Roadha Mihaaru
ޕީޕީއެމް އޮފީސް "ބަންދުކޮށް" ވެރިން ފުލުހަށް!

ޕީޕީއެމް އޮފީސް "ބަންދުކޮށް" އިދިކޮޅުގެ އިސް ބޭފުޅުން ފުލުހުންގެ ބެލުމުގެ ދަށަށް

26 ފެބުރުއަރީ 2021

ޕީޕީއެމް/ޕީއެންސީން މިއަދަށް ރޭވި މުޒާހަރާއާ ގުޅިގެން އެ ޕާޓީގެ ލީޑަޝިޕްގެ ގިނަ ބަޔަކު މުޒާހަރާގެ ތެރެއިން ފުލުހުންގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ޕީޕީއެމްގެ އޮފީސް ބަންދުވާ ގޮތަށް ފުލުހުންގެ ސަފުތައް އަތުރައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ޕީޕީއެމް/ޕީއެންސީން މިއަދަށް ރޭވި މުޒާހަރާއާ ގުޅިގެން އެ ޕާޓީގެ ލީޑަޝިޕްގެ ގިނަ ބަޔަކު މުޒާހަރާގެ ތެރެއިން ފުލުހުންގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ޕީޕީއެމްގެ އޮފީސް ބަންދުވާ ގޮތަށް ފުލުހުންގެ ސަފުތައް އަތުރައިފި އެވެ.

އިދިކޮޅު ފަރާތްތަކުން މިއަދު މުޒާހަރާކުރަން ނިންމާފައި ވަނިކޮށް ހޯމް މިނިސްޓްރީ އާއި ފުލުހުން ވަނީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި މުޒާހަރާކުރާ ނަމަ އެ އެއްވުން ހުއްޓުވާނެ ކަމަށް ބުނެ ކުރިން އިންޒާރު ދީފަ އެވެ. އެ އިންޒާރަށް ފަހު ގިނަ އަދަދެއްގެ ފުލުހުން ރަޔަޓު ގިޔަރުގައި ޕީޕީއެމް އޮފީސް ކައިރީ އާއި އެ ސަރަހައްދުގެ ގޯޅިތަކާއި މަގުތަކުގައި ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި މަގުމަތީގައި މަޑުކޮށްގެން ތިބި އެންމެން ދުރަށް ޖައްސައި އެ ސަރަހައްދުން ފޮނުވާލުމުގެ މަސައްކަތް ފުލުހުން ދިޔައީ ކުރަމުންނެވެ.

މުޒާހަރާ ބޭއްވިޔަ ނުދިނުމަށް ފުލުހުން ވަނީ މުޒާހަރާ ފެށުމުގެ ކުރިން އެ ޕާޓީ އޮފީސް ކައިރިން ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލް އާއި ޑީއާރްޕީގެ ކުރީގެ ލީޑަރު ކާނަލް މުހައްމަދު ނަޝީދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. ގުރައިދޫ ދާއިރާގެ ގައްސާން މައުމޫން ވެސް ފަހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. އަދި މަޖީދީމަގުގައި ހުންނަވަނިކޮށް ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ.

ފުލުހުން ބުނީ މުޒާހަރާ ތެރެއިން 28 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

އިދިކޮޅު މުޒާހަރާ ހުއްޓުވަން ފުލުހުން މަގު ބަންދުކޮށްގެން.

އިދިކޮޅު މުޒާހަރާ ހުއްޓުވަން ފުލުހުން މަގު ބަންދުކޮށްގެން.

