Roadha Mihaaru
"އޭކް ވިލަން" ގެ ސީކްއެލް އަންނަ އަހަރު

"އޭކް ވިލަން" ގެ ސީކްއެލް އަންނަ އަހަރު

12 ފެބުރުއަރީ 2021

ޑައިރެކްޓަރު މޯހިތު ސޫރީ ގެނެސްދިން ކާމިޔާބު އެކްޝަން ތުރިލާ "އޭކް ވިލަން" ގެ ސީކްއެލް އަންނަ އަހަރު ގެނެސްދޭން ނިންމައި އޭގެ ފަސްޓްލުކް ޕޯސްޓަރު ދައްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޑައިރެކްޓަރު މޯހިތު ސޫރީ ގެނެސްދިން ކާމިޔާބު އެކްޝަން ތުރިލާ "އޭކް ވިލަން" ގެ ސީކްއެލް އަންނަ އަހަރު ގެނެސްދޭން ނިންމައި އޭގެ ފަސްޓްލުކް ޕޯސްޓަރު ދައްކާލައިފި އެވެ.

މީޑިއާތަކުން ކުރިން ރިޕޯޓްކޮށްފައިވާ ގޮތާ ހިލާފަށް ސީކްއެލްގެ ނަމަކީ "އޭކް ވިލަން ރިޓާންސް" އެވެ. މިދިޔަ އަހަރު ބައެއް މީޑިއާތަކުން ބުނީ ފިލްމުގެ ނަމަކީ "ދޯ ވިލަން" ކަމަށެވެ.

އެކްތާ ކަޕޫރާއި ބުޝަން ކުމާރު ޕްރޮޑިއުސްކުރާ ފިލްމު ސިނަމާތަކަށް ގެންނާނީ އަންނަ އަހަރުގެ ފެބްރުއަރީ 11 ގަ އެވެ. "އޭކް ވިލަން ރިޓާންސް" ގެ ލީޑް ކާސްޓަކީ ޖޯން އަބްރަހަމާއި ޑިޝާ ޕަޓާނީ އާއި އަރުޖުން ކަޕޫރާއި ތާރާ ސުތާރިއާ އެވެ.

އަރުޖުން އަށް މި ފިލްމުން ފުރުސަތު ލިބުނީ އަދިތިޔާ ރޯއި ކަޕޫރް ފިލްމު ދޫކޮށްލުމުންނެވެ. ރިޕޯޓްތައް ބުނާގޮތުން މޯހިތު މިދިޔަ އަހަރު ގެނެސްދިން "މަލަންގް" ގެ ބަތަލުގެ ރޯލު ކުޅުނު އަދިތިޔާ "އޭކް ވިލަން ރިޓާންސް" ދޫކޮށްލީ އޭނާ އަށް ދިން ކެރެކްޓާ އަށް ވުރެ ޖޯންގެ ކެރެކްޓާ ބޮޑުވުމުން އެކަމާ ހިތްހަމަނުޖެހިގެންނެވެ.

އަރުޖުން ކުރިން ވެސް މޯހިތާ އެކު މަސައްކަތްކޮށްފައިވެ އެވެ. އެއީ 2017 ގެ "ހާފް ގާލްފްރެންޑް" ގަ އެވެ.

"އޭކް ވިލަން ރިޓާންސް" މުޅިން ތަފާތު ކާސްޓަކާ އެކު ގެނެސްދޭ އިރު ކުރީގެ ފިލްމުގެ މައިގަނޑު ތަރިންނަކީ ސިދާތު މަލްއުތުރާ އާއި ޝްރަދާ ކަޕޫރްގެ އިތުރުން ރިތޭޝް ދޭޝްމުކެވެ.

މޯހިތު ވަނީ "މަލަންގް" ގެ ސީކްއެލްއެއް ވެސް ހަދަން ނިންމައިފަ އެވެ. އެ ފިލްމުގައި އަދިތިޔާއާ އެކު ބަތަލާގެ ރޯލު ކުޅުނީ ޑިޝާ އެވެ.