Roadha Mihaaru
އިތުރަށް ޗާޖުކުރާތީ އޯ2 އަށް ބޮޑު ޖޫރިމަނާއެއް

ބޮޑުކޮށް ބިލްކުރުމުން މުއާސަލާތީ ކުންފުންޏަކަށް ބޮޑު ޖޫރިމަނާއެއް

16 ފެބުރުއަރީ 2021

ކަސްޓަމަރުންގެ އަތުން، އަށް އަހަރު ވަންދެން އިތުރަށް ފައިސާ ނެގި މައްސަލައެއްގައި އިނގިރޭސިވިލާތުގެ މުއާސަލާތީ ކުންފުނި އޯ2 10.5 މިލިއަން ޕައުންޑް (14.6 މިލިއަން ޑޮލަރު) އިން ޖޫރިމަނާކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކަސްޓަމަރުންގެ އަތުން، އަށް އަހަރު ވަންދެން އިތުރަށް ފައިސާ ނެގި މައްސަލައެއްގައި އިނގިރޭސިވިލާތުގެ މުއާސަލާތީ ކުންފުނި އޯ2 10.5 މިލިއަން ޕައުންޑް (14.6 މިލިއަން ޑޮލަރު) އިން ޖޫރިމަނާކޮށްފި އެވެ.

އިނގިރޭސވިލާތުގެ މުއާސަލާތީ ހިދުމަތް ރެގިއުލޭޓްކުރާ އޮފްކޮމް އިން ބުނި ގޮތުގައި ކަސްޓަމަރުންގެ ބިލްތަކަށް އަސްލު ދައްކަން ޖެހޭ އަދަދަށް ވުރެ އިތުރަށް އޯ2 އިން ބިލްކުރަމުން ދިޔައީ 2011-2019 އާ ދޭތެރޭ ކަމަށެވެ. އެ މުއްދަތުގެ ތެރޭގައި 140،000 ކަސްޓަމަރުންގެ އަތުން އިތުރަށް 2.4 މިލިއަން ޕައުންޑް (3.34 މިލިއަން ޑޮލަރު) ނަގާފައިވެ އެވެ.

މި މައްސަލާގައި އޯ2 އިން ބުނެފައި ވަނީ ކަސްޓަމަރުންގެ އަތުން އިތުރަށް ފައިސާ ނެގިފައި ވަނީ ސިސްޓަމަށް ދިމާވެފައި ހުރި "ޓެކްނިކަލް އެރާއަކުން" ކަމަށާއި އެކަން އެނގުނު ހިސާބުން، އިތުރަށް ފައިސާ ނެގުނު ގިނަ ކަސްޓަމަރުންނަށް ފައިސާ ރިފަންޑްކޮށް ދީފައިވާ ކަމަށެވެ.

ނަމަވެސް ކުރީގެ ބައެއް ކަސްޓަމަރުންނާ މުއާމަލާތްކުރެވޭނެ އެއްވެސް ގޮތެއް ނެތިގެން އެ މީހުންގެ ރިފަންޑް ޗެރިޓީތަކަށް ހަދިޔާކޮށްފައިވާ ކަމަށް އޯ2 އިން ބުންޏެވެ.

އޮފްކޮމް އިން ބުނީ އިތުރަށް ނެގި ފައިސާ ކަސްޓަމަރުންނަށް ރިފަންޑްކޮށް ދިން ނަމަވެސް ކުންފުނި ޖޫރިމަނާކުރީ ދިގު މުއްދަތެއް ވަންދެން ކަސްޓަމަރުންނަށް ސައްހަ ނޫން އަދަދުތަކާ އެކު ބިލްތައް ފޮނުވުމަކީ ކުންފުނީގެ ހިންގުން ދޯދިޔާކަމުން ދިމާވި ގޮތެއް ކަމަށް ވާތީ ކަމަށެވެ. އެހެންވެ އެއީ އާންމުންނަށް ހިދުމަތް ދޭ ކުންފުންޏެއްގެ ހާލަތު ހުރެގެން ވާނެ ގޮތެއް ކަމަށް ގަބޫލުނުކުރާ ކަމަށާއި އެއީ އުސޫލުތަކަށް ވެސް ރަނގަޅަށް އަމަނުކުރުމުގެ ނަތިޖާ ކަމަށް ވަނީ ބުނެފަ އެވެ.

އޯ2 އިން އިތުރަށް ފައިސާ ނެގި 140،000 ކަސްޓަމަރުންގެ ތެރެއިން 110،000 މީހުންނަކީ ބިލް ބޮޑުވުމުގެ ސަބަބުން ފައިސާ ނުދެއްކި ތިބި ކަސްޓަމަރުންނެވެ.

މި މައްސަލާގައި އެ ކުންފުނިން ބުނީ ބިލިން ޕްރޮސެސްގައި މައްސަލައެއް އުޅޭކަން 2011 ގައި ފާހަގަކުރެވުނު ނަމަވެސް އެކަން އަށް އަހަރަށް ދިގުލައިގެން ދިޔައީ ދިމާވި މައްސަލަ ހައްލުކުރަން ކުރި މަސައްކަތް ނާކާމިޔާބުވުމުން ކަމަށެވެ.

"އަހަރެމެން މިކަމާ ވަރަށް ބޮޑަށް މައާފަށް ވެސް އެދެން. އަދި ކުރިއަށް އޮތް ތަނުގައި މިފަދަ ކަމެއް ތަކުރާރުނުވާނެ ކަމުގެ ޔަގީންކަން ވެސް ދެން،" ކުންފުނިން ނެރުނު ބަޔާނެއްގައި ބުންޏެވެ. "ބިލިން ޕްރޮސެސް މިހާރު ވަނީ ބަދަލުކޮށްފައި. ދެން އެފަދަ މައްސަލައެއް ދިމައެއް ނުވާނެ."

އޮފްކޮމްގެ އެންފޯސްމަންޓް ޑިރެކްޓަރު ގުއާޗޯ ރަސްމުޒެން ވިދާޅުވީ އޯ2 އަކީ އެ އަމަލަކީ ވަރަށް ޒިންމާދާރުކަން ކުޑަ ކަމެއް ކަމަށެވެ.

"މިއީ އުސޫލުތައް މުގުރާލުމުގެ ވަރަށް ސީރިއަސް މައްސަލައެއް. އަދި ކަސްޓަމަރުންގެ ހައްގުތަކަށް އަރައިގަތުމުގެ އަމަލެއް ވެސް މެ،" އޭނާ ވިދާޅުވި އެވެ. "ވަރަށް ގާތުން ދެން އަހަރެމެން އޯ2 ގެ ކަންކަން ބަލާލަން."

މީގެ 36 އަހަރު ކުރިން މުވާސަލާތީ ހިދުމަތް ދޭން ފެށި އޯ2 އަކީ އިނގިރޭސިވިލާތުގައި އެ ހިދުމަތް ދޭ ދެވަނަ އަށް އެންމެ ބޮޑު ކުންފުންޏެވެ. ޓެލެފޯނިކާގެ ދަށުން ހިންގާ އޯ2 ގެ ކަސްޓަމަރުންގެ އަދަދު 30 މިލިއަނާ ގާތްކުރެ އެވެ.