Roadha Mihaaru
ކުރީ ސަރުކާރުން ތިލަފަޅު ހަދަން ބޭނުންވީ އަމިއްލައަށް

ކުރީ ސަރުކާރުން ބޭރު ބަޔަކު ލައްވާ އުތުރު ތިލަފަޅު ތަރައްގީނުކުރީ ގައުމުގެ ސަލާމަތަށް ނުރައްކާވެދާނެތީ: އާދަމް ޝަރީފް

22 ފެބުރުއަރީ 2021

ސިފައިންގެ ކޯސްޓް ގާޑު ބަނދަރުކޮށް މަރާމާތުކުރާ ތަނެއްގެ ގޮތުގައި އުތުރު ތިލަފަޅު ބޭރު ބަޔަކު ލައްވާ ތަރައްގީކުރަން ކުރީގެ ރައީސް އަބްދުﷲ ޔާމީން ބޭނުންފުޅު ނުވީ އޭގެ ސަބަބުން "ގައުމުގެ ސަލާމަތަށް ނުރައްކާ ވެދާނެތީ" ކަމަށް، އޭރުގެ ޑިފެންސް މިނިސްޓަރު އަދި މިހާރު މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް، ރައްޔިތުންގެ މަޖިލިހުގައި މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ސިފައިންގެ ކޯސްޓް ގާޑު ބަނދަރުކޮށް މަރާމާތުކުރާ ތަނެއްގެ ގޮތުގައި އުތުރު ތިލަފަޅު ބޭރު ބަޔަކު ލައްވާ ތަރައްގީކުރަން ކުރީގެ ރައީސް އަބްދުﷲ ޔާމީން ބޭނުންފުޅު ނުވީ އޭގެ ސަބަބުން "ގައުމުގެ ސަލާމަތަށް ނުރައްކާ ވެދާނެތީ" ކަމަށް، އޭރުގެ ޑިފެންސް މިނިސްޓަރު އަދި މިހާރު މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް، ރައްޔިތުންގެ މަޖިލިހުގައި މިއަދު ވިދާޅުވެއްޖެ އެވެ.

އުތުރު ތިލަފަޅު ނުވަތަ ޔޫޓީއެފްގެ މައްސަލަ ގައުމީ ކަމެއްގެ ގޮތުގައި ބަލައި ރައްޔިތުންގެ މަޖިލިހުގެ މިއަދު ޖަލްސާއަށް އިދިކޮޅު މެމްބަރު ނައިފަރު ދާއިރާގެ އަހުމަދު ޝިޔާމް ހުށައެޅުއްވި ކުއްލި މައްސަލާގައި ވާހަކަ ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ އެގޮތަށް ޔާމީން ނިންމެވީ ވެސް ސަބަބުތަކެއް ހުރެގެން ކަމަށެވެ. އޭނާ ވިދާޅުވި އެއް ކަމަކީ ލޮކޭޝަންގެ ގޮތުން އެ ތަން މުހިންމުވުމުން ގިނަ ގައުމުތަކަކުން އެތަން ތަރައްގީކުރަން ސަރުކާރުގައި އެދެމުން ދިއުމެވެ.

އެހެންވެ ޔާމީން ގަބޫލުފުޅު ކުރެއްވީ، އާދަމް ޝަަރީފް ވިދާޅުވި ގޮތުގައި، ވަކި "ބައެއް މެދުވެރިކޮށް އެ މަސައްކަތް ކުރައްވައިފި ކަމަށް ވާ ނަމަ، މަސްލަހަތު ފުށުއަރައި އަދި ގައުމުގެ ސަލާމަތަށް ނުރައްކާ ވެދާނެ" ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އެތަން ތަރައްގީކޮށްދޭން އިންޑިއާއިން އަމިއްލައަށް އިސްނަގައިގެން ވަރަށް ބޮޑަށް ވާހަކަ ދެއްކި އެވެ. ނަމަވެސް އެތަން ތަރައްގީކުރުމުގެ އެއްބަސްވުމެއްގައި ކުރީ ސަރުކާރުން ސޮއިކޮށްފައި ނޯންނާނެ ކަމަށް ވިދާޅުވި އެވެ.

ޝަރީފް އެގޮތަށް ވިދާޅުވި ނަމަވެސް ޔޫޓީއެފް ތަރައްގީކުރަން އެންމެ ފުރަތަމަ ހުށައެޅީ ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގައި އޭރުގެ ޑިފެންސް މިނިސްޓަރު އަދި މިހާރު ދަގެނތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމެވެ.

