Roadha Mihaaru
ރެޑް ވޭވް ކެފޭ ހުޅުވުމުގެ މުއްދަތު އިތުރުކޮށްދީފި

ރެޑް ވޭވް ކެފޭ ހުޅުވުމުގެ މުއްދަތު އިތުރުކޮށްދީފި

10 ނޮވެމްބަރ 2016

ރައްޔިތުންގެ މަޖިލިހުގެ އޭދަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް، ޕީޕީއެމްގެ މުސްތަޝާރު އަދި ރައީސް އަބްދުﷲ ޔާމީނާ އަލުން ގުޅިވަޑައިގަތުމާއެކު، ސަލީމަށް ހުޅުމާލެއިން ދޫކޮށްފައިވާ ކެފޭ ހުޅުވުމަށް ދިން މުއްދަތު މިއަދު އިތުރުކޮށްދީފި އެވެ.

ރައްޔިތުންގެ މަޖިލިހުގެ އޭދަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް، ޕީޕީއެމްގެ މުސްތަޝާރު އަދި ރައީސް އަބްދުﷲ ޔާމީނާ އަލުން ގުޅިވަޑައިގަތުމާއެކު، ސަލީމަށް ހުޅުމާލެއިން ދޫކޮށްފައިވާ ކެފޭ ހުޅުވުމަށް ދިން މުއްދަތު މިއަދު އިތުރުކޮށްދީފި އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި ސަލީމްގެ ކުންފުންޏަށް ހުޅުމާލެއިން ދޫކޮށްފައިވާ އިމާރާތުގައި ހަދާފައިވާ ރެޑް ވޭވް ފިހާރައާއެކު ހުޅުވަން ޖެހޭ ކެފޭ ހުޅުވުމުގެ މުއްދަތު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިތުރުކޮށްދިނީ މި މަހުގެ 25ގެ ނިޔަލަށެވެ. މުއްދަތު އިތުރުކޮށްދިނުމަށް ސަލީމް އެދިވަޑައިގަތީ އިއްޔެ ކަމަށްވެ އެވެ.

ކުރިން އެޗްޑީސީން ސަލީމަށް އަންގާފައި އޮތީ މި މަހުގެ ނުވަ ވަނަ ދުވަހުގެ ކުރިން ކެފޭ ހުޅުވުމަށާއި އެ ތާރީހުގެ ކުރިން އެކަން ނުކޮށްފި ނަމަ، ފިޔަވަޅު އަޅާނެ ކަމަށެވެ. އޭގެ ތެރޭގައި ހުޅުމާލޭގެ ރެޑް ވޭވް ފިހާރަ އާއި ކެފޭ އަދި ގުދަނުގެ އެއްބަސްވުން ބާތިލްކުރުން ހިމެނެ އެވެ.

ނަމަވެސް ކެފޭ އަށް ހެލްތު މިނިސްޓްރީގެ ހުއްދަ މިދިޔަ އަންގާރަދުވަހު ނުލިބުމާއެކު، ސަލީމް ވަނީ ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ކުރެއްވި ތާއީދު އަނބުރާ ގެންދަވައި ރައީސް ޔާމީންގެ ފަހަތަށް އަރާވަޑައިގެންފަ އެވެ. ސަލީމްގެ މި ނިންމެވުމާއެކު، ކެފޭ ހުޅުވުމަށް އޭނާއަށް ސިޔާސީ ގޮތުން ކުރިމަތިވެވަޑައިގެންނެވި ދަތިތައް ހައްލުވާނެ ކަމަށް ގިނަ ބަޔަކު އައީ އުންމީދު ކުރަމުންނެވެ.

