Roadha Mihaaru
ބަނާނާ: ރީނދޫ ކުލައިގެ އިއްސެއް

ބަނާނާ: ރީނދޫ ކުލައިގެ އިއްސެއް

14 ފެބުރުއަރީ 2021

ވަރަށް މަދުން ނޫނީ ނުފެންނަ، ރީނދޫ ކުލައިގެ އިއްސެއްގެ ނަމަކަށް "ބަނާނާ" ކިޔައި އެ އިހި އިނގިރޭސިވިލާތުގެ ޔުނިވަސިޓީ އޮފް ނިއު އިންގްލެންޑް (ޔޫއެންއީ) އަށް ބުދަ ދުވަހު ހަދިޔާކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ވަރަށް މަދުން ނޫނީ ނުފެންނަ، ރީނދޫ ކުލައިގެ އިއްސެއްގެ ނަމަކަށް "ބަނާނާ" ކިޔައި އެ އިހި އިނގިރޭސިވިލާތުގެ ޔުނިވަސިޓީ އޮފް ނިއު އިންގްލެންޑް (ޔޫއެންއީ) އަށް ބުދަ ދުވަހު ހަދިޔާކޮށްފި އެވެ.

މި އިއްސަކީ އިނގިރޭސިވިލާތުގައި އިހި ނަގާ މީހަކު އިހި ނަގަން އުޅުމުގެ ތެރޭގައި ފެނުނު އެއްޗެކެވެ. މާލީ ބޭބް ކިޔާ މީހާ ބުނި ގޮތުގައި ރީނދޫ ކުލައިގެ އިއްސަކީ އޭނާ އަށް ވަރަށް އާދަޔާހިލާފު އެއްޗަކަށްވި އެވެ. ސަބަބަކީ އިހި ނެގުމުގެ މަސައްކަތުގައި އުޅޭތާ އެތައް އަހަރެއްވީ ވެސް އިރު އެ ބާވަތުގެ އިއްސެއް ކުރިން ފެނިފައިނުވުމެވެ.

އެހެންވެ ރީނދޫ ކުލައިގެ އިހި ހާއްސަ އެއްޗެއްގެ ގޮތުގައި ބަލައި ޔުނިވަސިޓީ އަށް ހަދިޔާކުރަން ނިންމީ އެވެ. ސަބަބަކީ ޔޫއެންއީގައި އޭތި ގިނަ ދުވަހަށް ބާއްވައި ބަލަހައްޓައި އިއްސާ ބެހޭ ދިރާސާތަކަށް ވެސް ބޭނުންކުރެވޭނެ އެއްޗަކަށްވުމެވެ.

ރީނދޫ އިހި ފެނުމާ ގުޅިގެން އޭނާ އެންމެ ފުރަތަމަ އެކަމާ ބެހޭ މައުލޫމާތު ހިއްސާކުރީ މެއިންގެ ޑިޕާޓްމަންޓް އޮފް މެރިން ރިސާޗް (ޑީއެމްއާރް) އެވެ.

މި ބާވަތުގެ އިއްސަކީ ވަރަށް ނާދިރު ބާވަތެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ރިނދޫ ކުލައިގެ އިއްސަކީ ކޮންމެ 30 މިލިއަނުން އެކައްޗަށް ދިމާވާ ގޮތެކެވެ. މިގޮތަށް ދިމާވަނީ އިހީގެ ޝެލް އަށް ކުރިމަތިވާ ޕިގްމަންޓޭޝަނެއްގެ ސަބަބުންނެވެ.

ޔޫއެންއީގެ ސްކޫލް އޮފް މެރިން އެންޑް އެންވަރަޔަމަންޓަލް ޕްރޮގްރާމްގެ ލެބް ކޯޑިނޭޓަރު އަދި ކެމިކަލް ހައިޖީން އޮފިސަރު ލިންޒީ ފޮރެޓް ވިދާޅުވި ގޮތުގައި އެ މީހުންނާ ހަމައަށް ރީނދޫ ކުލައިގެ އިހި ގެންދެވުނީ އެ ހިފިތާ ގާތްގަނޑަކަށް ދެ ގަޑިއެއްހާ އިރު ތެރޭގަ އެވެ. އަދި އެކަމަށްޓަކައި ބެބް އަށް ބޮޑަށް ޝުކުރު އަދާކޮށްފައިވެ އެވެ.

"މި އިހި ލިބުމަކީ ޝަރަފެއް. އަދި މިކަން ފަހިވާން މެދުވެރިވީ އިހި ނަގާ މީހުންނާއި އަހަރެމެންނާއި މެއިންގެ ޑީއެމްއާރާ އޮންނަ ގާޔް ގުޅުމެއްގެ ސަބަބުން،" ލިންޒީ ވިދާޅުވި އެވެ. "އެހެންވެ ރީނދޫ އިއްސަކީ އަހަރެމެންގެ ދިރާސާތަކަށް ވަރަށް ބޮޑު އެހީއަކަށް ވާނެ."

އިއްސާ ބެހޭ ދިރާސާތަކެއް ޔުނިވަސިޓީން މިހާރު ވެސް އަންނަނީ ނެޝަނަލް ސައިންސް ފައުންޑޭޝަން (އެންއެސްއެލް) އާ ގުޅިގެން ކުރަމުންނެވެ. އެ ދެ ތަން ގުޅިގެން ހިންގާ ދިރާސާ ޕްރޮގްރާމްތަކަށް 860،000 ޑޮލަރުގެ ގްރާންޓެއް ހަމަޖައްސާފައިވެ އެވެ.