10 ނޮވެމްބަރ 2016
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) އިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން 25 ޑޮލަރުގެ އެއާޕޯޓް ޑިވެލޮޕްމަންޓް ޗާޖް (އޭޑީސީ) ނަގަން ސަރުކާރުގެ ވިސްނުންހުރި އިރު، އެކަމާ ޕީޕީއެމް އާއި އެހެން ޕާޓީތަކުން ވެސް ދެކޮޅު ހަދައިފި އެވެ.
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) އިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން 25 ޑޮލަރުގެ އެއާޕޯޓް ޑިވެލޮޕްމަންޓް ޗާޖް (އޭޑީސީ) ނަގަން ސަރުކާރުގެ ވިސްނުންހުރި އިރު، އެކަމާ ޕީޕީއެމް އާއި އެހެން ޕާޓީތަކުން ވެސް ދެކޮޅު ހަދައިފި އެވެ.
އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ދައުލަތުގެ ބަޖެޓާ ބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީގައި ވާހަކަދައްކަވަމުން ރައީސް އޮފީހުގެ އިކޮނޮމިކް ކައުންސިލްގެ ޗެއާ އަދި މިނިސްޓަރު އަހުމަދު ޒުހޫރު މިއަދު ވިދާޅުވީ ސަރުކާރުގެ ވިސްނުން ހުރީ ދިވެހިން ވެސް ހިމެނޭ ގޮތަށް އެއާޕޯޓުން ބޭރަށް ފުރާ ހުރިހާ ފަސިންޖަރުންގެ އަތުން ވެސް އޭޑީސީ ނަގާ ގޮތަށް ކަމަށެވެ. ނަމަވެސް އެއިން ދިވެހިން އިސްތިސްނާ ކުރާނެތޯ ނިންމާނީ މަޖިލިސްގެ މެމްބަރުން ކަމަށް އޭނާ ވިދާޅުވި އެވެ.
"އެއާޕޯޓް ޗާޖް ނަގަނީ އެތަން ތަރައްގީކުރަން. ގާތްގަނޑަކަށް އެއް ބިލިއަން ޑޮލަރު ހަރަދުވެގެން މިދަނީ. އެހެންވީމަ މިފަދަ ބޮޑު ހަރަދެއް އަޅުގަނޑުމެންނަށް ކުރެވިގެންދާއިރު އޭގެ ފައިދާ ވެސް މިކުރަނީ ރައްޔިތުންނަށް،" އޭނާ ވިދާޅުވި އެވެ.
ޒުހޫރު ވިދާޅުވީ އުސޫލެއްގެ ގޮތުން ނިންމާފައި އޮތީ އެއާޕޯޓް ބޭނުންކުރާ ކޮންމެ މީހެއްގެ އަތުން އެއާޕޯޓް ޑިވެލޮޕްމަންޓް ޗާޖް ނެގޭ ގޮތަށް ކަމަށެވެ. އަދި ދިވެހިން އަތުން ނަގާނެތޯ ނުވަތަ ނުނަގާނެތޯ މަޝްވަރާކުރުމަށް ފަހު ގޮތެއް ނިންމެވުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.
"އެއީ ވަކި ގާނޫނަކުން ތިބޭފުޅުން ނިންމަވާނެ ކަމެއް. ކޮން ބައެއްގެ އަތުންތޯ ނަގާނީ އަދި ނުނަގާނީ ވެސް. އިކޮނޮމިކް ކައުންސިލްގެ ޗެއާގެ ހައިސިއްޔަތުން ބަޖެޓް އެކުލަވާލިއިރު އަޅުގަނޑުގެ ވިސްނުން ހުރީ ހަމަ ކޮންމެ މީހެއްގެ އަތުން އެއާޕޯޓް ޑިވެލޮޕްމަންޓް ޗާޖް ނަގަން،" ޒުހޫރު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ދިރާސާ ކުރާ ކޮމެޓީގެ މިއަދުގެ ބައްދަލުވުމުގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. ބަޖެޓް ކޮމެޓީގެ މެޖޯރިޓީ އޮތީ ސަރުކާރު ކޯލިޝަނަށް. - ފޮޓޯ: ނިޝާން އަލީ/ މިހާރު
ޒުހޫރު ދެއްކެވި ވާހަކަތަކާ ގުޅިގެން ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ވިދާޅުވީ އޭޑީސީ ދިވެހިންގެ އަތުން ނަގަން ޖެހޭ ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި އެކަމަށް އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުން ތާއީދުނުކުރާނެ ކަމަށެވެ.
