Roadha Mihaaru
"ލިޔުން ދިނީ ނެތް ފްލެޓްތަކަށް، އެއް ކޮޓަރި ނުނިމޭ"

ލިޔުން ދިނީ ނެތް ފްލެޓްތަކަކަށް، އެއް ކޮޓަރީގެ ތަންތަން ނުނިމޭ: މިނިސްޓަރު

21 ފެބުރުއަރީ 2021

ކުރީގެ ސަރުކާރުގައި ހިޔާ މަޝްރޫއުގެ ތެރެއިން އެއް ކޮޓަރީގެ ފްލެޓްތައް ދޭނެ ކަމަށް އިއުލާންކޮށް ގިނަ ބަޔަކަށް ލިއުން ދޫކުރީ އެ ފްލެޓްތައް ނުނިމެނީސް ކަމަށާއި ތިން ކެޓަގަރީއަކުން ފޯމު ބާތިލްކުރަން ޖެހުނީ އެ އަދަދަށް ކުންފުނިތަކަށް ފްލެޓް އެޅިފައި ނެތުމުން ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މިރޭ ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކުރީގެ ސަރުކާރުގައި ހިޔާ މަޝްރޫއުގެ ތެރެއިން އެއް ކޮޓަރީގެ ފްލެޓްތައް ދޭނެ ކަމަށް އިއުލާންކޮށް ގިނަ ބަޔަކަށް ލިއުން ދޫކުރީ އެ ފްލެޓްތައް ނުނިމެނީސް ކަމަށާއި ތިން ކެޓަގަރީއަކުން ފޯމު ބާތިލްކުރަން ޖެހުނީ އެ އަދަދަށް ކުންފުނިތަކަށް ފްލެޓް އެޅިފައި ނެތުމުން ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މިރޭ ވިދާޅުވެއްޖެ އެވެ.

"އެސްއޯއީތަކާ ހަވާލުކުރި އެއް ކޮޓަރީގެ ފްލެޓްތަކުގެ ތެރެއިން ސަރުކާރަށް ގަންނަން ލިބުނީ 36 ފްލެޓް. އެ ތަންތަން ޚާއްސަކުރީ އެންމެ ބޭނުން ޖެހިފައި ތިބި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް. ގިނަ ކުންފުނިތަކަށް ފްލެޓް އެޅުން ކުރިއަކަށް ނުގެންދެވޭ. މަދު ތަނެއްގައި ކުރިއަށް ދަނީ،" އެއް ކޮޓަރީގެ ފްލެޓްތަކަށް ހުށަހެޅި ފޯމުތައް ބާތިލްކުރި ސަބަބު ތަފްސީލްކޮށްދެއްވަމުން މިނިސްޓަރު ވިދާޅުވި އެވެ.

އެއް ކޮޓަރީގެ ފްލެޓްތަކަށް ކުރީގެ ސަރުކާރުގައި ހުޅުވާލީ އަލަތު ކައިވެންޏަށް 993 ފްލެޓާއި 18-40 އަހަރާ ދެމެދުގެ މީހުންނަށް 438 ފްލެޓާއި މާލޭ ރަށްވެހިންނަށް 114 ފްލެޓާއި ދަފްތަރަށް 33 ފްލެޓުގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް 43 ފްލެޓަށެވެ. ހިޔާ މަޝްރޫއުގައި އިއުލާންކުރި 7،000 ފްލެޓާ ވަކިން، މި ތަންތަން ދޭން ނިންމީ ސަރުކާރުގެ ކުންފުނިތަކުން އިމާރާތްކުރާ ފްލެޓްތަކުންނެވެ.

އެ ކުންފުނިތަކުން އިމާރާތްކޮށް ނިމުމުން ސަރުކާރަށް ވިއްކާ ގޮތަށް 1،600 އަށް ވުރެން ގިނަ ފްލެޓް، ސޯޝަލް ހައުސިން ސްކީމް [ހިޔާ މަޝްރޫއު]ގެ ތެރޭގައި ދޫކުރަން އޭރު އިއުލާންކުރި އެވެ. އަލަތު ކައިވެނީގެ ނަމުގައި މަޝްހޫރުވި އެއް ކޮޓަރީގެ މި ފްލެޓްތަކަށް ގިނަ ބަޔަކު ކުރިމަތި ވެސް ލި އެވެ.

އެކަމަކު 22،000 އަށް ވުރެން ގިނަ މީހުން ކުރިމަތިލި ހިޔާ މަޝްރޫއުގެ ފްލެޓްތައް ދޫކުރީ ދިރިއުޅުމުގެ ހާލަތު ނުބަލައި ބޭއިންސާފުން ކަމުގެ ތުހުމަތާ އެކު މި ސަރުކާރުގެ ފްލެޓް ކޮމިޓީން ހުރިހާ ކެޓަގަރީއެއް އިވެލުއޭޓްކުރީ އެއް ކޮޓަރީގެ ފްލެޓްތަކަށް ހުށަހެޅި ފޯމުތައް ވެސް ހިމަނައިގެންނެވެ. އެހެންވެ ހާލަތު ބަލަން ގޭގެއަށް ފްލެޓް ކޮމިޓީން ދިޔަ އެވެ.

