Roadha Mihaaru
ކަންގަނާ ފަހުރުވެރިވާ "ދާކަޅް" ގެ ޝޫޓިން ނިންމާލައިފި

ކަންގަނާ ފަހުރުވެރިވާ ފިލްމު "ދާކަޅް" ގެ ޝޫޓިން ނިންމާލައިފި

22 ފެބުރުއަރީ 2021

ބޮލީވުޑްގެ ބަތަލާއިންނާ ދޭތެރޭ ދެކޭ ގޮތް ބަދަލުކޮށްލާނެ އަދި އެއީ ބެލުންތެރިން ހައިރާންކޮށްލާ ވަރުގެ މޮޅު އެކްޓިންއެއް ވެސް ދައްކުވައިދޭނެ ފިލްމެއް ކަމަށް ބުނެ ބަތަލާ ކަންގަނާ ރަނާވަތު ފަހުރުވެރިވާ ފިލްމު "ދާކަޅް" ގެ ޝޫޓިން ނިންމާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑްގެ ބަތަލާއިންނާ ދޭތެރޭ ދެކޭ ގޮތް ބަދަލުކޮށްލާނެ އަދި އެއީ ބެލުންތެރިން ހައިރާންކޮށްލާ ވަރުގެ މޮޅު އެކްޓިންއެއް ވެސް ދައްކުވައިދޭނެ ފިލްމެއް ކަމަށް ބުނެ ބަތަލާ ކަންގަނާ ރަނާވަތު ފަހުރުވެރިވާ ފިލްމު "ދާކަޅް" ގެ ޝޫޓިން ނިންމާލައިފި އެވެ.

އެ ވާހަކަ ޓްވިޓާގައި ހާމަކޮށް، ތިން ނެޝަނަލް އެވޯޑް ވެސް ހޯދާފައިވާ ބަތަލާ ބުނީ އެ ފިލްމަކީ މިހާތަނަށް ކެރިއަރުގައި ލިބުނު އެންމެ ރަނގަޅު އެއް ތަޖުރިބާ ކަމަށެވެ. އަދި "ދާކަޅް" އަކީ ވަރަށް ގަޔާވާ ޓީމަކާ އެކު މަސައްކަތްކުރަން ލިބުނު ފިލްމެއް ކަމަށާއި މިއި ވަރަށް ފުރިހަމަ ފިލްމަކަށްވާނެ ކަމަށް ބުންޏެވެ.

ކަންގަނާ ބުނެފައިވާ ގޮތުގައި އޭނާ ވަރުގްދަ އެކްޝަން ރޯލަކުން ފެންނާނެ މި ފިލްމަކީ ބޮލީވުޑް ބަތަލާއަކު ރަސްމީކޮށް އެކްޝަން ރޯލަކުން ފެންނާނެ ފުރަތަމަ ފިލްމެވެ. އެގޮތުން "ދާކަޅް" ގެ އެކްޝަން މަންޒަރުތައް ނަގަން ކުރި މަސައްކަތްތަކާއި ވި ތައްޔާރީތަކުގެ ވާހަކަ އޭނާ ކުރިން ވެސް އެތައް ފަހަރަކު ދައްކާފައިވެ އެވެ.

"ދެން އޮތީ އެހެން މިޝަނަކާ ދިމާއަށް ދުއްވައިގަތުން. އެހެން ޕްރޮޖެކްޓެއް އަނެއްކާ ވެސް ކުރިއަށް އެބައޮތް،" މިދިޔަ އަހަރު "ޕަންގާ" އިން ފެނުނު ބަތަލާ ބުންޏެވެ.

ރަޒްނީޝް ގާއީ ޑައިރެކްޓްކޮށް ގެނެސްދޭ "ދާކަޅް" ގެ ކާސްޓްގައި އަރުޖުން ރާމްޕާލާއި ދިވްޔާ ދައްތާ ވެސް ހިމެނެ އެވެ. ފިލްމު ސިނަމާތަކަށް އަންނާނީ އޮކްޓޯބަރު 1 ގަ އެވެ.

ކަންގަނާ ދެން ޝޫޓިން ފަށާނީ ވައިގެ އަސްކަރީ އޮފިސަރެއްގެ ރޯލު ކުޅޭ "ތޭޖާސް" ގެ މަސައްކަތެވެ. އެ ފިލްމަކީ ރޯނީ ސްކްރޫވާލާ ޕްރޮޑިއުސް، ސަރުވޭޝް މެވާރާ ޑައިރެކްޓްކުރާ ފިލްމެކެވެ.

"ދާކަޅް" ގެ ޝޫޓިން ކަންގަނާ ފެށީ އިންޑިއާގެ ޓަމިލް ނާޑޫ ސްޓޭޓްގެ ކުރީގެ ޗީފް މިނިސްޓަރު ޖަޔަލަލީތާގެ ބައޮގްރަފިކަލް ޑްރާމާ "ތަލައިވީ" ނިންމައިލުމަށް ފަހު އެވެ. އެ ފިލްމު ރިލީޒްކުރާ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.