Roadha Mihaaru
ހެރީ ދެން ޝާހީ ޒިންމާތަކަށް ވަޑައެއްނުގަންނަވާނެ

ހެރީގެ ދެކަނބަލުން ޝާހީ ޒިންމާތަކަށް ދެން ވަޑައެއްނުގަންނަވާނެ

20 ފެބުރުއަރީ 2021

މިދިޔަ އަހަރު ޝާހީ ޒިންމާތަކުން އެކަހެރިވެވަޑައިގަތުމަށް ފަހު އިނގިރޭސިވިލާތް ވެސް ދޫކުރައްވައި އެމެރިކާގެ ލޮސް އެންޖެލިސްގައި ދިރިއުޅުއްވަމުން ގެންދަވާ ޕްރިންސް ހެރީ އާއި އަނބިކަނބަލުން މޭގަން ދެން ދުވަހަކު ވެސް އަލުން ޝާހީ ޒިންމާތަކަށް ވަޑައިނުގަންނަވާނެކަން ރަސްމީކޮށް އަންގަވާފައިވާ ކަމަށް ބަކިމްހަމް ޕެލަސް އިން ހުކުރު ދުވަހު ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިދިޔަ އަހަރު ޝާހީ ޒިންމާތަކުން އެކަހެރިވެވަޑައިގަތުމަށް ފަހު އިނގިރޭސިވިލާތް ވެސް ދޫކުރައްވައި އެމެރިކާގެ ލޮސް އެންޖެލިސްގައި ދިރިއުޅުއްވަމުން ގެންދަވާ ޕްރިންސް ހެރީ އާއި އަނބިކަނބަލުން މޭގަން ދެން ދުވަހަކު ވެސް އަލުން ޝާހީ ޒިންމާތަކަށް ވަޑައިނުގަންނަވާނެކަން ރަސްމީކޮށް އަންގަވާފައިވާ ކަމަށް ބަކިމްހަމް ޕެލަސް އިން ހުކުރު ދުވަހު ބުނެފި އެވެ.

ދެ ކަނބަލުންގެ އެ ނިންމެވުމަކީ ކުރިން ވެސް އާއިލާގެ ތެރޭގަ އާއި އާންމުންގެ މެދުގައި އެކި ގޮތްގޮތަށް ވާހަކަތައް ދެކެވެނު ކަމެކެވެ. ހެރީ އާއި މޭގަން ވިދާޅުވެފައިވާ ގޮތުގައި އެ ބޭފުޅުން ބޭނުން ވަނީ ވަރަށް ސާދާ އަމިއްލަ ދިރިއުޅުއްވުމެކެވެ.

އާމްދަނީ ހޯއްދަވަން ބޭނުންވަނީ ވަނީ އަމިއްލަ މަސައްކަތުން ކަމަށާއި ރައްޔިތުންގެ ޓެކްސް ފައިސާ އަށް ބަރޯސާވެގެން ދިރިއުޅުއްވުން ކުރިއަށް ގެންދަވަން ބޭނުން ނުވާ ކަމަށް ވިދާޅުވެފައިވެ އެވެ. އެމެރިކާ އަށް ދިރިއުޅުން ބަދަލުކުރެއްވި ފަހުން މިދިޔަ އަހަރުގެ ފަހުކޮޅު ނެޓްފްލިކްސްއާ އެކު ބޮޑު އެއްބަސްވުމެއް ހަދައި އެހެން ބައެއް ވިޔަފާރިތަކަށް ވެސް ދެކަނބަކުން އިންވެސްޓްކުރެއްވުމުގެ މަސައްކަތް ގެންދަވަނީ ކުރައްވަމުންނެވެ.

ޝާހީ ޒިންމާތައް ދޫކޮށްލައްވައި ހެރީގެ ދެކަނބަކުން މިދިޔަ އަހަރު އެމެރިކާ އަށް ވަޑައިގަތީ އަލަތު ދަރިފުޅު ވެސް ލިބވަޑައިގެންފައި ވަނިކޮށެވެ. މޭގަން ނިސްބަތްވަނީ އެމެރިކާއަށެވެ. އަދި ދެކަބަނލުން ޝާހީ ޒިންމާތަކަށް އަލުން ވަޑައިނުގަންނަވާނެކަން އާއިލާ އަށް އެންގެވި އިރު، މޭގަން އިންނެވީ ދެވަނަ ދަރިފުޅަށް ބަލިވެ އެވެ. ހެރީ އާއި މޭގަން ކައިވެނި ބައްލަވައިގަތީ 2018 ގަ އެވެ.

އެ ބޭފުޅުންގެ ނިންމެވުމާ ގުޅިގެން ބަކިންހަމް ޕެލަސް އިން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ބުނީ ނިންމުމާ މެދު ހިތާމަކުރާ ކަމަށާއި އެކަމަމު އެ ބޭފުޅުންގެ ނިންމެވުމަށް އިހުތިރާމްކުރާ ކަމަށެވެ.

"އެހެންވެ ކުރިން ޑޫކް އޮފް ސަސިކްސް (ހެރީ) އާއި ޑަޗެސް އޮފް ސަސިކްސް (މޭގަން) ގެ ޒިންމާތައް ޝާހީ އާއިލާގެ އެހެން ބޭފުޅުންނާ ހަވާލުކުރެވޭނެ،" ބަޔާނުގައި ބުންޏެވެ. "ދެ ބޭފުޅުންނަަށް އަބަދު ވެސް އަހަރެމެންގެ ލޯތްބާއި ހެޔޮދުއާ އޮންނާނެ."

ހެރީ އަކީ ރާނީ އެލިޒަބަތުގެ ދަރިކަލުން ޕްރިންސް ޗާލްސްގެ ދެ ބޭފުޅުންގެ ތެރެއިން ހަގު ދަރިކަލުންނެވެ. ދޮއްޓަށް ހުންނަވަނީ ޕްރިންސް ވިލިއަމެވެ. އެ ބޭފުޅުންގެ މަންމާފުޅަކީ އަވަހާރެވެފައިވާ ޕްރިސެސް ޑަޔާނާ އެވެ.

ހެރީ އަކީ ޝާހީ އާއިލާގެ އިސް ބޭފުޅުންގެ ތެރެއިން ޝާހީ ޒިންމާތައް ދޫކޮށްލެއްވި ފުރަތަމަ ބޭފުޅާ އެވެ. އޭނާ އަކީ އިނގިރޭސި ތަޚުތާ ތިން ވަނަ އަށް އެންމެ ގާތުގައި ހުންނެވި ބޭފުޅާ ވެސް މެ އެވެ.