Roadha Mihaaru
އައްޑޫގައި ވެކްސިންދޭ އަދަދު 1،000އަށް އިތުރުކުރަނީ

އައްޑޫގައި ދުވާލަކު ވެކްސިން ޖަހައިދޭ އަދަދު 1،000 އަށް އިތުރުކުރަނީ

16 ފެބުރުއަރީ 2021

އައްޑޫގައި ކޮވިޑް-19 ވެކްސިން ޖަހާ މީހުންގެ އަދަދު ދުވާލަކު 1،000 އަށް އިތުރު ކުރަން މަސައްކަތް ކުރާ ކަމަށް އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗު) އިން ރޭ ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އައްޑޫގައި ކޮވިޑް-19 ވެކްސިން ޖަހާ މީހުންގެ އަދަދު ދުވާލަކު 1،000 އަށް އިތުރު ކުރަން މަސައްކަތް ކުރާ ކަމަށް އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗު) އިން ރޭ ބުނެފި އެވެ.

އައްޑޫގައި ކޮވިޑް ފެތުރި، ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާތީ އެކުލަވައިލާފައިވާ އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އީއޯސީ) އިން ބޭއްވި ނިއުސް ބްރީފިންއެއްގައި ހޮސްޕިޓަލްގެ ފަރާތުން މުހައްމަދު ނަޖީބު ވިދާޅުވީ، ކޮވިޑް ވެކްސިން ދޭ އަދަދު އިތުރު ކުރުމަށްޓަކައި ވެކްސިން ޖަހައިދޭ ސެންޓަރުތައް ވެސް ގިނަ ކޮށްފައިވާނެ ކަމަށެވެ. އެހެންވެ، މިއަދުން ފެށިގެން ބައެއް ސްކޫލްތަކުގައި ވެކްސިން ޖަހައިދިނުމުގެ ކަންކަން ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ޓާގެޓަކީ ދުވާލަކަށް އެއްހާސް ވަރު ވެކްސިން ދެވޭނެ އިންތިޒާމު އައްޑޫގައި ހަމަޖެއްސުން،" ނަޖީބު ވިދާޅުވި އެވެ.

އައްޑޫގައި ކޮވިޑް ވެކްސިން ދޭން ފެށީ މި މަހުގެ 1 ވަނަ ދުވަހު އެވެ. އިއްޔެގެ ނިޔަލަށް 1،647 މީހަކަށް ވެކްސިން ދީފައިވެ އެވެ.

މިހާތަނަށް އެންމެ ގިނަ މީހުންނަށް ވެކްސިން ޖަހައިދިނީ އައްޑޫގެ އެންމެ އާބާދީ ބޮޑު އަވަށް ހިތަދޫންނެވެ. އެ އަވަށުން އިއްޔެއާ ހަމައަށް ޖުމުލަ 1،306 މީހަކަށް ވެކްސިން ދީފައިވެ އެވެ. ފޭދޫން ވެކްސިން ދިން މީހުންގެ އަދަދަކީ އިއްޔެއާ ހަމައަށް 141 އެވެ. މަަރަދޫން ވެކްސިން ދިން އަދަދަކީ 112 އެވެ. މަރަދޫފޭދޫން މިހާތަނަށް 22 މީހަކަށް ވެކްސިން ދީފައިވާއިރު ހުޅުމީދޫގެ އަދަދަކީ 66 އެވެ.

އައްޑޫގައި މިއަދު ވެކްސިން ޖެހުން ކުރިއަށް ގެންދަން ނިންމާފައި ވަނީ އުމުރުން 60 އަހަރުން މަތީގެ މީހުންނަށް ޚާއްސަ ކޮށްގެންނެވެ.

އައްޑޫގައި ކޮވިޑް ޕޮޒިޓިވް ކޭސްތަކުގެ މިހާރުގެ އަދަދަކީ 61 އެވެ. މި ވަގުތު އެޑްމިޓްކޮށްގެން ފަރުވާދެނީ ތިން މީހަކަށެވެ.