Roadha Mihaaru
އަޑުބަރޭ ރާއްޖޭގައި ނެތް ކަމަށް ފުލުހުން އަންގައިފި

އަޑުބަރޭ ރާއްޖޭގައި ނެތް ކަމަށް ފުލުހުން ކަރެކްޝަންސަށް އަންގައިފި

17 ފެބުރުއަރީ 2022

ޖިންސީ ފުރައްސާރަ އާއި ރޭޕްގެ ތުހުމަތު އެޅިފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެ އިން ބޭރަށް ފުރަން ޖާމިނުވި ޔޫތު މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) އަށް އިއްވި ހުކުމް ތަންފީޒުކުރަން އޭނާ ހޯދިއިރު ރާއްޖޭގައި ނެތްކަން ފުލުހުން ކަރެކްޝަނަލް ސާވިސް އަށް އަންގައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ޖިންސީ ފުރައްސާރަ އާއި ރޭޕްގެ ތުހުމަތު އެޅިފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެ އިން ބޭރަށް ފުރަން ޖާމިނުވި ޔޫތު މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) އަށް އިއްވި ހުކުމް ތަންފީޒުކުރަން އޭނާ ހޯދިއިރު ރާއްޖޭގައި ނެތްކަން ފުލުހުން ކަރެކްޝަނަލް ސާވިސް އަށް އަންގައިފި އެވެ.

އަލީ ވަހީދުގެ އެންމެ ގާތް އެއް އެކުވެރިޔާ އަސްހަދު 15 ދުވަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން މި މަހުގެ ދެވަނަ ދުވަހު ހުކުމްކުރީ އަލީ ވަހީދު ހާޒިރުކޮށް ނުދީގެންނެވެ. ޣައިރު ހާޒިރުގައި އަސްހަދަށް ހުކުމްކުރިއިރު އޭނާ ވަނީ އޭގެ ކުރިން ރާއްޖެ އިން ފުރައިފަ އެވެ. އެހެންވެ، ކަރެކްޝަނަލް ސާވިސް އިން ފުލުސް އޮފީހުގައި އެދުނީ ހުކުމް ތަންފީޒުކުރަން އޭނާ ހާޒިރުކޮށްދޭށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ، އަސްހަދު ހާޒިރުކުރަން ބެލިއިރު ރާއްޖޭގައި ނެތް ކަމަށެވެ. އެކަން މިހާރު ކަރެކްޝަނަލް ސާވިސް އަށް އަންގާފައިވާ ކަމަށް ވިދާޅުވި އެވެ.

އަސްހަދު ހޯދުމުގެ އިތުރު މަސައްކަތެއް ފުލުހުން އަނެއްކާ ވެސް ކުރާނީ، އެނގިފައިވާ ގޮތުގައި، ކަރެކްޝަނަލް ސާވިސް އިން އިތުރަށް އެހީ އަށް އެދުމުންނެވެ.

ދެ މީހުން ވެސް އެއް މަގަކުން "ފުރުވާލީ"، ނުގެނެވޭނެ!

ކަރެކްޝަނަލް ސާވިސް އިން އެދުނަސް ފުރައިގެން އިނގިރޭސި ވިލާތަށް ދިޔަ ކަމަށް ބުނާ އަސްހަދު ގެނެވިދާނެ ކަމާ މެދު ވަނީ ސުވާލު އުފެދިފަ އެވެ.

އޭނާ އަށް ޖަލު ހުކުމެއް އިއްވަން ޖެހުނީ އަލީ ވަހީދު ޝަރީއަތަށް ހާޒިރު ނުކުރެވިގެން ކަމަށް ވާއިރު، އަސްހަދު ގެނައުމަށް ވެސް ދެން ކުރީގެ މަގުން އިދާރާތައް މަސައްކަތް ކުރުމެވެ. އެއީ އަލީ ވަހީދަށް ނެރުނުހާ ކޯޓު އަމުރު ހޯދައިގެން އަސްހަދު ގެންނަން އުޅުމެވެ.

އަލީ ވަހީދު، އަސްހަދާއެކު: އަސްހަދު ވަނީ އަލީ ވަހީދު ރާއްޖެ ވަޑައިނުގެންފި ނަމަ ޒިންމާވާން އެއްބަސްވެވަޑައިގެންފައި.

އަލީ ވަހީދު، އަސްހަދާއެކު: އަސްހަދު ވަނީ އަލީ ވަހީދު ރާއްޖެ ވަޑައިނުގެންފި ނަމަ ޒިންމާވާން އެއްބަސްވެވަޑައިގެންފައި.