ހުޅުމާލޭގައި ރެޑްވޭވުން ހެދި ފިހާރަ ހުޅުވައިދެއްވުމަށް ފަހު ސަލީމް އިކޮނޮމިކް މިނިސްޓަރު ސައީދުއާ ސަލާމްކުރައްވާއިރު އެޗްޑީސީގެ އެމްޑީ ސައިމަން އާއި ޝުޖާއު ފަހަތުގައި.--- ފޮޓޯ: އެޗްޑީސީ

ހުޅުމާލޭގައި ރެޑްވޭވުން ހެދި ފިހާރަ ހުޅުވައިދެއްވުމަށް ފަހު ސަލީމް އިކޮނޮމިކް މިނިސްޓަރު ސައީދުއާ ސަލާމްކުރައްވާއިރު އެޗްޑީސީގެ އެމްޑީ ސައިމަން އާއި ޝުޖާއު ފަހަތުގައި.--- ފޮޓޯ: އެޗްޑީސީ

ހުޅުމާލޭގެ ވަގުތީ މިސްކިތް ކައިރީގައި ހަދާފައިވާ އިމާރާތުގެ ދެވަނަ ބުރީގައި ހަދާފައިވާ ކެފޭއަށް ހެލްތު މިނިސްޓްރީގެ ހުއްދަ ލިބުނު ކަމެއް އަދި ނޭނގެ އެވެ. އެ އިމާރާތުގެ ތިރީބުރި ސަލީމްގެ ކުންފުންޏަށް ވަނީ ފިހާރަ ހަދަން ދޫކޮށްފަ އެވެ. އެ ތަނުގައި މިދިޔަ ރޯދަމަހާ ދިމާކޮށް ރެޑް ވޭވް ފިހާރަ ވަނީ ހުޅުވައިފަ އެވެ.

ދެފަޅިވެފައިވާ ޕީޕިއެމްގެ މުސްތަޝާރު ރައީސް ޔާމީންގެ ފެކްޝަނާ އަލުން ގުޅިވަޑައިގަތުމުގެ ކުރިން، ސަލީމް މީޑިއާގައި ވެސް ވިދާޅުވަމުން ގެންދެވީ، އޭނާގެ ކެފޭ އަށް ހެލްތު މިނިސްޓްރީގެ ހުއްދަ ނުލިބުނީ ސިޔާސީ ސަބަބުތަކާ ހެދި ކަމަށެވެ. އަދި އެންމެ ފަހު ވަގުތު ވެސް ސަލީމް ވަނީ ސަރުކާރުގެ އެ ނިންމުމަށް ހާއްސަކޮށް ހެލްތު މިނިސްޓްރީގެ ސިޔާސަތަށް މީޑިއާގައި ފާޑުވިދާޅުވެފަ އެވެ.

ސަލީމް ވިދާޅުވެފައިވާ ގޮތުގައި، މި މަހުގެ ނުވައެއްގެ ކުރިން ކެފޭ ހުޅުވުމަށް، މި މަހުގެ ދެވަނަ ދުވަހު އެޗްޑީސީން ދިން ނޯޓިސްއާ ގުޅިގެން ކެފޭގެ މަސައްކަތް އެ ތާރީހުގެ ކުރިން ނިންމި އެވެ. އެކަމަކު އެޗްޑީސީންނާއި އިކޮނޮމިކް މިނިސްޓްރީގެ ހުއްދަ ލިބުނީ ވަރަށް އުނދަގުލުން، އަދި ސިޔާސީ ބޭފުޅުންނަށް "އާދޭސް" ކުރައްވައިގެން ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ސަލީމަށް އެންމެ ފަހު ވަގުތު ތާށިވީ ހެލްތު މިނިސްޓްރީގެ ހުއްދަ އެވެ. ހެލްތު މިނިސްޓްރީގެ މުވައްޒަފުން މިދިޔަ އަންގާރަދުވަހު ކެފޭ އިންސްޕެކްޓް ކުރުމަށް ފަހު، ހުއްދަ ދިނުމަށް ނިންމައި އެ ދުވަހު ލިޔުން ވެސް ތައްޔާރު ކުރި ކަމަށް ސަލީމް ވަނީ ވިދާޅުވި އެވެ. ނަމަވެސް ހެލްތު މިނިސްޓްރީގެ ކަމާއި ބެހޭ އިސްވެރިއެއްގެ އަރިހަށް ހުއްދައިގެ ލިޔުމުގައި ސޮއިކުރައްވަން ގެންދިޔަ ހިސާބުން، ހުއްދަ ހިފެހެއްޓީ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

