Roadha Mihaaru
ދުވާރުމަތިން ގޮނޑި މޭޒު ނަގަން ފަހުގެ އެންގުން!

ހުޅުމާލޭގެ ޕޭވްމަންޓުމަތިން ގޮނޑި، މޭޒު ނަގަން ފަހުގެ މުއްދަތު ދީފި

01 އޯގަސްޓް 2024

ހުޅުމާލެ މަގުތަކުގެ ޕޭވްމަންޓް މަތީގައި ގޮނޑި މޭޒު ބަހައްޓައިގެން ކެފޭތަކުން ހިދުމަތް ނުދޭން އެންގުމުން ވެސް އެކަން ކުރަމުން ދާތީ، ފަހުގެ އެންގުން އެޗްޑީސީން މިއަދު އަންގައިފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ހުޅުމާލެ މަގުތަކުގެ ޕޭވްމަންޓް މަތީގައި ގޮނޑި މޭޒު ބަހައްޓައިގެން ކެފޭތަކުން ހިދުމަތް ނުދޭން އެންގުމުން ވެސް އެކަން ކުރަމުން ދާތީ، ފަހުގެ އެންގުން އެޗްޑީސީން މިއަދު އަންގައިފި އެވެ.

ޕޭވްމަންޓާއި ހެޖް ތެރޭގައި މޭޒާއި ގޮނޑި ބަހައްޓައިގެން ވިޔަފާރި ކުރާތީ އެކަން ހުއްޓާލައި، އެ ތަކެތި ނަގަން އެޗްޑީސީން އެންގީ މިދިޔަ މަހުގެ 23 ގަ އެވެ.

ނަމަވެސް، އެ ކުންފުނިން މިއަދު ބުނީ އެ އިއުލާނަށް އެއްބާރުލުން ނުލިބުނު ކަމަށާއި އެހެންވެ, ގޮނޑި މޭޒު ނަގަން ޖެހޭ އެންމެ ފަހު މުއްދަތަކީ މި މަހުގެ 10 ވަނަ ދުވަސް ކަމަށެވެ.

އެ މުއްދަތަށް އެ ތަކެތި ނުނަގައިފި ނަމަ އެޗްޑީސީން އެ ތަކެތި ނަގައި ސާފު ކުރާނެ ކަމަށާއި އެ ކަމުގައި މުދަލަށް ލިބޭ ގެއްލުމަށް ޒިންމާ ނުވާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މިގޮތަށް ގޮނޑި މޭޒު ބަހައްޓައިގެން ކެފޭ ހިދުމަތް ދޭތީ އެކި ގޮތްގޮތުން އާންމުންނަށް ދަތިވާ ކަމަށާއި އެގޮތުން ސުކޫލުތައް ހުންނަ ސަރަހައްދުތަކުގެ ޕޭވްމަންޓް މަތީގައި ތިބެގެން ދުންފަތުގެ އިސްތިއުމާލު ކުރުމާއި ޕޭވްމަންޓްތަކުގައި ކެފޭ ހިދުމަތް ދޭތީ، ހިނގާ އުޅޭ ފަރާތްތަކަށް ވެސް ދަތިވާ ކަމަށް އެޗްޑީސީން މީގެ ކުރިން ބުނެފައިވެ އެވެ.