އެކަމަކު ސުޕްރީމް ކޯޓުން އަލީ ވަހީދުގެ މައްޗަށް ޖަލު ހުކުމެއް އަދި މި ފަހުން ކްރިމިނަލް ކޯޓުން ހުކުމެއް އިއްވާފައިވާއިރު، ދިވެހި ފުލުހުންނަށް އޭނާއާ ހަމައަށް ގާނޫނު ހިންގޭނެ އެއްވެސް ގޮތެއް އަދި ނުހޯދެ އެވެ.

ޕާސްޕޯޓް ދޫކޮށް، ބޭސްފަރުވާ އަށް އަލީ ވަހީދު "ފުރާވާލީ" ކަމުގެ ތުހުމަތު ކުރާއިރު ހުކުމް އިއްވުމުގެ މައްސަލަ ތާވަލު ކޮށްފައި ވަނިކޮށް، އޭގެ ކުރިން އަސްހަދަށް ވެސް ރާއްޖެ އިން ފުރީ ކޯޓަށް ހާޒިރުވުމުގެ އަމުރު ނެރެފައި އޮއްވަ އެވެ. އެކަމަކު އޭނާ ފުރުން މަނާކުރުމުގެ އަމުރެއް ނުނެރެ އެވެ.

އެހެންވެ މި މައްސަލައިގައި ތުހުމަތު ކުރަނީ ދައުލަތުގެ އިދާރާތަކަށް އެނގި ތިބެ ދެ މީހުން ވެސް ފުރުވައިލީ ކަމަށެވެ.

އަސްހަދުގެ މައްޗަށް ކުރި ހުކުމުގައި ވަނީ އަލީ ވަހީދު ގެންނަން އަސްހަދު ކުރި މަސައްކަތެއް އެނގެން ނެތް ކަމަށެވެ. އަދި 72 ގަޑިއިރުގެ ތެރޭގައި އަލީ ވަހީދު ރާއްޖެ ނުގެނައުމަކީ ކޯޓުގެ އެންގުމަކާ ޚިލާފުވެ، ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ގާޒީ ހަސަން ސައީދު ވިދާޅުވި އެވެ.

ގާޒީ ހަސަން ވިދާޅުވެފައި ވަނީ އަލީ ވަހީދާ ދެކޮޅަށް ދައުލަތުން އިސްތިއުނާފް ކޮށްފައިވާ މައްސަލަތައް ވެސް ކުރިއަށް ނުގެންދެވި އޮތީ އޭނާ ރާއްޖެ ވަޑައިނުގަތުމުން ކަމަށް ވާއިރު، އެކަމުގައި ވެސް އަސްހަދުގެ އިހުމާލު އެބައޮތް ކަމަށެވެ. އަދި އަލީ ވަހީދު ރާއްޖެ ވަޑައިނުގެން، ބޭރުގައި ހުންނަވަނީ އަސްހަދުގެ އެހީތެރިކަމާ އެކު ކަމަށް ގަބޫލު ކުރެވޭ ކަމަށް ގާޒީ ވިދާޅުވި އެވެ.

އަސްހަދު ވެސް ހުކުމް ތަންފީޒުނުކޮށް ބޭރަށް ފުރައިގެން ދިޔައިރު، އަލީ ވަހީދު ގެނެވޭނެ އެއްވެސް ގޮތެއް ދައުލަތުގެ އިދާރާތަކަށް މިހާތަނަކަށް ނުފެނެ އެވެ.

ރެޑް ނޯޓިސް ނެރެގެން ވެސް ކޯޓު އަމުރެއް ނެރެގެން ވެސް ގެނެވޭނީ އެ މީހަކު ހުރި ގައުމަކާ އެެކު އެކްސްޓްރެޑިޝަން ގާނޫނުގެ ދަށުން ކުށްވެރިން ނުވަތަ ތުހުމަތު ކުރެވޭ މީހުން ބަދަލު ކުރެވޭނެ ބައިލެޓެރަލް އެއްބަސްވުމެއް އޮތް ނަމަ އެވެ. އަލީ ވަހީދު ދިރިއުޅުއްވާ އިނގިރޭސި ވިލާތާއެކު އެފަދަ އެއްބަސްވުމެއް ނެތުމުން އޭނާ ގެނެވޭނެ ގޮތެއް ނޯންނާނެ ކަމަށް ގާނޫނީ ދާއިރާގެ ބޭފުޅުން ވިދާޅުވެ އެވެ.