Roadha Mihaaru
ހެރީގެ ނިންމެވުމަށް ވިލިއަމްގެ ނުރުހުން

ހެރީގެ ނިންމެވުމަށް ވިލިއަމްގެ ނުރުހުން

22 ފެބުރުއަރީ 2021

އިނގިރޭސި ޝާހީ އާއިލާގެ ޒިންމާތަކަށް ދުވަހަކު ވެސް އެނބުރިވަޑައިނުގަތުމަށް ޕްރިންސް ހެރީ ނިންމެވުމުން އޭނާގެ ބޭބެ ޕްރިންސް ވިލިއަމް ވަރަށް ހިތާމަކުރައްވާ ކަމަށާއި އެއީ އޭނާ އަށް ލިބިވަޑައިގެންނެވި ވަރަށް ބޮޑު ޝޮކެއް ކަމަށް މީޑިއާތަކުން ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިނގިރޭސި ޝާހީ އާއިލާގެ ޒިންމާތަކަށް ދުވަހަކު ވެސް އެނބުރިވަޑައިނުގަތުމަށް ޕްރިންސް ހެރީ ނިންމެވުމުން އޭނާގެ ބޭބެ ޕްރިންސް ވިލިއަމް ވަރަށް ހިތާމަކުރައްވާ ކަމަށާއި އެއީ އޭނާ އަށް ލިބިވަޑައިގެންނެވި ވަރަށް ބޮޑު ޝޮކެއް ކަމަށް މީޑިއާތަކުން ބުނެފި އެވެ.

މިހާރު އެމެރިކާގެ ލޮސް އެންޖެލިސްގައި އަނބިކަނބަލުންނާއި ދަރިކަލުންނާ އެކު އުޅުއްވާ ހެރީ އަލުން ޝާހީ ޒިންމާތަކަށް ވަޑައިނުނަންވާނެކަން ރަސްމީކޮށް އާއިލާ އަށް އެންގެވުމާ ގުޅިގެން ހުކުރު ދުވަހު ބަކިންހަމް ޕެލަސް އިން ނެރުނު ބަޔާނެއްގައި ވެސް އެކަމާ ހިތާމަކުރާ ކަމަށް ބުނެފައިވެ އެވެ. އަދި ހެރީ އާއި އަނބިކަނބަލުން މޭގަން އަށް ލިބިވަޑައިގެންފައި އޮތް ޝާހީ ޒިންމާތައް އާއިލާގެ އެހެން ބޭފުޅުންނާ ހަވާލުކުރާނެ ކަމަށް ވެސް ބުނފައިވެ އެވެ.

ވިލިއަމްގެ ވަރަށް އަަރިސް ބޭފުޅުންތަކަކާ ހަވާލާދީ ބައެއް މީޑިއާތަކުން ބުނީ ހެރީގެ ނިންމުމަކީ މާމާފުޅު ރާނީ އެލިޒަބަތަށް ކުޑައިސްމީސްކުރުމުގެ އަމަލެއް ކަމަށް ވިލިއަމް ދެކެވަޑައިގަންނަވާ ކަމަށެވެ. ސަންޑޭ ޓައިމްސް އިން ބުނީ ވިލިއަމް ހުންނެވީ މިހާރު ހެރީއާ ވަރަށް ހިތްޕުޅާވައިނުގެން ކަމަށެވެ.

އަދި ހެރީގެ އެ ނިންމުން އައީ ކާފާފުޅު ޕްރިންސް ފިލިލް ވެސް އާލާސްކަންފުޅާ މިދިޔަ އަންގާރަ ދުވަހުން ފެށިގެން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި އޮންނަވަނިކޮށް ކަމަށް ވެފައި ހެރީގެ ނިންމެވުމުން އާއިލާ އަށް އިތުރު ހިތްދަތިކަމެއް ލިބުނު ކަމަށް ވިލިއަމް ދެކެވަޑައިގަންނަވާ ކަމަށް ވެސް ބުނެފައިވެ އެވެ.

"ހެރީގެ ނިންމެވުމަކީ ވިލިއަމަށް ވަރަށް ބޮޑު ޝޮކެއް،" ވިލިއަމްގެ އަރިސް ބޭފުޅަކާ ހަވާލާދީ ސަންޑޭ ޓައިމްސް އިން ބުންޏެވެ. "ވިލިއަމް އެންމެ ހިތާމަކުރައްވާ ކަމަކީ ރާނީގެ އެދިވަޑައިގަތުމާ ދެކޮޅަށް ހެރީ އެފަދަ ނިންމެވުމެއް ނިންމެވީތީ. ޝާހީ އާއިލާގެ ބޭފުޅުންނަކީ އަބަދު ވެސް ރާނީގެ ނިންމެވުންތަކާއި އަންގަވާ ކަންކަމަށް ސުވާލުކުރެއްވުމެއް ނެތި ތަބާވެވަޑައިގަންނަވާ ބައެއް."

ހެރީ ޝާހީ އާއިލާއާ ފެއަށް ވަޑައިގަތުމުގެ ސަބަބަކީ މޭގަން ކަމަށް ގިނަ ބަޔަކު ތުހުމަތުކުރެ އެވެ. ސަބަބަކީ އޭނާ އަކީ އިނގިރޭސި ރައްޔިތަކަށް ނުވުމެވެ. ކުރިން ހޮލީވުޑްގެ ބަތަލާއެއްގެ ގޮތުގައި މަަސައްކަތްކުރެއްވި މޭގަން އަކީ އެމެރިކާގެ ބޭފުޅެކެވެ. ހެރީ އާއި މޭގަން ކައިވެނި ބައްލަވައިގަތް ފަހުން ޝާހީ އާއިލާގެ ތެރޭގައި ބައިބައިވުންތަކެއް އޮންނަ ވާހަކަ ކުރިން ވެސް ވަރަށް ބޮޑަށް ދެކެވިފައިވެ އެވެ.

މޭގަން މިހާރު އިންނެވީ ދެވަނަ ދަރިފުޅަށް ބަލިވެ އެވެ. އެ ބޭފުޅުން އެމެރިކާ އަށް ދިރިއުޅުން ބަދަލުކުރެއްވީ 2019 ގެ ކުރީކޮޅު އެވެ. ހެރީ އާއި މޭގަން ކައިވެނި ބައްލަވައިގަތީ 2018 ގަ އެވެ.