އަސްކަރިއްޔާ ވަރުގަދަކޮށް، ބޮޑު ހަތިޔާރު ނަގައިގެން ރާއްޖޭގެ ބޯޑަރުތައް ނުބެލެހެއްޓޭނެ ކަމަށާއި އެކަމުގެ ސަބަބުން ގެއްލުން ވާނީ ހަމަ ރާއްޖެ އަށް ކަމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
05 ފެބުރުއަރީ 2024
އަސްކަރިއްޔާ ވަރުގަދަކޮށް، ބޮޑު ހަތިޔާރު ނަގައިގެން ރާއްޖޭގެ ބޯޑަރުތައް ނުބެލެހެއްޓޭނެ ކަމަށާއި އެކަމުގެ ސަބަބުން ގެއްލުން ވާނީ ހަމަ ރާއްޖެ އަށް ކަމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ކަނޑުގެ އެންމެ އުތުރު ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ ތިން ދޯންޏަކަށް އިންޑިއާގެ ސިފައިން ހަތިޔާރާ އެކު އެރި މައްސަލާގައި ޑިމޮކްރެޓްސް އަށް ނިސްބަތްވާ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ވަނީ ކުއްލި މައްސަލައެއް ހުށަހަޅުއްވައިފަ އެވެ.
އެ މައްސަލައިގެ ބަހުސްގައި މަޖިލީހުގެ ކުރީގެ ނައިބު ރައީސް އީވާ ވިދާޅުވީ، މިއީ ހަމައެކަނި ބޮޑު ހަތިޔާރު ނަގައިގެން ގައުމުތަކުގެ ބޯޑަރުތައް ބަލަހައްޓާ ޒަމާނެއް ނޫން ކަމަށާއި ރާއްޖެ ފަދަ ކުޑަ ގައުމުތަކުން ބޯޑަރު ބަލަހައްޓާފައި ވަނީ ވެސް ހަތިޔާރު ނަގައިގެން ނޫން ކަމަށެވެ.
"ދިވެހިރާއްޖެ އަކީ ސުލްހަވެރިކަމާ އެކު މުދަލާއި މީހުންނާއި ތަކެއްޗާއި ދަތުރު ކުރަން ޖާގަ ދީގެން އަޅުގަނޑުމެންގެ ބޯޑަރު ބަލަހައްޓައިގެން އަޅުގަނޑުމެން ތިބި ބައެއް. އެ ސުލްހަވެރި ކަމަށް އަލުން އަނބުރާ ރޫޖުއަ ވެގެން ނޫނިއްޔާ ބޯޑަރު ސެކިއުރިޓީ ކަށަވަރެއް ނުކުރެވޭނެ،" އީވާ ވިދާޅުވި އެވެ.
"ބޮޑު ހަތިޔާރަކާ އެކު އަޅުގަނޑުމެންނަކަށް ބޯޑަރު ނުބެލެހެއްޓޭނެ."
އީވާ ވިދާޅުވީ، ރާއްޖެ އަކީ އެއްވެސް ގައުމެއްގެ ދަށުވާން ޖެހޭ ގައުމެއް ނޫން ކަމަށާއި އެކަން ކަށަވަރު ކުރަން ޖެހޭނީ ސުލްހަވެރިވެގެން ކަމަށެވެ. ހާރިޖީ ސިޔާސަތުގައި ނުތަނަވަސްކަން އުފައްދައިގެން ކުރިއަށް ގެންދާ ނަމަ އޭގެ ނުރައްކާ އޮތީ ހަމަ ދިވެހިންނަށް ކަމަށް އީވާ ވިދާޅުވި އެވެ.
"ތަކުރާރުކޮށް އަޅުގަނޑު މި ދަންނަވަނީ. އަޅުގަނޑުމެން ބޯޑަރު ބެލެހެއްޓޭނީ، އަޅުގަނޑުމެންގެ އިކޮނޮމީ ސެކިއުރިޓީ، އެހެން ހުރިހާ ސެކިއުރިޓީއެއް ވެސް ބެލެހެއްޓޭނީ އަވަށްޓެރި ގައުމުތަކާ ވެސް އަދި އެހެން ގައުމުތަކާ ވެސް ސުލްހަވެރިވެގެން،" އީވާ ވިދާޅުވި އެވެ.
