެ މަހު ކުލި 11،000ރ. އަށް އަރާ ކަމަށެވެ. އެކަމަކު މިއީ، ސޯޝަލް ހައުސިންއަށް ބަލާއިރު ބޮޑު އަދަދަކަށް ވާތީ، ފްލެޓްތަކުގެ ކުލި 7،500ރ. އަށް ވުރެން ބޮޑުނުވާނެ ގޮތެއް ހޯދާން މަސައްކަތް ކުރާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.

ހިޔާ ޓަވަރެއް: އެޗްޑީސީން ބުނަނީ އާއްމުން ދިރިއުޅެން ފަށާއިރު އަސާސީ ހުރިހާ ޚިދުމަތްތަކެއް ލިބެން ހުންނާނެ ކަމަށް.- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް /މިހާރު

ހިޔާ ޓަވަރެއް: އެޗްޑީސީން ބުނަނީ އާއްމުން ދިރިއުޅެން ފަށާއިރު އަސާސީ ހުރިހާ ޚިދުމަތްތަކެއް ލިބެން ހުންނާނެ ކަމަށް.- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް /މިހާރު

ފްލެޓްތަކުގެ އަގާ ގުޅޭ ގޮތުން އަރައިރުމެއް އުފެދި ކުރީގެ ސަރުކާރުގެ އިސް ބޭފުޅުންނާއި މި ސަރުކާރުގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމާއި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސުހެއިލް ގިނަ ވާހަކަތަކެއް ދައްކަވާފައިވެ އެވެ. ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި ވެސް އަގާ ގުޅޭ ބަހުސްތަކެއް ކުރިއަށް ދިޔަ އެވެ.

ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ހިމެނިވަޑައިގަންނަވާ ގޮތުން އެ ސަރުކާރުގެ އިސް ބޭފުޅުން ވިދާޅުވަމުން ގެންދަވަނީ ދެ ކޮޓަރީގެ ފްލެޓްތަކުގެ މަހު ކުއްޔަށް 5،600ރ. އަދި މެއިންޓެނަންސް ފީގެ ގޮތުގައި ހަމަޖެއްސީ މަހަކު 1،000ރ. ކަމަށެވެ.

މި ވާހަކައަށް ބާރުދޭން ސޯޝަލް މީޑިއާގައި އާއްމުކޮށްފައިވާ އޭރުގެ ސްޓޭޓް މިނިސްޓަރު އަދި ޕީޕީއެމްގެ ނައިބު ރައީސް ޣައްސާން މައުމޫން ސޮއިކުރައްވައި އޮކްޓޯބަރު، 17، 2018 ގައި ހައުސިން މިނިސްޓްރީ އަށް ފޮނުއްވި ކަމަށް ބުނާ ސިޓީގައި ވިދާޅުވެފައި ވަނީ، ފްލެޓްތަކުގެ އަގު 20 އަހަރަށް ބަހާލައި ޑައުންޕޭމަންޓަކީ 25،000ރ. ކަމަށް ކަނޑައެޅުމަށެވެ. އަދި ކުލީގެ ގޮތުގައި 5،600ރ. ހަމަޖައްސައި މެއިޓެނެންސް ފީގެ ގޮތުގައި 1،000ރ. ކަނޑައެޅުން ރަނގަޅު ކަމަށް ރައީސް ޔާމީން ނިންމަވާފައިވާ ކަމަށް ވެސް އޭގައިވެ އެވެ.

ފްލެޓުގެ ކުއްޔަކީ 5،600ރ. ކަމަށް ބުނަނީ ރަނގަޅަށް ނޫން ކަމަށް ވިދާޅުވެ ސުހެއިލް އޮތީ އެ ވާހަކަ ދޮގުކުރައްވައިފަ އެވެ.

ފްލެޓްތަކުގެ ފިނިޝިންއަށް ވަކި މުއްދަތެއް ނެތް

ޗައިނާ ސްޓޭޓް އިންޖިނިއަރިން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީއާ އެކު ކުރީގެ ސަރުކާރުން އެއްބަސްވީ، އެޗްޑީސީން ބުނެފައިވާ ގޮތުގައި، ފިނިޝިން ނުނިންމައި ފްލެޓްތައް ހަވާލުކުރާށެވެ. މި ސަރުކާރުން ފުރަތަމަ ބުނަމުން އައީ ފްލެޓްތައް ހަވާލުކުރާނީ ފިނިޝިން ނިންމުމަށް ފަހު ކަމަށެވެ.

