Roadha Mihaaru
ރެއާލުން އެޓަލަންޓާ ބަލިކޮށް އުއްމީދު ބޮޑުކޮށްފި

ރެއާލުން އެޓަލަންޓާ ބަލިކޮށް އުއްމީދު ބޮޑުކޮށްފި

25 ފެބުރުއަރީ 2021

މިލާން (ފެބްރުއަރީ 25) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ފުރަތަމަ ލެގުގައި ރޭ ރަށުންބޭރުގައި އެޓަލަންޓާ އަތުން 1-0 އިން މޮޅުވެ ރެއާލް މެޑްރިޑް މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް ހޯދުމުގެ އުއްމީދު ބޮޑުކޮށްފި އެވެ.

މިލާން (ފެބްރުއަރީ 25) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ފުރަތަމަ ލެގުގައި ރޭ ރަށުންބޭރުގައި އެޓަލަންޓާ އަތުން 1-0 އިން މޮޅުވެ ރެއާލް މެޑްރިޑް މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް ހޯދުމުގެ އުއްމީދު ބޮޑުކޮށްފި އެވެ.

އަންނަ މަހު 16 ވަނަ ދުވަހުގެރޭ ރެއާލް ދަނޑުގައި ކުޅޭ ދެ ވަަނަ ލެގުގެ މެޗު އެއްވަރުކޮށްލައިގެން ވެސް ރެއާލަށް ކުއާޓާ ފައިނަލުގެ ޖާގަ ކަށަވަރުކުރެވޭނެ އެވެ.

އެޓަލަންޓާ އަށް ރޭގެ މެޗުގައި އެންމެ ބޮޑު ގޮންޖެހުމެއް ކުރިމަތިވީ މެޗުގެ ބޮޑުބައި ކުޅުންތެރިއަކު މަދުކޮށް ކުޅެން ޖެހުމެވެ. އެއީ މެޗުގެ 17 ވަނަ މިނިޓްގައި އެޓަލަންޓާގެ ރެމޯ ފްރެއޮލާ އަށް ރަތް ކާޑެއް ދެއްކުމުންނެވެ. ފްރެއޮލާ އަށް ރަތް ކާޑު ދެއްކީ ފާލަންޑް މެންޑީ އަށް ފައުލުކުރުމުންނެވެ.

އަނިޔާގެ ސަބަބުން ރެއާލުން މުހިއްމު ގިނަ ކުޅުންތެރިން ނުލައި ކުޅުނު ރޭގެ މެޗުގައި އެ ޓީމުގެ ކުރިއަށް ކުޅުނު އިސްކޯ އާއި މާކޯ އަސެންސިއޯ މެޗުގެ ކުރީކޮޅުގައި ލަނޑެއް ޖެހޭތޯ މަސައްކަތްކުރި ނަމަވެސް އެޓަލަންޓާ ކީޕަރު ޕިއެރްލުއީޖީ ގޮލީނީ ވަނީ އެ ހަމަލާތައް ހުއްޓުވައިފަ އެވެ.

މެޗު ނިމެން ހަތަރު މިނިޓަށް ވެފައި ވަނިކޮށް ރެއާލް މޮޅުކޮށްދިން ގޯލު ޖެހީ މެންޑީ އެވެ. މެންޑީ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ކަނަށެވެ.

ރެއާލްގެ ކޯޗު ޒިނެދިން ޒިދާން ބުނީ މެޗަށް ނުކުތްއިރު ވެސް މިއީ ފަސޭހަނުވާނެ މެޗެއްކަން އެނގޭ ކަމަށާއި މޮޅުވާން ޓީމެއްގެ ގޮތުގައި ރެއާލުން ކުރި މަސައްކަތް ފާހަގަކުރާކަމަށެވެ. މި މެޗުން މޮޅުވިޔަސް އަދި ކުއާޓާ ޔަގީންވީ ކަމަށް ގަބޫލުކުރެވެން ނެތް ކަމަށް ޒިދާން ބުންޏެވެ.

"ފޯކަސް ކުރަންވީ އަހަރެމެން ކުރި ރަނގަޅު މަސައްކަތަށް. އެކަން އަމިއްލަ ދަނޑުގައި ކުޅޭ މެޗުގައި ތަކުރާރު ކުރެވިއްޖެނަމަ އަނެއް ބުރުން އަހަރެމެންނަށް ފުރުސަތު ލިބޭނެ،" ޒިދާން ބުންޏެވެ.

އެޓަލަންޓާގެ ކޯޗު ޖިއަންޕިއޭރޯ ގަސްޕެރީނީ ބުނީ މެޗުގެ އެހާ ކުރީކޮޅުގައި ކުޅުންތެރިއަަކަށް ރަތް ކާޑު ދެއްކުމުން ވަރަށް އުނދަގޫވި ކަމަށާއި މިހާރު އޮތްގޮތުން ރެއާލް ދަނޑުގައި މޮޅުވުން ނޫން ގޮތެއް އޭނާގެ ޓީމަށް ނެތް ކަމަށެވެ.