Roadha Mihaaru
ޓްރަމްޕް ސަލާމަތްވުމަކީ ޑިމޮކްރެސީގެ ބަލިކަށިކަން

ޓްރަމްޕް ސަލާމަތްވުމަކީ ޑިމޮކްރެސީގެ ބަލިކަށިކަން: ބައިޑަން

15 ފެބުރުއަރީ 2021

ވޮޝިންޓަން (ފެބްރުއަރީ 15) - ޖެނުއަރީ 6 ވަނަ ދުވަހު ގާނޫނު ހަދާ މަޖިލީހުގެ އިމާރާތަށް ޑޮނަލްޑް ޓްރަމްޕުގެ ސަޕޯޓަރުންގެ ބަޔަކު ދިން ހަމަލާ އިން ކުރީގެ ރައީސް ކުށްވެރި ނުވެ ސެނެޓުގެ ވޯޓުން ސަލާމަތްވުމަކީ ޑިމޮކްރެސީގެ ބަލިކަށިކަން އަންގައިދޭ ކަމެއް ކަމަށް ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (ފެބްރުއަރީ 15) - ޖެނުއަރީ 6 ވަނަ ދުވަހު ގާނޫނު ހަދާ މަޖިލީހުގެ އިމާރާތަށް ޑޮނަލްޑް ޓްރަމްޕުގެ ސަޕޯޓަރުންގެ ބަޔަކު ދިން ހަމަލާ އިން ކުރީގެ ރައީސް ކުށްވެރި ނުވެ ސެނެޓުގެ ވޯޓުން ސަލާމަތްވުމަކީ ޑިމޮކްރެސީގެ ބަލިކަށިކަން އަންގައިދޭ ކަމެއް ކަމަށް ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެ އެވެ.

އިމްޕީޗްމަންޓް ޝަރީއަތުން ކުށްވެރިވާ ކަމަށް ފާސް ކުރެވޭނީ ސެނެޓުގެ 100 މެންބަރުންގެ ތިންބައިކުޅަ ދެބައި އަޣުލަބިއްޔަތުންނެވެ. ނަމަވެސް ޓްރަމްޕް ކުށްވެރި ނުވާ ކަމަށް ފާސްކޮށްފައި ވަނީ 57-43 ވޯޓުންނެވެ. މިއީ ޓްރަމްޕް ކުށްވެރި ކުރަން ބޭނުންވާ 67 ވޯޓު ހޯދަން 10 ވޯޓު މަދު އަދަދެކެވެ. ޓްރަމްޕުގެ ރިޕަބްލިކަން ޕާޓީގެ ހަތް މެންބަރަކު ވަނީ ކުށްވެރި ކުރަން ފެންނަ ކަމަށް ވޯޓު ދީފަ އެވެ.

ބައިޑަން ވިދާޅުވީ ސެނެޓުގެ ވޯޓުން ސަލާމަތްވި ނަމަވެސް ޖެނުއަރީ 6 ވަނަ ދުވަހު ކެޕިޓަލް ހިލް އަށް ދިން ހަމަލާގައި ޓްރަމްޕް ޒިންމާ އުފުއްލަވަން ޖެހޭކަމާ މެދު ޝައްކު އުފެދޭނެ ޖާގަ ނެތް ކަމަށެވެ.

"މިއީ އަޅުގަނޑުމެންގެ ތާރީޚުގައި ހިތާމަވެރި ޗެޕްޓަރެއް. އެކަމުން އަންގައިދެނީ ޑިމޮކްރެސީ ވަނީ ބަލިކަށިކަމެއްގެ ތެރޭގައިކަން. އެ ބާވަތުގެ ހަމަނުޖެހުމާއި ހަރުކަށި ކަމަށް އެމެރިކާގައި ޖާގައެއް ނޯންނާނެ. ތެދު ހާމަކޮށް، ދޮގު ބަލިކުރުމުގައި، އަޅުގަނޑުމެން ކޮންމެ މީހެއްގެ ވެސް، ޚާއްސަކޮށް ލީޑަރުންގެ ޒިންމާ ބޮޑުވާނެ،" ބައިޑަން ވިދާޅުވި އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ސެނެޓުގައި ކުރިއަށް ދިޔަ ޓްރަމްޕުގެ އިމްޕީޗްމަންޓް ޝަރީއަތަށް ބައިޑަން މާބޮޑު ސަމާލުކަމެއް ނުދެއްވަ އެވެ. އިމްޕީޗްމަންޓް ޝަރީއަތް ވަގުތުން ދައްކަމުން ދިޔަ އިރު އެ މަންޒަރުތައް ބައިޑަން ބައްލަވައިފައެއް ވެސް ނުވެ އެވެ.

ޓްރަމްޕް ކުށްވެރި ނުވާ ކަމަށް ސެނެޓުގައި ވޯޓު ދެއްވި ކޮންގްރެސްގެ ރިޕަބްލިކަން ޕާޓީގެ ސީނިއާ މެންބަރު މިޗް މެކޯނަލް ވިދާޅުވީ ކެޕިޓަލް ހިލްއަށް ދިން ހަމަލާ އަށް ޓްރަމްޕް ޒިންމާ އުފުއްލަވަން ޖެހޭނެ ކަމަށެވެ.

ސެނެޓުގެ މައިނޮރިޓީ ލީޑަރު ވިދާޅުވެފައި ވަނީ ޓްރަމްޕަކީ މިހާރު ރައީސްގެ މަގާމުގައި ހުރި މީހަކަށް ނުވާތީ އެ ޝަރީއަތް ސެނެޓުގައި ހިންގުމަކީ ގާނޫނު އަސާސީއާ ޚިލާފު ކަމެއް ކަމަށެވެ. ޓްރަމްޕް ކުށްވެރި ކުރަން ވޯޓު ނުދެއްވީ އެހެންވެ ކަމަށް މެކޯނަލް ވިދާޅުވި އެވެ. ޖެނުއަރީ 20 ގައި ޓްރަމްޕް މަގާމުން ވަކިވެވަޑައިގަތުމަށް ފަހު، ޝަރީއަތް ލަސްކުރުމުގައި މެކޯނަލް ވަނީ މުހިންމު ދައުރެއް އަދާކޮށްފަ އެވެ.

ނަމަވެސް މެކޯނަލް ވިދާޅުވެފައި ވަނީ ޓްރަމްޕުގެ މައްސަލަ އަދިވެސް ކޯޓުގައި ކުރިއަށް ގެންދެވޭނެ ކަމަށެވެ.

"ޓްރަމްޕަށް އަދި ސަލާމަތްވެވެން ނެތް. އަޅުގަނޑުމެންގެ ޖިނާއީ އަދުލުގެ ނިޒާމެއް އެބައޮތް. މަދަނީ މައްސަލަތަކުގައި ދައުވާ ކުރެވޭނެ. މިއިން އެއްވެސް ކަމަކުން ކުރީގެ ރައީސުންނަށް އިމްތިޔާޒު ލިބިގެނެއް ނުވޭ،" އޭނާ ވިދާޅުވި އެވެ.

އެމެރިކާގައި ރައީސުން އިމްޕީޗްކުރުމަކީ ވަރަށް މަދުން ނޫނީ ނުކުރާ ކަމެކެވެ. ޓްރަމްޕް ފިޔަވައި މީގެ ކުރިން އިމްޕީޗްކޮށްފައި ވަނީ ދެ ރައީސުންނެވެ. ޓްރަމްޕަކީ އެމެރިކާގެ ތާރީޚުގައި ދެ ފަހަރަށް އިމްޕީޗްކުރި ފުރަތަމަ ރައީސް އެވެ.