Roadha Mihaaru
ގާނޫނު ހިނގަނީ ނިކަމެތިންނަށް އެކަނި

ގާނޫނު ހިނގަނީ ނިކަމެތިން ރައްޔިތުންނަށް އެކަނި

17 ފެބުރުއަރީ 2021

މީގެ އަހަރުތަކެއް ކުރި އެވެ. ދައުލަތުގެ މިނިވަން މުއައްސަސާއެއްގައި މަސައްކަތު މީހަކަށް އުޅުނު އާދައިގެ ރައްޔިތެކެވެ. ވަޒީފާގައި އުޅުމުގެ ތެރޭގައި އޮފީސް ސާފުކުރަން ބަހައްޓާފައި ހުރި ސޯކްލިން ކޮޅެއް ފުޅިއަކަށް އަޅައިގެން ގެއަށް ގެންދިއުމުން އޭނާއަށް ދައުވާކޮށް، ހަ މަހަށް އަރުވާލަން ހުކުމްކުރީ އެވެ. އެކަމަކު ބޮޑެތި އަދަދުތަކުން ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރިވި ގިނަ މީހުން އަދިވެސް މިނިވަންކަމުގަ އެވެ. ރާއްޖޭގައި ގާނޫނު ހިނގަނީ ނިކަމެތި ރައްޔިތުންގެ މައްޗަށް އެކަނިކަން ސާބިތު ކުރަން މި މިސާލު ފުދެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މީގެ އަހަރުތަކެއް ކުރި އެވެ. ދައުލަތުގެ މިނިވަން މުއައްސަސާއެއްގައި މަސައްކަތު މީހަކަށް އުޅުނު އާދައިގެ ރައްޔިތެކެވެ. ވަޒީފާގައި އުޅުމުގެ ތެރޭގައި އޮފީސް ސާފުކުރަން ބަހައްޓާފައި ހުރި ސޯކްލިން ކޮޅެއް ފުޅިއަކަށް އަޅައިގެން ގެއަށް ގެންދިއުމުން އޭނާއަށް ދައުވާކޮށް، ހަ މަހަށް އަރުވާލަން ހުކުމްކުރީ އެވެ. އެކަމަކު ބޮޑެތި އަދަދުތަކުން ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރިވި ގިނަ މީހުން އަދިވެސް މިނިވަންކަމުގަ އެވެ. ރާއްޖޭގައި ގާނޫނު ހިނގަނީ ނިކަމެތި ރައްޔިތުންގެ މައްޗަށް އެކަނިކަން ސާބިތު ކުރަން މި މިސާލު ފުދެ އެވެ.

ޖިންސީ ގޯނާ އާއި ރޭޕްގެ ދައުވާތަކެއް ކޮށްފައި ވަނިކޮށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ބޭސްފަރުވާއަށް ކުއްލި ގޮތަކަށް ވަޑައިގަތުމުގެ ހުއްދަ ދިނުމުން ވެސް ގިނަ ބަޔަކު ކުރީ އެ ޝަކުވާ އެވެ. އެކަށީގެންވާ ބޭސްފަރުވާ ލިބުމުގެ ހައްގު އެންމެންނަށް ވެސް ލިބެން ޖެހޭނެ އެވެ. އެއީކީ އަލީ ވަހީދަށް ވީތީ ނުވަތަ ބޮޑު ކުށެއްގެ ތުހުމަތުވާ މީހަކަށް ވީތީ ކަމަށް ބުނެ ހިފެހެއްޓޭނެ ހައްގެއް ވެސް ނޫނެވެ. އެކަމަކު ބޭސްފަރުވާއަށް އެދި ސަލާން ޖަހާ އެތައް ބަޔަކު ޖަލުގެ ކިއުތަކުގެ ތެރޭގައި ތިއްބާ އަލީ ވަހީދަށް އެ ފުރުސަތު ލިބިވަޑައިގަތުމަކީ ގިނަ ބައެއްގެ ޝަކުވާ އެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން ބޮޑެތި ކުށްތައް ސާބިތުވެ، ދިގު މުއްދަތަކަށް ޖަލަށްލި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު އެ ތިއްބެވީ "ސިއްހީ ސަބަބުތަކަށްޓަކައި" ގޭ ބަންދުގަ އެވެ. އެކަމަކު ސިއްހީ އެތައް މައްސަލަތަކެއް ކުރިމަތިވެފައިވާ މީހުން ގެއަށް ބަދަލު ނުކޮށް ނުވަތަ ބަންދުން ދޫނުކޮށް ޖަލުގައި އެ ތިބީ އެވެ. އެ މީހުންނާ މެދު ހަމްދަރުދީ ވާނެ ބަޔަކު ނެތެވެ. އެކަކަށް ޖަލުގައި އެކަށީގެންވާ ފަރުވާ ނުލިބި، މަރުވެގެން ދިޔައީ މީގެ ދެ ތިން އަހަރު ކުރިންނެވެ.