ސަރުކާރާއި ފުލުހުންގެ އިންޒާރަށް ބެލުމެއް ނެތި މަގުމައްޗަށް ނުކުމެ މުޒާހަރާ ކުރުމަށް ޕީޕީއެމް އޮފީހުން ގޮވާލަމުން ދިޔައިރު އެ ޕާޓީގެ ގިނަ މެންބަރުން، "މަގޭ ފްލެޓް ކޮބައިހޭ" ޖަހާފައިވާ ޓީޝާޓު ލައިގެން، ގައުމީ ދިދަ ހިފައިގެން މަގުމައްޗަށް ނުކުމެ މުޒާހަރާ ކުރަން ފެށި އެވެ. އެއާއެކު ގިނަ އަދަދެއްގެ ފުލުހުން ޕީޕީއެމް އޮފީސް ދޮރުމައްޗަށް ގޮސް އެއްވެސް މީހަކަށް ނުނިކުމެވޭ ގޮތަަށް ސަފެއް ހަދައި އެ އޮފީސް "ބަންދު" ކޮށްލި އެވެ.

ގުރައިދޫ ދާއިރާގެ މެންބަރު ގައްސާން މައުމޫންނާ އެކު ޕީޕީއެމް ސަޕޯޓަރުންތަކެއް ފުލުހުންގެ ބެލުމުގެ ދަށުގައި.

ގުރައިދޫ ދާއިރާގެ މެންބަރު ގައްސާން މައުމޫންނާ އެކު ޕީޕީއެމް ސަޕޯޓަރުންތަކެއް ފުލުހުންގެ ބެލުމުގެ ދަށުގައި.

މިއީ މި ސަރުކާރު އައި ފަހުން މިހާ ހަރުކަށި ގޮތަކަށް ފުލުހުން އެއްވުން ހުއްޓުވަން މަސައްކަތް ކުރި ފުރަތަމަ ފަހަރެވެ.

ފުލުހުން ވަނީ ބޮޑުތަކުރުފާނު މަގުގެ ދެ ފަރާތުން ބެރިކޭޑް ޖަހައި މާލެ ތެރެއަށް ޕީޕީއެމްގެ ސަޕޯޓަރުން ދިޔަ ނުދޭން މަސައްކަތްކޮށްފަ އެވެ. ނަމަވެސް ފުލުހުންގެ ސަފުތަކުން ނެއްޓިގެން ގިނަ އަދަދެއްގެ މީހުން ވަނީ މަޖީދީމަގާއި އެހެން މަގުތަކަށް ނުކުމެ މުޒާހަރާކުރަން ފަށައިފަ އެވެ.

މިއަދުގެ މުޒާހަރާ ތެރެއިން ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަނީ.

މިއަދުގެ މުޒާހަރާ ތެރެއިން ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަނީ.

އެ މުޒާހަރާގެ ތެރެއިން ވެސް ޕީޕީއެމް/ޕީއެންސީގެ އިސް އެތައް ބަޔަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް މުޒާހަރާގެ ބައިވެރިންގެ ތެރެއިން ފުލުހުން ގެންދިޔަ ހަރުކަށި ގޮތުން އަނިޔާވެފައިވާ ފޮޓޯތަކެއް ވެސް އާންމުކޮށްފައިވެ އެވެ.

ކޮވިޑްގެ ހާލަތު ދުވަހަކު ވެސް ނުވާ ވަރަށް ގޯސްވެފައި ވަނިކޮށް އެޗްޕީއޭގެ ގައިޑްލައިންތަކާ ހިލާފަށް މުޒާހަރާ ކުރާ މައްސަލާގައި އިލެކްޝަންސް ކޮމިޝަނުން ވެސް ވަނީ އިދިކޮޅު ޕާޓީތަކަށް އިންޒާރު ދީފަ އެވެ. އަދި ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް ވަނީ މި ދުވަސްވަރު މުޒާހަރާކުރާތީ ކަންބޮޑުވުން ފާޅުކޮށް ބަޔާން ނެރެފަ އެވެ. އިދިކޮޅުން ބުނަނީ މުޒާހަރާތައް ހުއްޓުވަނީ ސަރުކާރުގެ ނާގާބިލްކަން ހާމަވާތީ، އިދިކޮޅުގެ އަޑު ކަނޑުވާލަން ކަމަށެވެ.