Roadha Mihaaru
25 ޑޮލަރު ނެގުމުގެ ބިލް މަޖިލިހަށް ފޮނުވައިފި

އައިއެންއައިއޭ އިން ބޭރަށް ފުރާ މީހުންގެ އަތުން 25 ޑޮލަރު ނަގާ ބިލު މަޖިލީހަށް ފޮނުވައިފި

23 ނޮވެމްބަރ 2016

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) އިން ރާއްޖެ އިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން 25 ޑޮލަރުގެ އެއާޕޯޓް ޑިވެލޮޕްމަންޓް ޗާޖް (އޭޑީސީ) ނެގުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) އިން ރާއްޖެ އިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން 25 ޑޮލަރުގެ އެއާޕޯޓް ޑިވެލޮޕްމަންޓް ޗާޖް (އޭޑީސީ) ނެގުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.

ރާއްޖޭގެ އެއާޕޯޓަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސް އާއި ފީ ނެގުމާ ބެހޭ ބިލު ފޮނުއްވީ ގައްދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ރަޝީދެވެ. މަޖިލީހުގެ އިދާރާ އިން ބުނި ގޮތުގައި މި ބިލުގެ ފުރަތަމަ ކިޔުން މަޖިލީހުގެ މާދަމާގެ ޖަލްސާގައި ވަނީ އެޖެންޑާކޮށްފަ އެވެ.

މީގެ އިތުރުން ބިލުގެ އިބުތިދާއީ ބަހުސް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ މަތިން ކުރިއަށް ގެންދަން ފެނޭތޯ ވޯޓަށް އެހުމަށް ވެސް ވަނީ އެޖެންޑާކޮށްފަ އެވެ.

"މިހާރު" އާ ވާހަކަ ދައްކަވަމުން އަހުމަދު ރަޝީދު މިރޭ ވިދާޅުވި ގޮތުގައި ބިލުގައި ހިމަނާފައި ވަނީ ހަމައެކަނި އައިއެންއައިއޭ އިން ފުރާ ދިވެހިންނާއި ބިދޭސީންގެ އަތުން 25 ޑޮލަރު ނެގުމަށެވެ. ނަމަވެސް އެ ބިލާ ގުޅޭ ތަފްސީލެއް އޭނާ ނުދެއްވަ އެވެ.

އެއާޕޯޓުން ފުރާ ފަސިންޖަރުންގެ އަތުން 25 ޑޮލަރުގެ ނެގުމަށް ޕީޕީއެމް ބައެއް މެމްބަރުންނާއި އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީގެ މެމްބަރުން ވަނީ ދެކޮޅު ހައްދަވައިފަ އެވެ. އަދި ދިވެހިންގެ އަތުން 25 ޑޮލަރު ނެގުމުގެ ބަދަލުގައި ހަމައެކަނި ބިދޭސީން އަތުން ޑޮލަރު ނެގުމަށް އެ މެމްބަރުން ތާއީދު ކުރެއްވި އެވެ.

ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓްގައިވާ ގޮތުން އެއާޕޯޓް ޑިވެލޮޕްމަންޓް ޗާޖް (އޭޑީސީ) ގެ ގޮތުގައި 25 ޑޮލަރު ނަގަން ފެށުމުން، އަންނަ އަހަރު 565.8 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ. އޭޑީސީގެ ގޮތުގައި 25 ޑޮލަރު ނަގަން ނިންމިއިރު، މިހާރު ވެސް ބޭރުގެ ފަސިންޖަރުން އަތުން 25 ޑޮލަރުގެ އެއާޕޯޓް ސާވިސް ޗާޖެއް ނަގަ އެވެ. އަދި ދިވެހިންގެ އަތުން 12 ޑޮލަރު ނަގަ އެވެ.

އޭޑީސީގެ ގޮތުގައި އަންނަ އަހަރުން ފެށިގެން 25 ޑޮލަރު ދިވެހިންގެ އަތުން ވެސް ނަގަން ސަރުކާރުން ނިންމިއިރު، އިންޑިއާގެ ޖީއެމްއާރު ކުންފުނިން އޭޑީސީގެ ގޮތުގައި 25 ޑޮލަރު ނަގަން އުޅުމުން ސިވިލް ކޯޓުން ކުރިން ވަނީ އެކަން ހުއްޓުވައިފަ އެވެ. އޭރު ގިނަ ބަޔަކު އެކަމާ ދެކޮޅު ހެދީ އެއާޕޯޓް ތަރައްގީކޮށް ނުނިމެނީސް އޭޑީސީއެއް ނަގަން ނިންމުމުންނެވެ. ހަމަ އެހެންމެ، އެ ޗާޖް ވެގެން ދިޔައީ ދިވެހިންގެ ތެރޭގައި ބޮޑު މައްސަލަގަނޑަކަށް ވި ކަމަކަށެވެ.

މާދަމާގެ ޖަލްސާގައި، ކްލެމެންސީ ބޯޑަށް، މަޖިލީހުން ތަމްސީލް ކުރާނެ މެމްބަރަކު އައްޔަން ކުރުމުގެ މައްސަލަ ވަނީ އެޖެންޑާކޮށްފަ އެވެ. އެނގިފައިވާ ގޮތުގައި އެ ބޯޑަށް އައްޔަން ކުރައްވަނީ އުނގޫފާރު ދާއިރާގެ ޕީޕީއެމްގެ މެމްބަރު ޖައުފަރު ދާއޫދެވެ. ކުރިން ކްލެމެންސީ ބޯޑުގައި މަޖިލިހުގެ ފަރާތުން ތަމްސީލް ކުރެއްވި ތުލުސްދޫ ދާއިރާގެ ޕީޕީއެމް މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) ވަކި ކުރަން މަޖިލީހުން ފާސް ކުރީ މިދިޔަ ހޯމަ ދުވަހު އެވެ. އަދި ރައީސް އަބްދުﷲ ޔާމީން މިއަދު ވަނީ ކްލެމެންސީ ބޯޑުން ވައްޑެ ވަކިކުރައްވައިފަ އެވެ.