މަރުގެ މައްސަލައެއްގެ ތުހުމަތުގައި "ވާނުވާ" ބަންދުގައި ހުންނަތާ ތިން އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ މީހެއްގެ ސީރިއަސް ސިއްހީ މައްސަލަތަކެއް ހުރެގެން ރާއްޖެއިން ބޭރަށް ފޮނުވަން ޑޮކްޓަރުން ލަފާ ދިންތާ އެތައް ދުވަހެކެވެ. ޖަލުގައި ތިބޭ މީހުން ބޭރަށް ފޮނުވުމުގެ ކުރިން ކަރެކްޝަންސް އިން ބަލާ ހަރުކަށި އިޖްރާއާތުތަކުގެ ތެރެއިން އޭނާ ބެލި ހުރިހާ ޑޮކްޓަރުންގެ ލަފައަކީ ވެސް އެއީ އެވެ. އެކަމަކު ސަރުކާރު މެދުވެރިވެގެން ހަމަޖައްސަން ޖެހޭ ލިޔުންތައް ހަމަނުޖެހޭތީ ކަމަށް ބުނެ އޭނާއަށް ނުފުރިގެން ކޯޓުގެ ކޮންމެ އަޑުއެހުމެއްގައި އޭނާގެ ވަކީލުންނަށް ޖެހެނީ އާދޭސް ކުރާށެވެ.

ޖިނާއީ ގިނަ ޝަރީއަތްތަކުގެ ބޮޑު ބައި ހޭދަވަނީ ބަންދުގައި ތިބޭ މީހުންނަށް ސިއްހީ ފަރުވާ ނުލިބިގެން ކުރާ އާދޭހާއި ޝަކުވާތަކުގަ އެވެ. މަދު ހާލަތެއްގައި މިފަދަ ސަބަބަކަށް ރިއާޔަތްކޮށް މީހަކު ބަންދުން ދޫކޮށް ލިޔަސް، ދައުލަތުން ވަގުތުން އެ މައްސަލަ އިސްތިއުނާފްކޮށް އަދި ޖެހިގެން އަންނަ ދުވަހު އޭނާ އަލުން ބަންދުކުރަން ހައި ކޯޓުން އަންގާނެ އެވެ. އާދައިގެ ރައްޔިތުންގެ ނަސީބުގައި އޮތް ގޮތަކީ އެއީ އެވެ.

މަސްތުވާތަކެތީގެ ބޮޑު މައްސަލައެއްގެ ދައުވާ ލިބޭ މީހަކު ސްޕެޝަލިސްޓް ޑޮކްޓަރަކަށް ދައްކަން ދިން ލަފައާ އެއްގޮތަށް އަމަލު ނުކޮށްގެން ދާދި ފަހުން ކްރިމިނަލް ކޯޓުން މީހަކު ބަންދުން ދޫކޮށްލިތާ ހަފުތާއެއް ފަހުން ހައި ކޯޓުން އަލުން އޭނާ ބަންދުކުރަން އެންގީކީ އެކަންޏެއް ނޫނެވެ. ސިއްހީ ގްރައުންޑްތަކުން މީހުން ބަންދުން ދޫކުރުމާ ބެހޭ ހަރުކަށި ގާނޫނީ އުސޫލުތަކެއް ވެސް އެ މައްސަލާގައި ކަނޑައަޅައި ދިނީ އެވެ. އެކަމަކު މަޝްހޫރު ބޮޑު ބޭފުޅަކާ ޖެހުމުން މިއިން ކަމަކަށް ނުބެލުމަކީ ގިނަ ބައެއްގެ ޝަކުވާ އެވެ.

