Roadha Mihaaru
ނޫސްވެރިންނަށް ކުރާ އަނިޔާތަކާ ދެކޮޅަށް ތެދުވެއްޖެ

ނޫސްވެރިންނަށް ކުރާ އަނިޔާތަކާ ދެކޮޅަށް ގިނަ މީޑިއާތަކަކުން ތެދުވެއްޖެ

21 ފެބުރުއަރީ 2021

ނޫސްވެރިންނަށް ކުރާ އަނިޔާތަކާ ދެކޮޅަށް ގިނަ މީޑިއާތަކަކުން މިއަދު ނުކުމެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ނޫސްވެރިންނަށް ކުރާ އަނިޔާތަކާ ދެކޮޅަށް ގިނަ މީޑިއާތަކަކުން މިއަދު ނުކުމެއްޖެ އެވެ.

ނޫސްވެރިންގެ ދިފާއުގައި މީޑިއާތަކުން ތެދުވީ، އިދިކޮޅު ކޯލިޝަނުން މިދިޔަ ހުކުރު ދުވަހު ބޭއްވި މުޒާހަރާ ކަވަކުރުމުގައި އުޅުނު ޗެނަލް 13 ގެ ދެ ނޫސްވެރިއަކަށް ފުލުހުންގެ ސަބަބުން އަނިޔާވުމާ ގުޅިގެންނެވެ. މީގެ ކުރިން ވެސް އެ ސްޓޭޝަންގެ ނޫސްވެރިންނަށް ފުލުހުންގެ ފަރާތުން އަނިޔާ ކުރިމަތިވެފައިވާ ކަމަށް އެތަނުން ބުނެ އެވެ.

މުޒާހަރާ ކަވަކުރުމުގައި އެންމެ ފުރަތަމަ، ސަލްސާ ރޯޔަލް ރެސްޓޯރެންޓް ކައިރިން އަނިޔާވީ އެ ސްޓޭޝަންގެ ކެމެރާމަން މުހައްމަދު ޝަހީމަށެވެ. ފަހުން މުޒާހަރާ ނިންމި ފަހުން، "ލަ ސޫކް" ކެފޭގައި އިންދާ ޗެނަލް 13ގެ ނޫސްވެރިއަކު ގަދަކަމުން އެ ތަނުން ނެރެގެން ފުލުހުން ގެންދިޔަ އެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އަދި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ހިންގާ ބިއްލޫރިޖެހިގެ ކުރިމަތީގައި ތިބެގެން ނޫސްވެރިން ވަނީ މަސައްކަތްކުރެވޭނެ ފަހި މާހައުލަކާ އެކު ހިޔާލުފާޅުކުރުމަށް ޖާގަ ދިނުމަށް ގޮވާލައިފަ އެވެ. ހަމަހިމޭންކަމުގެ އެ މުޒާހަރާގައި ގިނަ ނޫސްވެރިން ބައިވެރިވި އެވެ.

ނޫސްވެރިންނަށް ކުރާ އަނިޔާތަކާ ދެކޮޅަށް މީޑިއާތަކުން މިއަދު ބޭއްވި މުޒާހަރާގައި، އެމްއެމްސީގެ ރައީސް ޝަހުބާން ވާހަކަދައްކަވަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ނޫސްވެރިންނަށް ކުރާ އަނިޔާތަކާ ދެކޮޅަށް މީޑިއާތަކުން މިއަދު ބޭއްވި މުޒާހަރާގައި، އެމްއެމްސީގެ ރައީސް ޝަހުބާން ވާހަކަދައްކަވަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެ މުޒާހަރާގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން އެމްއެމްސީގެ ރައީސް ޝަހުބާން ފަހުމީ ވަނީ މިދިޔަ ހުކުރު ދުވަހު ޗެނަލް 13 ގެ ނޫސްވެރިންނަށް ދިމާވި ކަންތައް ކުށްވެރިކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ އެއީ އެއްވެސް ގޮތަކަށް ބަލައިނެވޭނެ ކަމެއް ނޫން ކަމަށެވެ.

އޭނާ ވިދާޅުވީ ނޫސްވެރިންނަށް ދިމާވި ކަންކަމުގައި ފުލުހުންގެ އިސްވެރިންނާ މަޝްވަރާކޮށްފައިވާ ކަމަށެވެ. އެކަން ބެލުމަށް ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑާޑް ކޮމާންޑަށް ހުށަހަޅަން ނިންމާފައިވާ ކަމަށާއި ނޫސްވެރިންނާ މެދު އެ ގޮތަށް ކަންތައްކުރި ފުލުހުންގެ މައްސަލަ ހާއްސަ ސަމާލުކަމެއް ދީގެން ބަލާނެ ކަމުގެ ޔަގީންކަން އެ މުއައްސަސާއިން ދީފައިވާކަމަށް ވިދާޅުވި އެވެ.