"މިއީ ސަރުކާރުން ވިސްނަން ޖެހޭ ކަމެއް ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. އަދި އަޅުގަނޑުމެން ގަބޫލެއް ނުކުރަން މި ބަޖެޓް އެކުލަވާލާފައި ވަނީ ދިވެހިން އަތުން ނަގަން ކަމަކަށް ވެސް. ދުނިޔޭގެ އެހެން ތަންތަނުގައި ވެސް މިކަން ކުރަނީ އެހެނެއް ނޫން،" ރިޔާޒް ވިދާޅުވި އެވެ.
އޭނާގެ އިތުރުން އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީގެ ފަރާތުން ވާހަކަދެއްކެވި މެމްބަރުން ވެސް ވަނީ އޭޑީސީ ދިވެހިންގެ އަތުން ނެގުމާ ދެކޮޅުކަން ހާމަކުރައްވައިފަ އެވެ.
މެމްބަރުން ދެއްކެވި ވާހަކަތަކާ ގުޅިގެން މިނިސްޓަރު ޒުހޫރު ވިދާޅުވީ އޭޑީސީގެ ގޮތުގައި ނަގާ ފީ އިން ސޮވަރިން ވެލްތު ފަންޑެއް ގާއިމުކުރަން ނިންމާފައިވާ ކަމަށާއި އެ ފައިސާ ފުރަތަމަ ތިން އަހަރުގެ ތެރޭގައި ބޭނުން ނުކުރާނެ ކަމަށެވެ.
"ސޮވަރިން ވެލްތު ފަންޑަކީ އާމްދަނީ އިތުރުކުރުމަށް އުފެއްދި ފަންޑެއް. މި ފަންޑު އުފެއްދުމުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ މުސްތަގުބަލަށް ދެމިގެންދާ ދަރަނި. އަޅުގަނޑުމެން މިހާ ބޮޑު ތަރައްގީގެ ޕްލޭނެއް ހިންގާއިރު ދަރަނި އެކިއުމިލޭޓް ވަމުންދާކަން އެންމެނަށް ވެސް އެބަ އެނގޭ... އަދި އެ ފަންޑަށް އިތުރު ކުރެވޭ ފައިސާ އިންވެސްޓްކުރެވިގެން އެ ފަންޑު ގްރޯ ކުރެވޭނެ ގޮތަށް ސްޓްރަކްޗާކޮށްފައި ވާނީ،" އޭނާ ވިދާޅުވި އެވެ.
ޒުހޫރު ވިދާޅުވީ އެ ފަންޑުގެ ބޭނުންކުރެވޭނީ ދަރަނިތައް އަދާކުރުމަށާއި ކުދި ވިޔަފާރިތައް އިންވެސްޓްކުރުމަށް މަގުފަހިކުރުމަށް ކަމަށެވެ.
އޭޑީސީ ނަގަން ނިންމާފައި ވަނީ އެއާޕޯޓުން ރާއްޖޭން ބޭރަށް ފުރާ ކޮންމެ ފަސިންޖަރެއްގެ އަތުން 25 ޑޮލަރުގެ ރޭޓުންނެވެ. އެއިން އަންނަ އަހަރު ޖުމްލަ 565.8 މިލިއަން ރުފިޔާ ދައުލަތަށް ލިބޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. މިހާރު ވެސް އެއާޕޯޓުން ފުރާ ކޮންމެ ބޭރު މީހެއްގެ އަތުން 25 ޑޮލަރުގެ އެއާޕޯޓު ސާވިސް ޗާޖެއް ނަގަ އެވެ. އަދި ދިވެހިންގެ އަތުން 12 ޑޮލަރު ނަގަ އެވެ.