އަލީ ވަހީދަށް ބޭރަށް ވަޑައިިގަތުމުގެ ހުއްދަ ދިނީ އާންމު އުސޫލާ ޚިލާފަށް އެތައް ކަމެއް ކުރުމަށް ފަހު އެވެ. ބޮޑެތި ތުހުމަތުތަކެއް ކުރެވޭއިރު، އަލީ ވަހީދު ހުންނެވީ މިނިވަންކަމާ އެކު އެވެ. މާލޭގެ މަގެއްގެ މަތިން ހިނގާފައި ދިޔަ ޒުވާން އަންހެނަކަށް ޖިންސީ ފުރައްސާރަކޮށް، ފޮށުނު މައްސަލައެއް 2019 ގައި ކުރިމަތިވިތާ 24 ގަޑިއިރު ނުވަނީސް ތުހުމަތުވި މީހާ ވަގުތުން ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުކުރަން އެންގި އެވެ. ޖިންސީ ގޯނާ ފަދަ ކަންކަން ފުލުހުން ސީރިއަސްކޮށް ނަގާ މިންވަރަކީ މިއީ އެވެ. ފުރަތަމަ ފިޔަވަޅަކީ ހައްޔަރެވެ.

އެކަމަކު ރޭޕްކުރަން އުޅުން ފަދަ ބޮޑެތި އަދަބުތައް އައިސްދާނެ އެތައް ތުހުމަތެއް އަލީ ވަހީދަށް ކުރެވުނަސް، ތަހުގީގުގެ އެއްވެސް މަރުހަލާއެއްގައި އޭނާ ހައްޔަރެއް ނުކުރެ އެވެ. ދައުލަތުން ވެސް ޝަރީއަތުގެ މަރުހަލާގައި އޭނާ ބަންދު ކުރަން އެދިފައެއް ނުވެ އެވެ. ރޭޕާއި ކުޑަކުދިންނަށް ޖިިންސީ ގޯނާކުރުން ފަދަ ކުށްތަކުގައި ފުލުހުން ގެންގުޅޭ "އެންމެ ފުރަތަމަ ހައްޔަރު"ގެ ސިޔާސަތު އަލީ ވަހީދުގެ މައްޗަށް ނުހިނގާ އޮތް ސަބަބެއް މިއަދާ ހަމައަށް ފުލުހުންނާއި މުއައްސަސާތަކަށް ބުނެދެވިފައެއް ނުވެ އެވެ.

އަލީ ވަހީދު --- ފޮޓޯ/ މިހާރު

އަލީ ވަހީދު --- ފޮޓޯ/ މިހާރު

ބޭރަށް ދާން ހުއްދަ ދިނުމުގައި އަމަލުކުރީ ވެސް އާންމު އުސޫލާ ވެސް ޚިލާފަށެވެ. އެއީ ޑޮކްޓަރުން ދިން ލަފައާ ގުޅިގެން އެހެން މީހަކު ޒިންމާވާ ގޮތަށް އަލީ ވަހީދު ބޭރަށް ފޮނުވަން ޕީޖީން ކޯޓުގައި އެއްބަސްވުމެވެ. އެހެން މީހަކު ޒިންމާވާ ގޮތަށް، ޝަރުއީ ބަހުރުވައިން ނަމަ ޖާމިނުކުރާ ގޮތަށް ޖިނާއީ އިޖްރާއާތުގެ ގާނޫނުގައި އޮންނަނީ ތުހުމަތުގައިވާ މީހުން ބަންދުން ދޫކުރުމުގައި އެކަންޏެވެ. އެއީ ތުހުމަތުގައިވާ މީހާ ކޯޓުން އަންގާ ގަޑިއަށް ކޯޓަށް ހާޒިރުވާނެ ކަމާއި އރަށުން ބޭރަށް ދާ ނަމަ ކޯޓުގެ ހުއްދަ ހޯދާނެ ކަމުގެ ޔަގީންކަން ޖާމިނުވާ މީހާ ލިޔުމުން ދިނުމުންނެވެ. އެއާ ޚިލާފަށް އަމަލުކޮށްފި ނަމަ، އޭގެ ޒިންމާ ޖާމިނުވާ މީހާ އުފުލާނެ ކަމަށް އިގްރާރުވެގެންނެވެ. ރާއްޖެއިން ބޭރަށް ފުރައިގެން ދާން ހުއްދަ ދިނުމުގައި އެހެން މީހަކު ޖާމިނު ކުރުމަކީ އެ ގާނޫނު އޭގެ ކުރިން ދަންނަ ކަމެއް ނޫނެވެ.