މިނިސްޓަރު އަސްލަމް: ކުންފުނިތަކުން ލިބެން ހުރި 36 ފްލެޓް ގާތްގަނޑަކަށް ޚާއްސަކުރީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް. .-- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/ މިހާރު

މިނިސްޓަރު އަސްލަމް: ކުންފުނިތަކުން ލިބެން ހުރި 36 ފްލެޓް ގާތްގަނޑަކަށް ޚާއްސަކުރީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް. .-- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/ މިހާރު

ސަރުކާރުން މިދިޔަ ބުރާސްފަތި ދުވަހު އިއުލާންކުރީ އެއް ކޮޓަރީގެ ފްލެޓްތަކަށް ފޯމު ބަލައިގެންފައި ވިޔަސް އެ މަޝްރޫއުގައި ދޫކުރާނެ ފްލެޓެއް ނެތުމުން ފޯމުތައް ބާތިލްކުރީ ކަމަށެވެ. މިގޮތަށް ނިންމުމުން މި ކެޓަގަރީތަކަށް ފޯމު ލީ ގިނަ ބައެއްގެ ހިތްހަމަނުޖެހުން އެބައޮތެވެ.

ފޯމުތައް އިވެލުއޭޓްކޮށް ދިރިއުޅުމުގެ ހާލަތު ވެސް ބެލުމަށް ފަހު ތިން ކެޓަގަރީއެއް އުވާލި ސަބަބާ ގުޅޭ ގޮތުން މިނިސްޓަރު އަސްލަމްއާ "މިހާރު"ން ސުވާލުކުރުމުން ވިދާޅުވީ އެކަމުގައި "ސަރުކާރުން ސިޔާސަތެއް ކަނޑައަޅަން ޖެހުނީ، ދޭނެ ކަމަށް ކުރީގެ ސަރުކާރުގައި އިއުލާންކުރި އަދަދަށް ފްލެޓް ނެތުމުން" ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ހިޔާ މަޝްރޫއުގެ ލިސްޓުތައް ފައިނަލްކުރުމުގެ ކުރިން ކުންފުނިތަކުން ފްލެޓް ގަތުމުގެ މަސައްކަތް ސަރުކާރުން ކުރިއަށް ގެންދިޔަ އެވެ. މިގޮތަށް ބެލިއިރު އެނގުނީ، މިނިސްޓަރު ވިދާޅުވި ގޮތުގައި، އެމްޑަބްލިއުއެސްސީ އާއި ސްޓެލްކޯ އާއި އެމްޕީއެލް އިން އަޅާ ޓަވަރުތަކުން އެ ކުންފުނިތަކުގެ މުވައްޒަފުން ބޯހިޔާވަހިކަން ހަމަޖެއްސުމަށް ފަހު އިތުރު ފްލެޓެއް ލިބެން ނެތް ކަމެވެ. ދެން ހުރި އެސްއޯއީތަކަށް ދިމާވި ގޮތަކީ ލޯނު ލިބުން ދަތިވެ، ނުވަތަ އެހެން ކޮންމެވެސް ސަބަބުތަކެއް މެދުވެރިވެ ފްލެޓް އެޅުން ކުރިއަށް ނުގެންދެވުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އެމްޑަބްލިއުއެސްސީގެ މުވައްޒަފުންނަށް އެލޮކޭޝަން ހަދާފައި ބާކީވި 36 ފްލެޓް ސަރުކާރަށް ލިބުނީ. ވަން ބެޑް ރޫމް އެޕާޓްމެންޓަށް ކުރިމަތިލީ މީހުންގެ ތެރެއިން 50 ޕޮއިންޓުން މަތިވި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް 34 ފްލެޓް ދޭން މި ސަރުކާރުން ނިންމީ. ބާކީވި ދެ ފްލެޓް މާލޭ ރަށް ވެހިންގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބުނު ދެ ފަރާތަކަށް ހަމަޖެއްސީ،" އަސްލަމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ސަރުކާރުން ސިޔާސަތެއް ކަނޑައަޅަން ޖެހުނީ އަޅާފައި ނެތް ފްލެޓްތަކެއް މި ވަގުތަށް ދެވެން ނެތުމާއި އެކަށީގެންވާ ބޯހިޔާވަހިކަމަކަށް އެއް ކޮޓަރީގެ ތަންތަން އަޅާފައި ދިނުމަކީ މި ސަރުކާރުން ގަބޫލުކުރާ ކަމަކަށް ވެސް ނުވާތީ އެވެ.

އޭނާ ވިދާޅުވި ގޮތުގައި، އަލަތު ކައިވެންޏާ އެކު އާއިލާއެއް އުފެދޭއިރު އެއް ކޮޓަރިއަކީ ދިރިއުޅެވޭނެ ތަންތަނެއް ނޫނެވެ.

9،000 ފްލެޓަށް ލިޔުން ދޫކުރި!