ރައީސް ޔާމީނާ އަލުން ގުޅިވަޑައިގަތްކަން ނޫސްވެރިންގެ ކުރިމަތީގައި އިއްޔެ އިއުލާން ކުރައްވަމުން ސަލީމް ވަނީ ވާހަކަ އަނެއްކޮޅަށް ބަދަލުކުރައްވައި، ރައީސް ޔާމީނަށް ތާއީދު ކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ މައުމޫނަށް ތާއީދުކުރަން ނިންމި ނިންމުން އޭދަފުށީ ރައްޔިތުން ގަބޫލެއް ނުކުރާ ކަމަށެވެ. އަދި ރައްޔިތުންގެ 90 ޕަސެންޓްގެ އެދުމަކީ ރައީސް ޔާމީނާއެކު މަސައްކަތްކުރުން ކަމަށް ވެސް ސަލީމް ވިދާޅުވި އެވެ.

ރައީސް ޔާމީނާ އަލުން ގުޅިވަޑައިގެންނެވިކަން ސަލީމާއި ޝުޖާއު، ޓޫރިޒަމް މިނިސްޓަރު އަދި ޕީޕީއެމްގެ ނައިބު ރައީސް ޒަމީރާއި ފިނޭންސް މިނިސްޓަރު މުނައްވަރުގެ ހާޒިރުގައި ނޫސްވެރިންނަށް އިއްޔެ އިއުލާން ކުރައްވަނީ.---ފޮޓޯ: އަބްދުﷲ ޖަމީލް

ރައީސް ޔާމީނާ އަލުން ގުޅިވަޑައިގެންނެވިކަން ސަލީމާއި ޝުޖާއު، ޓޫރިޒަމް މިނިސްޓަރު އަދި ޕީޕީއެމްގެ ނައިބު ރައީސް ޒަމީރާއި ފިނޭންސް މިނިސްޓަރު މުނައްވަރުގެ ހާޒިރުގައި ނޫސްވެރިންނަށް އިއްޔެ އިއުލާން ކުރައްވަނީ.---ފޮޓޯ: އަބްދުﷲ ޖަމީލް

އޭނާ ވިދާޅުވީ "ރައީސް ޔާމީނާ އަޅުގަނޑުމެންނާ އެއްއިރެއްގައި ވެސް ދެކޮޅެއް ނޫން" ކަމަށެވެ. އަދި ހިޔާލު ތަފާތުވުމަކީ އިންސާނުންގެ ތެރޭގައި އޮންނާނެ ކަމެއް ކަމަށާއި އެގޮތުން ކުރިން ނިންމީ އެފަދަ ނިންމި ނިންމުމެއް ކަމަށް ވެސް ސަލީމް ވިދާޅުވި އެވެ.

"މިހާރު އެ ހިޔާލުތަފާތުވުންތައް ގާތްގަނޑަކަށް އޮތީ ނިމިފައި،" އޭނާ ވިދާޅުވި އެވެ.

ސަލީމް މީގެ ކުރިން ވިދާޅުވެފައި ވަނީ އޭނާގެ ގެދޮރާއި މުޅި މުދާ އެއްކޮށް ސަރުކާރަށް ނެގިޔަސް އިސްލާހަށް ކުރާ މަސައްކަތް ހުއްޓާ ނުލައްވާނެ ކަމަށެވެ.

ސަލީމާއެކު، ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވެސް އިއްޔެ ވަނީ ރައީސް ޔާމީންގެ ފެކްޝަނާ އަލުން ގުޅިވަޑައިގެންފަ އެވެ. ޝުޖާއު އަކީ ސަލީމްގެ ވިޔަފާރީގައި އިސްކޮށް ހަރަކާތްތެރިވާ މުވައްޒަފެކެވެ.