Roadha Mihaaru
އިންޑިއާއާ އެކު ބާއްވަނީ ފަޚުރުވެރި ގުޅުމެއް: އީވާ

އިންޑިއާއާ އެކު ބާއްވަނީ ފަޚުރުވެރި ގުޅުމެއް: އީވާ

22 ފެބުރުއަރީ 2021

ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީން އިންޑިއާއާ އެކު ބާއްވަނީ ސިއްރު ގުޅުމެއް ނޫން ކަމަށާއި އެއީ ފާޅުގައި ފަޚުރުވެރިކަމާ އެކު ބާއްވާ ގުޅުމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީން އިންޑިއާއާ އެކު ބާއްވަނީ ސިއްރު ގުޅުމެއް ނޫން ކަމަށާއި އެއީ ފާޅުގައި ފަޚުރުވެރިކަމާ އެކު ބާއްވާ ގުޅުމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

އުތުރު ތިލަފަޅުގައި ދިވެހި ސިފައިންނަށް ހާއްސަ ބަނދަރަކާއި ޑޮކްޔާޑެއް ތަރައްގީކުރަން ރާއްޖޭން އިންޑިއާއާ އެކު އިއްޔެ ސޮއިކުރި އެއްބަސްވުމުގެ ތަފްސީލު ހާމަކުރަން ގޮވާލައި އިިދިކޮޅުން މަޖިލީހަށް މިއަދު ހުށަހެޅި ކުއްލި މައްސަަލަައިގެ ބަހުސްގައި އީވާ ވިދާޅުވީ، ޚާރިޖީ ސިޔާސަތުގައި އިންޑިއާ އަަށް އިސްކަން ދޭނެ ވާހަކަ އެމްޑީޕީން ކުރިއްސުރެ ފާޅުގައި ބުނެފައިވާނެ ކަަމަށެވެ. އެއީ ދިވެހި ރައްޔިތުން ވެސް އެކަމާ އުފާކޮށް ފަޚުރުވެރިވާ ގުޅުމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އުތުރު ތިލަަފަޅުގައި ބަނދަރަކާއި ޑޮކްޔާޑެއް ތަރައްގީކުރުމުގެ އެއްބަސްވުން ހާމަކުރަން ގޮވާލައި ކުއްލި މައްސަލަ ހުށަހެޅުއްވީ ނައިފަރު ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ޝިޔާމެވެ. އީވާ ވިދާޅުވީ އިންޑިއާގެ އެހީތެެރިކަން ހޯދަން އުޅޭ އިރަށް ރާއްްޖޭގެ އިސްތިގުލާލު ގެއްލޭ ކަމަށް އިދިކޮޅު ޕީޕީއެމުން ވާހަކަ ދައްކަނީ ބިރުވެރިކަން އުފައްދަން ކަމަށެވެ.

"ހަގީގަތުގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން އަޅުގަނޑުމެންގެ ހާރިޖީ ސިޔާސަތެއްގެ ގޮތުގައި އިންޑިއާ ފަސްޓް، އެހެން ކިޔައިގެން އަޅުގަނޑުމެން ފުރަތަމަ ދުވަހު ވެސް، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ އެކުލަވައިލީއްސުރެން އަޅުގަނޑުމެންގެ ހާރިޖީ ސިޔާސަތުގައި އޮންނާނީ އެހެން ޖަހާފައި،" އޭނާ ވިދާޅުވި އެވެ.

އީވާ ވިދާޅުވިގޮތުގައި އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުމަކީ އެ ގުޅުމުގެ ސަބަބުން ދިވެހިން، ރައްކާތެރިކަން އިހުސާސްކުރާ ގުޅުމެކެވެ.

އިންޑިއާގެ އެހީތެރިކަމެއް އަޅުގަނޑުމެން ހޯދީމާ އެއީ ދިވެހިރާއްޖޭގެ މިނިވަންކަމާއި ދިވެހިރާއްޖޭގެ އިސްތިގުލާލު ގެއްލެނީއޭ ކިޔައިގެން އުޅުމަކީ އިއްޒަތްތެރި ރައީސް، ޕީޕީއެމްގެ ފަލްސަފާއެއް---އީވާ

އުތުރު ތިލަފަޅުގައި ތަރައްގީ ކުރަން އުޅޭ ޑޮކްޔާޑަކީ ރާއްޖޭގެ މިލްކިއްޔާތެއް ކަމަށާއި އެ މަސައްކަތް ކުރަން އުޅެނީ ދެ ގައުމު ގުޅިގގެން ކަަމަށާއި އެކަމާ ޕީޕީއެމުން ސުވާލު އުފައްދަނީ ބިރުވެރިކަން އުފައްދަން ކަަމަށް ވެސް އީވާ ވިދާޅުވި އެވެ. ދައްކާނެ އެހެން ވާހަކައެއް ނެތުނީމާ ބިރު ބާޒާރަށް ނެރުމަކީ ފަލްސަފާއެއްގެ ގޮތުގައި ޕީޕީއެމުން ގެންގުޅޭ ވިސްނުމެއް ކަމަށް އީވާ ތުހުމަތުކުރެއްވި އެވެ.

އިންޑިއާގެ ދިގު ތާރީޚުގައި ގައުމުތަކަށް އެހީތެރިވެދީފައި އޮތީ އެ ގައުމުތަކުގެ މިނިވަންކަން ގެއްލޭ ގޮތަކަށް ނޫންކަަމަށް ވިދާޅުވެ، އޭނާ އެ ގައުމަށް ތައުރީފު ކުރެއްވި އެވެ. އެގޮތުން މިދިޔަ ވިއްސަކަށް އަހަރުގެ ތެރޭގައި އިންޑިއާ އަށް އައި ތަރައްގީގެ ތެރެއިން އެންމެ ބޮޑު އެހީތެރިކަމެއް ހޯދި އެއް ގައުމަކީ ރާއްޖެ ކަމަށް ވެސް އީވާ ވިދާޅުވި އެވެ.

"އިންޑިއާގެ އެހީތެރިކަމެއް އަޅުގަނޑުމެން ހޯދީމާ އެއީ ދިވެހިރާއްޖޭގެ މިނިވަންކަމާއި ދިވެހިރާއްޖޭގެ އިސްތިގުލާލު ގެއްލެނީއޭ ކިޔައިގެން އުޅުމަކީ އިއްޒަތްތެރި ރައީސް، ޕީޕީއެމްގެ ފަލްސަފާއެއް،" އީވާ ވިދާޅުވި އެވެ.

އުތުރު ތިލަފަޅުގައި ރާއްޖޭގެ ކޯސްޓު ގާޑަށް ޚާއްސަ ބަނދަރެއް ތަރައްގީ ކުރުމަަށް ރާއްޖޭން އިންޑިއާއާ އެކު ސޮއިކުރި އެއްބަސްވުމާއި އެ ގައުމާ އެކުގައި ވެފައިވާ ލޯނު އެއްބަސްވުންތަކުގެ ތަފްސީލު މަޖިލީހަށް ދޭން ގޮވައިލައްވައި ކުއްލި މައްސަލައެއް މިއަދު ހުށަހެޅި އިރު، އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުމާ މެދު އިދިކޮޅުން އަބަދުވެސް ގެންދަނީ ސުވާލު އުފައްދަމުންނެވެ. އެކަމުގައި ރާއްޖޭގެ ގައުމީ މަސްލަހަތަށް ގެއްލުންވާ ގޮތަށް ސަރުކާރުން އަމަލުކުރާ ކަމަށް އިދިކޮޅުން ކުރިއްސުރެ ތުހުމަތު ކުރެ އެވެ.