ބޭރަށް ދާ މީހަކު ރާއްޖެ އަނބުރާ ނަޔަސް، އޭނާއަށް ޖާމިނުވި މީހާއާ ދެކޮޅަށް އެޅޭނެ ފިޔަވަޅެއް ވެސް ގާނޫނީ ގޮތަކުން ނޯންނާނެ އެވެ. ޖާމިނުވި މީހާގެ ޒިންމާއަކީި ބޭރަށް ދިޔަ މީހާ ކޯޓުން ދިން މުއްދަތު ހަމަވުމުގެ ކުރިން އެނބުރި ރާއްޖެ އައުމަށް އެދުން ނުވަތަ ބާރު އެޅުމެވެ. އެ ހިސާބުން އޭނާގެ ޒިންމާ ނިމުނީ އެވެ. އެ މީހާ ނަޔަސް، ޖާމިނުވި މީހާގެ މައްޗަށް ކުރާނެ ދައުވާއެއް ނޯންނާނެ އެވެ. މިގޮތަށް ބޭރަށް މީހުން ފޮނުވުމުގެ އަމުރުތައް ތަންފީޒު ނުކުރެވޭނެ ސަބަބަކީ އެއީ އެވެ.

މިހާތަނަށް އަމަލުކުރާ އާންމު އުސޫލަކީ ޖަލަށް ލާފައި ތިބޭ މީހުންނާއި ޖިނާއީ މައްސަލައެއްގެ ދައުވާ ލިބޭ މީހުންގެ ޕާސްޕޯޓް ދޫކުރުމުގެ ބަދަލުގައި ވަކި ގައުމަކަށް އެކަނި ދެވޭ ގޮތަށް ޓްރެވަލް ޑޮކިއުމެންޓެއް ދޫކުރުމެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައި އޮންނަވަނިކޮށް އިއްވި ޖަލު ހުކުމަށް ފަހު އޭނާ ސިންގަޕޫރަށް ފޮނުވީ ވެސް އެފަދަ ލިޔުމެއް ދޫކޮށްގެންނެވެ. ކުރިން މިދެންނެވި މަރުގެ މައްސަލާގައި ދައުވާ ލިބޭ މީހާ ބޭރަށް ފޮނުވަން އުޅެނީ ވެސް ޓްރެވަލް ޑޮކިއުމެންޓެއް ދޫކޮށްގެންނެވެ. އަލީ ވަހީދުގެ މައްސަލާގައި އެންގީ ބޭނުން ގައުމަކަށް ދެވޭ ގޮތަށް ޕާސްޕޯޓް ދޫކޮށްލުމަށެވެ.

ކޯޓުން ޕާސްޕޯޓް ދޫކުރި ސަބަބެއް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނަނީ ޓްރެވަލް ޑޮކިއުމެންޓެއްގައި ދިއުމުން އަލީ ވަހީދުގެ އަބުރަށް ހުތުރު ވެދާނެތީ އެވެ. އެކަމަކު އަލީ ވަހީދު ބޭރަށް ވަޑައިގަތީ ބޭސްފަރުވާއަކަށެވެ. ބޭސްފަރުވާ ދިނުމުގައި މީހުންގެ ކުށުގެ ރެކޯޑަށް ބަލާ ގޮތަށް އެއްވެސް ގައުމެއްގައި ނޯވެ އެވެ. އެންމެ ބޮޑެތި ކުށްތައް ސާބިތުވެ، ހުކުމް ތަންފީޒު ކުރަމުންދާ ގައިދީންނަށް ވެސް، މައުސޫމް މީހެކޭ އެއްފަދައިން ބޭސްފަރުވާ ދޭން ޖެހޭނެ އެވެ. އެހެން ކަމަށްވާ ނަމަ، މަރުގެ މައްސަލަތަކާއި އެ ނޫން ވެސް ކުށްތަކުގައި ޖަލުގައި ތިބޭ މީހުންނަށް އެ އުސޫލު ހިނގަން ޖެހޭނެ އެވެ.

އާންމު އުސޫލާ ތަފާތުކޮށް މަޝްހޫރު ބޭފުޅުންގެ މައްސަލަތަކުގައި ކަންކަން ހިނގަން ފެށުނީކީ މިއަދަކު ނުވަތަ އިއްޔެއަކު ނޫނެވެ. ސިއްހީ އެތައް މައްސަލަތަކެއް ކުރިމަތިވެފައިވާ އެތައް ބަޔަކު ގެއަށް ބަދަލު ނުކޮށް ޖަލުގައި އާދޭސް ކޮށްކޮށް ތިއްބަސް، އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން ދިގު މުއްދަތަކަށް ޖަލަށްލި އަދީބާއި ޒިޔަތު އެ ތިއްބެވީ ސިއްހީ ސަބަބުތަކަށް ކަމަށް ބުނެ ގޭ ބަންދުގަ އެވެ.