މަސް ދޯނިތަކަށް އެރި އިންޑިއާގެ ސިފައިން
ރައްޔިތުންގެ މަޖިލީހަށް މިއަދު ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްވެވި ރިޔާސީ ބަޔާނުގައި ވިދާޅުވީ އެ މަނިކުފާނު ގަބޫލުފުޅު ކުރައްވާ ގޮތުގައި އެއްގަމާއި ވަޔާއި ކަނޑުގެ މަގުން ވެސް ރާއްޖެ ދިފާއު ކުރެވޭނެ ޒަމާނީ އަސްކަރީ ގާބިލްކަން ރާއްޖޭގައި ވަރުގަދަ ކުރަންޖެހޭ އެވެ.
"އެކަން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރަން ފަށައިފިން. ރާއްޖޭގެ 900،000 އަކަކިލޯ މީޓަރުގެ ބޮޑު އެކްސްކްލޫސިވް އިކޮނޮމިކް ޒޯން 24 ގަޑިއިރު ހުއްޓުމެއް ނެތި ބެލެހެއްޓޭނެ ގާބިލްކަން އިރާދަކުރެއްވިއްޔާ ދާދި އަވަހަށް ދިވެހި އަސްކަރިއްޔާގައި ގާއިމް ކުރެވިގެންދާނެ،" މި އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް މުއިއްޒު ވިދާޅުވި އެވެ.
އެނގިފައިވާ ގޮތުގައި ރާއްޖޭގެ އިގުތިސާދީ ސަރަހައްދު ބަލަހައްޓަން ޒަމާނީ އާލާތްތައް ހޯދުމުގެ މަސައްކަތް ދިވެހި ސަރުކާރުން ވަނީ ފަށައިފަ އެވެ. އޭގެ ތެރޭގައި އެންމެ ޒަމާނީ ޑްރޯންތައް ގަތުން ހިމެނޭ ކަަމަށް ވެ އެވެ.
ރާއްޖޭގެ އިގުތިސާދީ ސަރަހައްދު އާންމުކޮށް ބެލެހެއްޓުމުގައި މިހާތަނަށް އެހީތެރިކަން ހޯދަމުން އައީ އިންޑިއާގެ އަސްކަރިއްޔާ އިން ކަމަށް ވިޔަސް ރާއްޖޭގައި ތިބި އެ ގައުމުގެ ސިފައިން ބޭލުމުގެ މައްސަލާގައި ގުޅުން އެހާ ރަނގަޅެއް ނޫނެވެ. އަދި ހުއްދަ ހޯދުމެއް ނެތި، ބައިނަލްއަގްވާމީ ކަނޑުގެ ގާނޫނުތަކާ ވެސް ހިލާފަށް ހަތިޔާރާ އެކު އިންޑިއާގެ ކޯސްޓްގާޑުގެ ސިފައިން ވަދެ، ރާއްޖޭގެ ތިން މަސްދޯންޏަކަށް އަރައި މަސްވެރިންނާ ސުވާލުކޮށް ބިރުދެއްކި މައްސަލަ ވަނީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ.
ދިވެހި ސަރުކާރަށް އެނގުމެއް ނެތި އިންޑިއާ ސިފައިން ރާއްޖޭގެ ސަރަހައްދަށް ވަދެ އެ އަމަލު ހިންގި ސަބަބު ލިޔުމަކުން ހޯދަން މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު ރާއްޖެ އިން ރަސްމީކޮށް އިންޑިއާގައި އެދުނަސް މިހާތަނަށް ޖަވާބެއް ނުދޭ ކަމަށް ވެ އެވެ.
އެކަމާ ގުޅޭ ގޮތުން މިއަދު މަޖިލީހުގައި ވާހަކަ ދައްކަވަމުން އީވާ ވިދާޅުވީ ބޭރުގެ ސިފައިން ރާއްޖޭގެ މަސް ދޯނިތަކަށް އެރުމަކީ ބިރުވެރިކަމެއް ކަމަށާއި މަސްވެރިން މި ވަގުތު ތިބި ނުތަނަވަސްކަން ފިލުވުމަށް މިކަމުގެ ސައްހަ މައުލޫމާތު ބޭނުންވާ ކަމަށެވެ.
"ދިވެހިރާއްޖޭގެ އުޅަނދަކަށް އަވަށްޓެރި ގައުމަކުން އަރައިފިއޭ ބުނާއިރު އެއީ އެއްވެސް ހާލެއްގައި މީޑިއާ ނުވަތަ ސޯޝަލް މީޑިއާގައި ސްޕެކިއުލޭޓް ކުރަން ދޫކޮށްލާވަރު ކަމެއް ނޫން. ސަރުކާރުން މިކަމުގައި މައުލޫމާތު ދިނޭ ބުނާއިރު މަޖިލީހަށް ހާއްސަކޮށް 241 ކޮމިޓީއަށް އޮންނަން ވާނީ ސީދާ މައުލޫމާ މިހާރު ލިބިފައި،" އީވާ ވިދާޅުވި އެވެ.
އިންޑިއާ ސިފައިން މަސްދޯނިތަކަށް އެރި މައްސަލާގައި ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނި ގޮތުގައި ރާއްޖޭގެ މަސްދޯނިތަކަށް އަރާފައިވަނީ އިންޑިއާ ކޯސްޓްގާޑް ޝިޕް 246 އަދި އިންޑިއާ ކޯސްޓްގާޑް ޝިޕް 253 އަށް ނިސްބަތްވާ ބޯޑިން ޓީމްތަކުން ކަން ކަށަވަރު ކުރެވިފައިވާ ކަމަށެވެ.
ރާއްޖޭގެ ހާއްސަ އިގުތިސޯދީ ސަރަހައްދުގައި މަސްވެރިކަން ކުރަމުން ދިޔަ ދިވެހި މަސްދޯނިތަކަށް ރާއްޖޭގެ ކަމާގުޅޭ އެއްވެސް އިދާރާއަކާ ކޯޑިނޭޓް ކުރުމެއް ނެތި އިންޑިއާ ކަނގެ ސިފައިން އަރާފައިވަނީ ބައިނަލްއަގްވާމީ ކަނޑުގެ ގާނޫނުތަކާއި އުސޫލުތަކާ ހިލާފަށް ކަމަށް ޑިފެންސްގެ ބަޔާނުގައި ބުންޏެވެ.
ސިފައިންނަށް ނޭނގި އިންޑިއާ ހެލިކޮޕްޓަރު ދަތުރެއް ކުރި
ސިފައިން އެރި މައްސަލާގައި ފިޔަވަޅުތައް އަޅާނެ: ތޯރިގު
"ދޯނިތަކަށް އިންޑިއާ ސިފައިން އެރީ ގާނޫނާ ހިލާފަށް"
އިންޑިއާ އައުޓް: މާރިޔާގެ ހަމަލާތައް ޔާމީނަށް!
އިންޑިއާގެ އެއްބަސްވުންތައް ނުދައްކާ ކަމުގެ ޝަކުވާ
އުތުރު ތިލަފަޅުގެ އެއްބަސްވުން ހޯދަން މަޖިލީހުން އެދެނީ
މިނިސްޓަރު މާރިޔާ ވެސް މަޖިލިހަށް ހާޒިރު ކުރަނީ
ސިއްރު އެއްބަސްވުމެއްގައި ސޮއެއް ނުކުރަން: މާރިޔާ
މަތިންދާބޯޓު ހަވާލު ނުކުރެވެނީ ލިޔުން ބަލައިނުގަންނާތީ
ސަފީރުކަމަށް އަޒީމާ އައްޔަނުކުރަން މަޖިލީހުން ފާސްކޮށްފި