Roadha Mihaaru
އައްޑު އާއި ފުވައްމުލަކުން 49 މީހުން ޕޮޒިޓިވް!

އައްޑޫން 33، ފުވައްމުލަކުން 16 މީހަކު ކޮވިޑަށް ޕޮޒިޓިވް

14 ފެބުރުއަރީ 2021

ކޮވިޑް-19ގެ ކޮމިއުނިޓީ ސްޕްރެޑެއް ފެތުރިފައި އޮތް އައްޑޫ އާއި ފުވައްމުލަކުން މިހާތަނަށް ޖުމްލަ 49 މީހަކު ބައްޔަށް ޕޮޒިޓިވްވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކޮވިޑް-19ގެ ކޮމިއުނިޓީ ސްޕްރެޑެއް ފެތުރިފައި އޮތް އައްޑޫ އާއި ފުވައްމުލަކުން މިހާތަނަށް ޖުމްލަ 49 މީހަކު ބައްޔަށް ޕޮޒިޓިވްވެއްޖެ އެވެ.

އައްޑޫގައި ބަލި ފެތުރުނީ ހަފުތާއެއްހާ ދުވަސްކުރިން ގަމުގައި ބޭއްވި ވޯކްޝޮޕެއްގެ ތެރެއިންނެވެ. އެ ބައްދަލުވުމުގެ ބައިވެރިންތަކެއް ބައްޔަށް ޕޮޒިޓިވްވެފައިވާ އިރު އެ މީހުންނާ ޑައިރެކްޓް ކޮންޓެކްޓްވި މީހުންނަށް ވެސް ބަލި ޖެހިފައިވެ އެވެ.

އައްޑޫ ލޮކްޑައުންކޮށް އަދިވެސް އަންނަނީ ކޮންޓެކްޓް ޓްރޭސިން ހަދަމުންނެވެ.

ކައުންސިލުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވީ އެންމެންގެ ރައްކާތެރިކަމަށް، އުނދަގޫ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ. ކައުންސިލްގެ ހުއްދަ ނުނަގައި އައްޑޫގެ އެއް އަވަށުން އަނެއް އަވަށް ދިއުން ވެސް މަނަލެވެ.

"ބަލި ނުފެތުރި ހިފެހެއްޓޭނެ ގޮތަކަށް މަސައްކަތްކުރަނީ،" ސޯބެ ވިދާޅުވި އެވެ.

އައްޑުއެކޭ އެއްގޮތަށް ފުވައްމުލަކުގައި ވެސް ރޭގަނޑު އަށަކުން ފެށިގެން ފަތިހު ހަތަރަކަށް ވަނީ ކާފިއު އިއުލާންކޮށްފަ އެވެ.

އެ ރަށުގައި އޮތީ ދެ ކްލަސްޓާއެކެވެ. އެއީ ޔޫއޭއީން ގޮސް ކަރަންޓީންގައި ހުރި މީހަކު ޕޮޒިޓިވްވެ އޭނާގެ ކޮންޓެކްޓުންގެ ކްލަސްޓާ އާއި އައްޑޫން އެ ރަށަށް ދިޔަ މީހަކު ޕޮޒިޓިވްވެ އުފެދުނު ކްލަސްޓާ އެވެ.

ދެކުނުގައި އިގްތިސާދީ ގޮތުން އެންމެ ހަލަބޮލި ދެ ސިޓީގައި ކޮވިޑް-ފެތުރި އާއްމު ޚިދުމަތްތަކަށް މިހާރު އޮތީ ބުރޫއަރައިފަ އެވެ.