ނޫސްވެރިންނަށް ކުރާ އަނިޔާތަކާ ދެކޮޅަށް މީޑިއާތަކުން މިއަދު ބޭއްވި މުޒާހަރާގައި ބައިވެރިވި ބައެއް ނޫސްވެރިން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ނޫސްވެރިންނަށް ކުރާ އަނިޔާތަކާ ދެކޮޅަށް މީޑިއާތަކުން މިއަދު ބޭއްވި މުޒާހަރާގައި ބައިވެރިވި ބައެއް ނޫސްވެރިން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޝަހުބާން ވިދާޅުވީ އެ މައްސަލަ ބެލުމަށްފަހު ކައުންސިލްގެ ވިސްނުމަކީ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ހުށަހެޅުމެވެ. އަދި ޗެނަލް 13 ގެ ނޫސްވެރިންނަށް ކުރިމަތިލާން ޖެހުނު ކަންކަމަށް އިންސާފު ނުލިބެނީސް އެމްއެމްސީގެ މަސައްކަތް ހުއްޓާ ނުލާނެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު އެދެން މި ކަންކަން ހިނގައިދިޔަ ގޮތް ފެނުނު ނޫސްވެރިންނާ އަދި އެއާއެކުގައި މި ކަންކަން ދިމާވި ނޫސްވެރިން ކައުންސިލަށް ވަޑައިގެން އެ ކުރާ މަސައްކަތުގައި އެއްބާރުލުން ދިނުމަށް،" ޝަހުބާން ވިދާޅުވި އެވެ.

އޭނާ ވަނީ ގާނޫނާއި ގަވައިދުތަކުގެ ތެރޭގައި މުޒާހަރާތައް ކަވަރުކުރުމަށް ވެސް ނޫސްވެރިންގެ ކިބައިން އެދިވަޑައިގެންފަ އެވެ.

ނޫސްވެރިންނަށް ކުރާ އަނިޔާތަކާ ދެކޮޅަށް މީޑިއާތަކުން މިއަދު ބޭއްވި މުޒާހަރާގައި ބްރޯޑްކޮމްގެ ރައީސް މަރިޔަމް ވަހީދާ ނޫސްވެރިންނާ ވާހަކަދައްކަވަނީ- ފޮޓޯ: ނިޝާން އަލީ/ މިހާރު

ނޫސްވެރިންނަށް ކުރާ އަނިޔާތަކާ ދެކޮޅަށް މީޑިއާތަކުން މިއަދު ބޭއްވި މުޒާހަރާގައި ބްރޯޑްކޮމްގެ ރައީސް މަރިޔަމް ވަހީދާ ނޫސްވެރިންނާ ވާހަކަދައްކަވަނީ- ފޮޓޯ: ނިޝާން އަލީ/ މިހާރު

ބްރޯޑްކޮމްގެ ރައީސް މަރިޔަމް ވަހީދާ ވިދާޅުވީ ނޫސްވެރިންނާ ދެކޮޅަށް އެއްވެސް ނިކަމެތި ފިޔަވަޅެއް އަޅައިގެންދާތަން ބަލަން އުނދަގޫ ކަމަށެވެ.

މީޑިއާގެ ތާރީހަށް ބަލާއިރު ވަރަށް ބޮޑެތި ކަންކަން ހިނގާފައިވާ ކަމަށާއި އެއީ އާދައަކަށް ވެގެން ނުވާނެ ކަމަށް ވިދާޅުވި އެވެ. ފުލުހުންގެ އެންމެ އިސްވެރިންނާ ބައްދަލުކޮށް މޭޒުމަތިން މިކަން ހައްލުކުރެވޭނެ ގޮތެއް ހޯދަންޖެހޭ ގަބޫލުކުރައްވާ ކަމަށް ވިދާޅުވި އެވެ.

މަރިޔަމް ވިދާޅުވީ އެ މައްސަލަ ބްރޯޑްކޮމްގެ ފަރާތުން އިންޓެގްރިޓީ ކޮމިޝަނަށް ހުށަހަޅަން ނިންމާފައިވާ ކަމަށެވެ.