ފިނިޝިން ނިންމަން 42 މިލިއަން ޑޮލަރުގެ ލޯނެއް ނަގަން އުޅުމަށް ފަހު، މުޅި މަޝްރޫއުގެ އަގު ބޮޑުވާތީ ސަރުކާރުން ނިންމީ އެ ލޯނު ނުނަގާށެވެ. އެހެންކަމުން ފިނިޝިން ނިންމަން ޖެހެނީ ފްލެޓް ލިބޭ މީހުންނެވެ.

ފްލެޓްތައް ދޭނީ މުށި ނުޖަހައި އެތެރޭގެ ކޮޓަރިތަކާއި ފާޚާނާތަކުގައި ވެސް ދޮރުތަކުގެ އިތުރުން ބޮތްކާއި ފަންކާ ވެސް ނުލަ އެވެ. ކައްކާ ތަންކޮޅުގައި ހުރީ ހަމައެކަނި ބެންޗެކެވެ.

ހިޔާ ފްލެޓެއްގެ ސިޓިންރޫމް: ފްލެޓް ލިބޭ މީހުންނަށް އެތަނުގައި ދިރިއުޅެން ފެށޭނީ ތަށިމުށި ޖަހައި ފިނިޝިން ނިންމައިގެން: އަހުމަދު އަވްޝަން އިލްޔާސް /މިހާރު

ހިޔާ ފްލެޓެއްގެ ސިޓިންރޫމް: ފްލެޓް ލިބޭ މީހުންނަށް އެތަނުގައި ދިރިއުޅެން ފެށޭނީ ތަށިމުށި ޖަހައި ފިނިޝިން ނިންމައިގެން: އަހުމަދު އަވްޝަން އިލްޔާސް /މިހާރު

އެޗްޑީސީން ބުނިގޮތުގައި ފިނިޝިންގެ މަސައްކަތް ނިންމުމަކީ ފްލެޓް ލިބޭ މީހުންގެ ޒިންމާއަކަށް ވާތީ ފިނިޝިން ނިންމަން ވަކި މުއްދަތެއް ނެތެވެ. ފްލެޓް ހަވާލުކޮށް ހިނގާ އެ މުއްދަތުގައި، ކުލި ނުނަގަން އެޗްޑީސީން އޮތީ ނިންމައިފަ އެވެ.

ޓަވަރުތަކުގައި ފެނާއި ނަރުދަމާގެ ޚިދުމަތް ލިބޭ ގޮތް މިހާރު ވަނީ ހަމަޖައްސައިފަ އެވެ. ޖޫން މަހުގެ ތެރޭގައި ދާއިމީ ކަރަންޓް ލިބޭނެ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.

"މިވަގުތު ވެސް ހަލުވިކަމާ އެކު ކަރަންޓުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މީގެ އިތުރުން ވެސް މާޗް މަހަށް ޖީޕިން ނެޓްވޯކްގެ މަސައްކަތް ނިމޭނެ އެވެ،" އެޗްޑީސީން ބުންޏެވެ.

ހިޔާ މަޝްރޫއުގެ ފްލެޓްތައް ފަރުމާކޮށްފައިވާ ގޮތުން ގިނަ މައްސަލަތަކެއް ވަނީ ކުރިމަތިވެފަ އެވެ. އެގޮތުން 25 ބުރީގެ އިމާރާތްތަކުގައި ހުންނަނީ އެންމެ ހަތަރު ލިފްޓް ކަމަށް ވާތީ ބޮޑެތި މައްސަލަތައް ކުރިމަތިވާނެ ކަމަށް އެޗްޑީސީން ބުނެ އެވެ. އެހެންވިޔަސް އެތަންތަނަށް ލިފްޓް އިތުރު ކުރެވޭނެ ގޮތެއް ނެތް ކަމަށް ސުހެއިލް ވިދާޅުވެ އެވެ.

ރާއްޖޭގެ ތާރީހުގައި ވެސް މިހާތަނަށް ހިންގި ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއު، ހިޔާ މަޝްރޫއުގައި 16 ޓަވަރު އިމާރާތްކޮށްފައިވާ އިރު، ކޮންމެ ފްލޯއެއްގައި، 20 ފްލެޓް ހުރެ އެވެ. ކޮންމެ ފްލެޓެއްގައި މަދުވެގެން ފަސް މީހުން ދިރިއުޅޭނެ ކަމަށް އެޗްޑީސީން ލަފާކުރެ އެވެ. އެ އަދަދުން ބަލާއިރު އެއީ ފްލޯއެއްގައި 100 މީހުންނެވެ. އެހެންކަމުން ކޮންމެ ޓަވަރެއްގައި، ގާތްގަނޑަކަށް 2،400 މީހުން ދިރިއުޅުން އެކަށީގެންވެ އެވެ. މުޅި 16 ޓަވަރަށް ބަލާ ނަމަ އެ އަދަދު 40،000 އާ ކައިރިކުރާނެ އެވެ.