ސަރުކާރުގެ އެ ނިންމުމަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށް، ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަދި ބަޖެޓު ދިރާސާ ކުރާ ކޮމިޓީގެ މުގައްރިރު އަހުމަދު ނިހާން އިއްޔެ ރޭ ޓުވިޓާގައި ވިދާޅުވީ އޭޑީސީ ނަގަން "ވިސްނާފައި ވަނީ ފަތުރުވެރިންނާއި ބިދޭސީންގެ އަތުން" ކަމަށެވެ. އެކަމަކު، އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ.
ބަޖެޓަށް ބަލާ ނަމަ އޭޑީސީ އަކީ ބިދޭސީންގެ އަތުން މިހާރު ނަގާ 25 ޑޮލަރުގެ ސާވިސް ޗާޖުގެ އިތުރުން ނަގާ ފީ އެކެވެ. އެހެންވެ، ރާއްޖޭން ފުރާ ކޮންމެ ބިދޭސީއަކު އަންނަ އަހަރުން ފެށިގެން އެއާޕޯޓު ޓެކްސްގެ ގޮތުގައި ޖުމްލަ 37 ޑޮލަރު ދައްކަން ޖެހޭނެ އެވެ. އޭޑީސީގެ ގޮތުގައި އަންނަ އަހަރުން ފެށިގެން 25 ޑޮލަރު ނަގަން ސަރުކާރުން ނިންމިއިރު، އިންޑިއާގެ ޖީއެމްއާރު ކުންފުނިން އެއާޕޯޓު ހިންގިއިރު އެކަން ކުރަން އުޅުމުން ސިވިލް ކޯޓުން ވަނީ އެކަން ހުއްޓުވައިފަ އެވެ. އޭރު ގިނަ ބަޔަކު އެކަމާ ދެކޮޅު ހެދީ އެއާޕޯޓު ތަރައްގީކޮށް ނުނިމެނީސް އޭޑީސީ ނަގަން ނިންމުމުންނެވެ. ހަމަ އެހެންމެ، އެ ޗާޖު ވެގެން ދިޔައީ ދިވެހިންގެ ތެރޭގައި ބޮޑު މައްސަލަގަނޑަކަށް ވި ކަމަކަށެވެ.
25 ޑޮލަރު ނެގުމުގެ ބިލް މަޖިލިހަށް ފޮނުވައިފި
ބަޖެޓުގައި ހިމަނާފައިވާނީ ޔަގީނުން ވެސް ހޯދޭނެ އާމްދަނީ
ފުރާ ދިވެހިންގެ އަތުން ވެސް 25 ޑޮލަރު ނަގަނީ
ދައުލަތުގެ 26.8 ބިލިއަން ރުފިޔާގެ ބަޖެޓު ފާސްކޮށްފި
ފުރާ ދިވެހިން އަތުން 25 ޑޮލަރު ނަގަން ހުށަހަޅައިފި
ޓެކްސް ނިޒާމަށް ބަދަލު ގެންނާނީ ލޮޅުން ނާރާ ގޮތަށް
އަހަރަކު ބިލިއަނަކަށް ވުރެ ގިނައިން ލާ ފަންޑެއް ހަދަނީ
ރިކަރަންޓް ހަރަދު ކުޑަ ފުރަތަަމަ ބަޖެޓު
1.4 ބިލިއަން ރުފިޔާ ހޯދަން ބޮންޑާއި ސުކުކް ވިއްކަނީ
އަންނަ އަހަރު އިގްތިސާދު 4.4 ޕަސެންޓުގައި ކުރިއަރާނެ