މިނިސްޓަރު އަސްލަމް ވިދާޅުވި ގޮތުގައި ކުރީގެ ސަރުކާރުގައި ހިޔާ މަޝްރޫއު ހުޅުވާލައި ފްލެޓް ލިބޭނެ ކަމުގެ ލިޔުން، އެ ވެރިކަމުގެ އެންމެ ފަހު ދުވަސްކޮޅު 9،000 މީހުންނަށް ދޫކޮށްފައި އެބައޮތެވެ. ހިޔާ މަޝްރޫއުގައި 7،000 އިއުލާންކުރިއަސް ޓަވަރުތަކުގެ ގްރައުންޑް ފްލޯ ނުލައި އަދަދަކީ 6،720 ކަމަށް ވިދާޅުވި އެވެ.

އޭރު އަޅުއްވަން ވިސްނަވާފައި ހުރި ފްލެޓްތައް ހިމެނޭ ގޮތުން ގިނަ ބަޔަކަށް ލިޔުން ދީފައި އެހެރީ.

ފްލެޓް ލިބޭނެ ކަމުގެ ލިއުން، ގިނަ ބަޔަކަށް މިގޮތަށް ދޫކުރީ އޭނާ ތުހުމަތު ކުރެއްވި ގޮތުގައި 2018 ގެ ރިޔާސީ އިންތިޚާބާ ދިމާކޮށެވެ.

"ހައުސިން އަކީ ވަރަށް ޕަވަޕުލް ޕޮލިޓިކަލް ޓޫލެއް. އެހެންވީމަ އޭރު އަޅުއްވަން ވިސްނަވާފައި ހުރި ފްލެޓްތައް ހިމެނޭ ގޮތުން ގިނަ ބަޔަކަށް ލިޔުން ދީފައި އެހެރީ،" އަސްލަމް ވިދާޅުވި އެވެ.

މި ސަރުކާރުން އުފެއްދި ފްލެޓް ކޮމިޓީން ހިޔާ މަޝްރޫއުގެ ލިސްޓްތައް އެކުލަވާލީ ކުރީގެ ސަރުކާރުގައި އިއުލާންކޮށްފައިވާ ކްރައިޓީރިއާތަކަށް ޕޮއިންޓް ދީގެން ކަން ފާހަގަކުރެއްވި އެވެ. ދިރިއުޅުމުގެ ހާލަތު ބަލައި މިހާރު ލިސްޓުތައް ތަރުތީބުވެފައި ވަނީ އޭރު އިއުލާންކުރި ޝަރުތުތަކުގައިވާ ގޮތުގެ މަތިން އެންމެ ބޭނުން ޖެހިފައި ތިބި މީހުންނަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ހިޔާ މަޝްރޫއުން ފްލެޓަށް އެދޭ ފޯމް ހޯދުމަށް ދަރުބާރުގޭގައި މީހުން ތޮއްޖެހިފައި.---ފޮޓޯ: ނިޝާން އަލީ/މިހާރު

ހިޔާ މަޝްރޫއުން ފްލެޓަށް އެދޭ ފޯމް ހޯދުމަށް ދަރުބާރުގޭގައި މީހުން ތޮއްޖެހިފައި.---ފޮޓޯ: ނިޝާން އަލީ/މިހާރު

އެ އިވެލުއޭޝަނުން ދެން ސާފުވާން އޮތް ހަގީގަތަކީ، މިނިސްޓަރު ވިދާޅުވި ގޮތުގައި، ބޯހިޔާވަހިކަން އެތައް ބަޔަކު ބޭނުންވެ، އެއް ހާލެއްގައި ވެސް ގިނަ ބަޔަކު ދިރިއުޅެމުންދާ ކަމެވެ. ހިޔާ މަޝްރޫއަށް ފޯމުލީ 22،000 މީހުންގެ ތެރެއިން 18،000 މީހުންނަށް ދޭނެ ފްލެޓް އެޅިފައި ނެތުމަކީ އެ މީހުން ބާކީވީ ނޫން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ޑިމާންޑް އޮތް ވަރުގެ އިންޑިކޭޓާއެއް މި އެނގުނީ. ސަރުކާރުން ދެން ކުރިއަށް ގެންދާ މަޝްރޫއުތަކުގައި ޕްރޯއެކްޓިވްލީ ވެސް ބަލާނަމޭ އެ މީހުންނަށް ފުރުސަތު ދޭން،" އަސްލަމް ވިދާޅުވި އެވެ.

މިނިސްޓަރު ޔަގީންކަން ދެއްވި ގޮތުގައި ބޯހިޔާވަހިކަމުގެ އެންމެ ބޭނުން ޖެހިފައި ތިބި އާއިލާތައް ހިމެނޭ ގޮތުން މަޝްރޫއުތަކެއް ހުޅުވާލައި ބޯހިޔާވަހިކަމަށް ޖުމްލަ ހައްލެއް މި ސަރުކާރުން ހޯދައިދޭނެ އެވެ. އެ ޕްލޭންގެ ބައެއް މައުލޫމާތު ޕްރެސް ކޮންފަރެންސެއްގައި ވަރަށް އަވަށް އާއްމުންނާ ހިއްސާކުރައްވާނެ ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ.