Roadha Mihaaru
އިންޑިއާގެ އެއްބަސްވުންތައް ހޯދަން ކުއްލި މައްސަލައެއް

ރާއްޖެ- އިންްޑިއާ އެއްބަސްވުުންތަކުގެ ތަފްސީލް ހާމަކުރަން ގޮވާލައި ކުއްލި މައްސަލައެއް

22 ފެބުރުއަރީ 2021

ރާއްޖެއިން އިންޑިއާއާ އެކު ވެފައިވާ ލޯނު އެއްބަސްވުންތަކާއި އުތުރު ތިލަފަޅުގައި ސިފައިންނަށް ހާއްސަ ބަނދަރެއް ތަރައްގީކުރަން ވީ އެއްބަސްވުންތަކުގެ ތަފްސީލު ހާމަކުރަން ގޮވާލައްވައި، ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މަޖިލީހަށް މިއަދު ކުއްލި މައްސަލައެއް ހުށަހަޅުއްވައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރާއްޖެއިން އިންޑިއާއާ އެކު ވެފައިވާ ލޯނު އެއްބަސްވުންތަކާއި އުތުރު ތިލަފަޅުގައި ސިފައިންނަށް ހާއްސަ ބަނދަރެއް ތަރައްގީކުރަން ވީ އެއްބަސްވުންތަކުގެ ތަފްސީލު ހާމަކުރަން ގޮވާލައްވައި، ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މަޖިލީހަށް މިއަދު ކުއްލި މައްސަލައެއް ހުށަހަޅުއްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވިދާޅުވީ ސިފަވަރުގައި ސިފައިންގެ ހާއްސަ ބަނދަރެއް ތަރައްގީކުރުމުގެ އެއްބަސްވުން ހާމަކުރަން ހުށަހެޅުއްވި އެއް ސަބަބަކީ އެ އެއްބަސްވުން އެކުލަަވައިލީ މަޖިލީހުގެ ރުހުން ނުހޯދައި އޮތުން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ދެވަނަ ސަބަބަކީ ހަމަ އެބަނދަރު ތަރައްގީކުރަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް އިންޑިއާ އިން ހުށަހެޅި އިރު، އެގައުމުން ހުށަހެޅި ކަންތައްތައް އޭރުގެ ސަރުކާރަށް ކަމު ނުދިއުމެވެ.

ބަނދަރު ހަދަން އިންޑިއާ އިން އޭރު ހުށަހެޅި ހުށަހެޅުން ޔާމީންގެ ސަރުކާރުން ގަބޫލުނުކުރީ އެކަަމުގައި އިންޑިއާ އިން ހުށަހަޅާ ޝަރުތުތަކަކީ ރާއްޖޭގެ ގައުމީ މަސްލަަހަތަށް ރަނގަޅު ކަމަކަށް ނުވާތީ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެ އެއްބަސްވުމުގެ މައުލޫމާތު ރައްޔިތުންގެ މަޖިލީހަށް އެނގެން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސިފައިންގެ ހާއްސަ ބަނދަރުގެ އެއްބަސްވުުމުގެ އިތުރުން ކުއްލި މައްސަލައިގައި ގޮވައިލެއްވީ ރާއްޖެ އާއި އިންޑިއާއާ އިން ސޮއިކޮށްފައިވާ ލޯނު އެއްބަސްވުންތައް ހާމަކުރުމަށެވެ. އޭނާ ވިދާޅުވީ މިދިޔަ ނޮވެމްބަރުމަހުގެ ނިޔަލަށް ބޭރު ގައުމުތަކުން 6.45 ބިލިއަން ޑޮލަރުގެ ލޯނު ނަގާފައި ވާއިރު އޭގެ ތެރެއިން ބޮޑުބައެއް ނަގާފައި ވަނީ އިންޑިއާ އިން ކަމަށެވެ. މިފަދަ ނާޒުކު ދަނޑިވަޅެއްގައި ރާއްޖޭގެ އިގްތިސާދު އެއް ގައުމަކަށް ބަރޯސާކުރާތީ ރައްޔިތުން ކަންބޮޑުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޝިޔާމް ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހަށް ބަލައިގަތީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 51 މެމްބަރުންގެ އިއްތިފާގުންނެވެ.