ޝިޔާމް މިއަދު ކުއްލި މައްސަލައެއް ހުށައެޅުއްވީ އުތުރު ތިލަފަޅު ތަރައްގީކުރަން އިއްޔެ އިންޑިއާއާ އެކު ސަރުކާރުން ސޮއިކުރި އެއްބަސްވުމުގެ ތަފްސީލު ހާމަކުރަން ގޮވާލައްވަ އެވެ.

އެ މައްސަލައިގެ ބަހުސްގައި އެމްޑީޕީގެ ބައެއް މެމްބަރުން ވިދާޅުވީ އުތުރު ފިލަވަޅުގައި ކޯސްޓް ގާޑުގެ ޑޮކްޔާޑެއް ތަރައްގީކުރުމުގެ މަޝްވަރާތައް ޔާމީންގެ ވެރިކަމުގައި އިންޑިއާއާ އެކު ކުރިއަށް ގެންދިޔަ ކަމަށެވެ. ބިލެއްދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް ހަލީމް) ވަނީ އެ އެއްބަސްވުން ވުޖޫދުކުރަން އާދަމް ޝަރީފް ކޮށްދެއްވި މަސައްކަތަށް ޝުކުރު ވެސް އަދާކުރައްވައިފަ އެވެ.

އެކަމަކު އޭގެ މާ ފަހުން ލިބިވަޑައިގެންނެވި ފުރުސަތުގައި އާދަމް ޝަރީފް ވިދާޅުވީ ޔޫޓީއެފް ތަރައްގީކުރާނީ ބޭރުގެ އެއްވެސް ބަޔަކަށް ނުދީ ރާއްޖެއިން އަމިއްލައަށް ކަމަށް ޔާމީން އޮތީ ނިންމަވާފައި ކަމަށެވެ.

އާދަމް ޝަރީފް އެހެން ވިދާޅުވުމުން ރިޔާސަތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ރައްދަކަށް ވީ ކުރީގެ ސަރުކާރުތަކުން އެކަމުގައި އިންޑިއާއާ އެކު ސިޓީބިޓީން ބަދަލުކޮށްފައި ހުރި މުއާމަލާތްތައް "މި ވަގުތު ހާމަކުރުން ބޭނުންތެރި" ކަމަށް ވިދާޅުވެ، އޭގެ ބައެއް ސިޓީ ވިދާޅުވުމެވެ. އެގޮތުން ޔާމީން ސަރުކާރުގެ ފުރަތަމަ ފޮރިން މިނިސްޓަރު ދުންޔާ މައުމޫންގެ ސިޓީއެއްގެ އިތުރުން ރާއްޖޭގެ ރައީސްކަމުން ނަޝީދު އިސްތިއުފާ ދެއްވުމުން އުފެދުނު ވަހީދު ސަރުކާރުގެ ޑިފެންސް މިނިސްޓަރު ނާޒިމް އޭރު ފޮނުއްވި ސިޓީ ހިމެނެ އެވެ.

އުތުރު ތިލަފަޅު ތަރައްގީކުރަން އެންމެ ފުރަތަމަ އިންޑިއާގެ އެހީއަށް އެދިވަޑައިގަތީ ވަހީދު ސަރުކާރުގައި އެޕްރީލް 25، 2013 ގައި ނާޒިމް ފޮނުއްވި ސިޓީއެއްގަ އެވެ. އެ ސިޓީން ދޭހަވާ ގޮތުގައި ކަމާ ބެހޭ ވަސީލަތްތަކާ އެކު ބާތިން ފެސިލިޓީއެއްގެ ގޮތުގައި އެ ފަޅު ތަރައްގީކުރުމުގެ ތަފުސީލު ޕްރޮޕޯސަލްއެއް އޮތީ އިންޑިއާ ސަރުކާރަށް ހުށައަޅައިފަ އެވެ.

އެ ޕްރޮޕޯސަލް ހަވާލުކުރެއްވީ އިންޑިއާއަށް އެޕްރީލް 2013 ގައި ނާޒިމް ކުރެއްވި ދަތުރެއްގައި އޭރުގެ އިންޑިއާގެ ޑިފެންސް މިނިސްޓަރަށް ކަމަށް ވެސް، ސިޓީން ދޭހަވެ އެވެ.

ނަޝީދު ދެން ހާމަކުރެއްވީ 2015 ގައި ދުންޔާ ސޮއިކުރައްވާ ފޮނުއްވި ސިޓީއެކެވެ. ރާއްޖެ އާއި އިންޑިއާގެ ޖޮއިންޓް ކޮމިޝަންގެ ބައްދަލުވުމަކަށް ފަހު ފޮނުއްވި އެ ސިޓީގައި ވާ ގޮތުން ވެސް ޔޫޓީއެފް ތަރައްގީކުރަން އެދުނީ ރާއްޖެ އިންނެވެ.