އަދީބުގެ މައްޗަށް ހުކުމް އިއްވުމުގެ ކުރިން އޭނާ ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކުރަން ދައުލަތުން އެދިގެން އަމުރު ނެރުނުއިރު، ޖިިނާއީ އިޖްރާއާތުގެ ގާނޫނު އޮންނަ ގޮތުން ދައުވާ ލިބޭ މީހުން ގޭ ބަންދުގައި ނުބޭތިއްބޭނެ ކަމަށް ހައި ކޯޓުން އޮންނަނީ ކަނޑައަޅައިފަ އެވެ. އެ ގާނޫނާއި ހައި ކޯޓުގެ ނިންމުމަށް ގޮންޖަހާފައި ކަރެކްޝަންސް އިން އަދީބު ބެހެއްޓީ ގޭގަ އެވެ. ފަހުން ޓަގު ބޯޓެއްގައި ފިއްލަވައިގެން ރާއްޖެއިން ބޭރަށް ވަޑައިގަންނަވަނިކޮށް ހައްޔަރުކޮށް، ރާއްޖެ ގެނައުމަށް ފަހު ވެސް ކަރެކްޝަންސް އިން އަމަލުކުރީ އެގޮތަށެވެ. އާންމު މީހެއް ނަމަ، އެކަން އެގޮތަކަށް ނުހިނގީސް ކަން ޔަގީނެވެ.

ކުށެއް ސާބިތުވެގެން ހުކުމް ތަންފީޒު ކުރަނިކޮށް ފުރަތަމަ ފަހަރަށް ކަފާލާތު ލިބިވަޑައިގަތީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޖަލަށްލި ގާސިމް އިބްރާހިމާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ދަރިކަލުން އަހުމަދު ފާރިސް މައުމޫނަށެވެ. ރިޔާސީ އިންތިޚާބު ނިމުމާ އެކު ހައި ކޯޓުން ކަފާލާތުގެ ދަށުން އެ ބޭފުޅުން މިނިވަންކުރީ އިސްތިއުނާފް މައްސަލަ ނިމެންދެނެވެ. އެ މައްސަލަތައް ނިމުމާ އެކު، ކަފާލާތުގެ ދޮރު އެންމެންނަށް ބަންދުވީ އެވެ. މިހާރު ކަފާލާތަކީ އިސްތިއުނާފީ މަރުހަލާގައި ހިނގާ އެއްޗަކަށް ނުވެ އެވެ.

ކުށެއް ސާބިތުވެގެން ޖަލު ހުކުމެއް ތަންފީޒު ކުރަނިކޮށް އެ ހުކުމް ތަންފީޒު ކުރުން ފަސްކުރުމުގެ އަމުރެއް މަތީ ކޯޓުތަކުން އަލަށް ނެރުނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ކާނަލް މުހައްމަދު ނާޒިމާއި ކުރީގެ މެމްބަރު އަހުމަދު ނާޒިމްގެ މައްސަލާގައި ސުޕްރީމް ކޯޓުންނެވެ. ވެރިކަން ބަދަލުވުމުގެ މަރުހަލާ ކުރިއަށް ދަނިކޮށް އެ ހަތަރު ބޭފުޅުންނަށް ލިބިވަޑައިގަތް އެ ނަސީބު އޭގެ ފަހުން ލިބުނު އިންސާނަކު މި ރާއްޖެއަކު ނެތެވެ. ޖިނާއީ މައްސަލަތަކުގައި ހުކުމް ތަންފީޒު ކުރުން ފަސް ކުރުމަކީ އެއްވެސް އިރަކު ރާއްޖޭގައި ކޮށް އުޅުނު އަދި ގާނޫނު ދަންނަ ކަމެއް ވެސް ނޫނެވެ.

ގާނޫނުގެ ރައްކާތެރި ކަމާއި މަންފާ އާއި ހައްގުތައް ލިބުމުގައި ތަފާތު ނުކުރެވޭނެ ކަމަށް ގާނޫނުއަސާސީގައި ސާފުކޮށް ލިޔެފައި އޮތަސް، އެކަން އެ މަގުން ނުހިނގާ ކަމާ މެދު ދެބަސްވާނީ މަދު މީހެކެވެ. މަޝްހޫރު އަދި ނުފޫޒު ގަދަ ބޭފުޅުންނަށް ހުރިހާ ގޮތަކުން ވެސް ވީއައިޕީ ޚިދުމަތެވެ. އެ ބުނާ ގާނޫނުގެ ދިގު އަތް ފޯރަނީ އާންމުންގެ މައްޗަށް އެކަންޏެވެ.