Roadha Mihaaru
އިންތިހާބުތަކަށް ނުފޫޒު ފޯރުވާކަމަށް ބުނެ މަޖިލީހަށް

ސަރުކާރުން އިންތިހާބުތަކަށް ނުފޫޒު ފޯރުވާ ކަމަށް ބުނާ މައްސަލަ މަޖިލީހަށް ހުށަހަޅައިފި

12 މެއި 2022

އިންތިހާބުތަކާ ގުޅުވައިގެން ދައުލަތުގެ މުދަލާއި ވަސީލަތް ނަހަމަ ގޮތުގައި ސަރުކާރުން ބޭނުންކޮށް, އިންތިހާބުތަކަށް ނުފޫޒު ފޯރުވާ ކަމަށް ބުނެ މަޑުއްވަރީ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް އުމަރު ރައްޔިތުންގެ މަޖިލީހަށް މައްސަލަ ހުށަހަޅުއްވައިފި އެވެ.

އަހުމަދު ޝަބީން އަހުމަދު ޝަބީން

އިންތިހާބުތަކާ ގުޅުވައިގެން ދައުލަތުގެ މުދަލާއި ވަސީލަތް ނަހަމަ ގޮތުގައި ސަރުކާރުން ބޭނުންކޮށް, އިންތިހާބުތަކަށް ނުފޫޒު ފޯރުވާ ކަމަށް ބުނެ މަޑުއްވަރީ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް އުމަރު ރައްޔިތުންގެ މަޖިލީހަށް މައްސަލަ ހުށަހަޅުއްވައިފި އެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އިއްޔެ ފޮނުއްވި ސިޓީގައި އާދަމް ޝަރީފް ވިދާޅުވީ "ކޮރަޕްޝަނަށް ޒީރޯ ޓޮލަރަންސް" ދޭނެ ކަމަށް ރައްޔިތުންނަށް ވައުދުވެގެން ވެރިކަމަށް އައި ބަޔަކު, ބައި-އިލެކްޝަންތަކާއި އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވެސް ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަގޮތުގައި ބޭނުން ކުރަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އެއްކަމެއްގެ ގޮތުގައި އާދަމް ޝަރީފް ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ސަރުކާރުގެ އިމާރާތްތަކާއި އުޅަނދުތައް ބޭނުންކޮށްފައިވާ ކަމަށެވެ. އަދި މިހާރު ހުއްޓިފައިވާ ދެ ކޮމަންޑޫ ގުޅުވާލުމުގެ މަޝްރޫއަކީ ސަރުކާރުން އިންތިހާބުތަކަށް ނުފޫޒު ފޯރުވާކަމުގެ މިސާލެއް ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ އިންތިހާބުތަކަށް ނުފޫޒު ފޯރުވައި ސަރުކާރުން ބޭނުންވާ މީހަކު ހޮވުމަށް މަގުފަހިވާ ގޮތަށް އެސްއެމްއީ ލޯނު ދޫކުރަމުންދާ ކަމަށް އާންމުންނާއި ރައްޔިތުންގެ މަޖިލީހުގައި ސަރުކާރުގެ ސުޕަ މެޖޯރިޓީ އޮންނަ އެމްޑީޕީގެ ބައެއް މެންބަރުން ހިމެނޭގޮތުން ގިނަ ބަޔަކު ކުރާ ކަމަށާއި އެ ތުހުމަތުތައް ސަރުކާރުން ދޮގެއް ނުކުރާ ކަމަށެވެ.

''އިންތިހާބުތަކާ ދިމާކޮށް ސަރުކާރުން ބޭނުންވާ މީހަކު ހޮވުމަށް މަގުފަހިވާ ގޮތަށް ސަރުކާރުގެ ބައެއް ކުންފުނިތަކުގެ އޯގަނައިޒޭޝަނަލް ސްޓްރަކްޗާ ނުވަތަ ހިންގުމުގެ އޮނިގަނޑުގައި ނުހިމެނޭ މަގާމުތައް އުފައްދައި އެއްވެސް ރޭވުންތެރިކަމެއް ނެތި ކުރާނެ މަސައްކަތެއް އަދި ތިބޭނެ ތަނެއް ވެސް ނެތް ހާލަތުގައި ވެސް އެ މަގާމުތައް ބަހަމުންދާކަން ފާހަގަ ކުރެވެއެވެ.'' ސިޓީގައި ވެ އެވެ.

ޝަރީފްގެ ސިޓީގައި އެދިވަޑައިގެންފައި ވަނީ އިންތިހާބުތަކާ ގުޅުވައިގެން ދައުލަތުގެ މުދަލާއި ވަސީލަތް ނަހަމަ ގޮތުގައި ސަރުކާރުން ބޭނުން ކުރުމާއި އިންތިހާބުތަކަށް ނުފޫޒު ފޯރާގޮތަށް މަޝްރޫއުތައް އިއުލާނު ކުރުމާއި ލޯނު ދިނުމާއި މަގާމުތައް ބެހުމާ ބެހޭ މައްސަލަތައް ރައްޔިތުންނަށް ހާމަވާނެ ގޮތެއްގެ މަތިން މަޖިލީހުގެ ކަމާބެހޭ ކޮމިޓީއަކުން ބަލައި ދިނުމަށެވެ.