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މަޖިލީހުގެ ޖަލްސާއެއްގައި ބަައިވެރިވެވަޑައިގަންނަވަނީ. ރާއްޖެ-އިންޑިއާ އެއްބަސްވުންތަކުގެ ތަފްސީލު ހާމަކުރަން ގޮވާލައި އޭނާ މިއަދު ކުއްލި މައްސަލައެއް ހުށަހެޅުއްވި

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މަޖިލީހުގެ ޖަލްސާއެއްގައި ބަައިވެރިވެވަޑައިގަންނަވަނީ. ރާއްޖެ-އިންޑިއާ އެއްބަސްވުންތަކުގެ ތަފްސީލު ހާމަކުރަން ގޮވާލައި އޭނާ މިއަދު ކުއްލި މައްސަލައެއް ހުށަހެޅުއްވި

ޝިޔާމްގެ ކުއްލި މައްސަލަ މަޖިލީހުގެ ރިއާސަތުން ރައީސް މުހައްމަދު ނަޝީދު އެޖެންޑާ ކުރެއްވުމާއި އެކު އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް އެކަމާ ދެކޮޅު ހައްދަވައި ނިޒާމާ ބެހޭ ނުކުތާ ނެންގެވި އެވެ. އާޒިމް ވިދާޅުވީ އެ މައްސަލަ އެޖެންޑާ ވެސް ނުކުރެވޭނެ ކަމަށާއި އެފަދަ އެއްބަސްވުން ހާމަކުރަން ނުޖެހޭނެ ކަމަށް ހައި ކޯޓުން ވެސް ނިންމާފައިވާ ކަމަށެވެ. ނަމަވެސް ނަޝީދު ވިދާޅުވީ ކުއްލި މައްސަލައެއްގައި ހުންނަންވާ ހުރިހާ އުންސުރެެއް ޝިޔާމް ހުށަހެޅުއްވި މައްސަލައިގައި ހަމަވާކަމަށް އެ މަނިކުފާނަށް ގާނޫނީ ލަފާ ލިބިވަޑައިގެންފައިވާ ކަމަށެވެ. އެެހެންވެ ކުއްލި މައްސަލަ ހުށަހަޅުއްވަން ޝިޔާމަށް ފުރުސަތު ދެއްވި އެވެ.

ޝިޔާމް ކުއްލި މައްސަލަ ހުށަހަޅުއްވަމުން ގެންދަވަނިކޮށް ވެސް އާޒިމް ނިޒާމާ ބެހޭ މައްސަލައެއް ކަމަށް ވިދާޅުވެ ފުރުސަތު ހޯއްދަވައިގެން ކުރިން ދެއްކެވި ވާހަކަ ތަކުރާކުރެއްވި އެވެ.

"ހައި ކޯޓުގެ އެބަ އޮތް ނިންމުމެއް ނިންމާފައި [އެއްބަސްވުންތައް] ހާމަކުރަން ނުޖެހޭނޭ. އެއީ އަޅުގަނޑު މިދަންނަވާ ވާހަަކަ އަކީ. މި މަޖިލީހުގައި މި ތަޅުމުގައި މި މަޝްވަރާނުކުރެވޭނެ އެއް ސަބަބެއް ކަމަށް އަޅުގަނޑު ދެކެނީ މިކަމާ ހުރެ، ރައީސް،" އާޒިމް ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ މަޖިލީހުގައި އެކަމާ މަޝްވަރާ ކުރުމާއި ނުކުރުމަކީ މަޖިލީހުގެ މެމްބަރުން ނިންމަވާނެ ކަމެއް ކަމަށެވެ. އޭގެ ފަހުން އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު ވެސް ނިޒާމާ ބެހޭ ނުކުތާއެއް ނެންގެވި އެވެ. އެ ހިސާބުން ޝިޔާމަށް ނަޝީދު އިރުޝާދު ދެއްވީ އަވަހަށް މައްސަލަ ހުށަހެޅުއްވުމަށެވެ.