Roadha Mihaaru
ރެޑްވޭވް ކެފޭއަށް ހެލްތުން ހުއްދައެއް ނުދިން: ސަލީމް

ރެޑް ވޭވް ކެފޭއަށް ހެލްތުން ހުއްދަ ނުލިބުމާއެކު، ފިހާރަ ބަންދުކުރުމުގެ ބިރު ބޮޑުވެއްޖެ: ސަލީމް

08 ނޮވެމްބަރ 2016

ހުޅުމާލޭގައި ހިންގާ ރެޑް ވޭވް ފިހާރައިގެ ކެފޭ ހުޅުވަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެންމެ ފަހުން ދިން މުއްދަތު މިރޭ 12:00 އަށް ހަމަވާއިރު، ހެލްތު މިނިސްޓްރީގެ ހުއްދަ ހިފެހެއްޓުމާ ގުޅިގެން، އެ ކެފޭގެ އިތުރުން ހުޅުމާލޭ ރެޑް ވޭވް ފިހާރައިގެ އެއްބަސްވުން ވެސް އެޗްޑީސީން ބާތިލް ކުރުމުގެ ބިރު ބޮޑުވެއްޖެ އެވެ.

ހުޅުމާލޭގައި ހިންގާ ރެޑް ވޭވް ފިހާރައިގެ ކެފޭ ހުޅުވަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެންމެ ފަހުން ދިން މުއްދަތު މިރޭ 12:00 އަށް ހަމަވާއިރު، ހެލްތު މިނިސްޓްރީގެ ހުއްދަ ހިފެހެއްޓުމާ ގުޅިގެން، އެ ކެފޭގެ އިތުރުން ހުޅުމާލޭ ރެޑް ވޭވް ފިހާރައިގެ އެއްބަސްވުން ވެސް އެޗްޑީސީން ބާތިލް ކުރުމުގެ ބިރު ބޮޑުވެއްޖެ އެވެ.

އެޗްޑީސީން ކުރިން ބުނެފައި ވަނީ ހުޅުމާލޭގައި ރެޑްވޭވް އަށް ފިހާރައާއެކު ކެފޭއެއް ހުޅުވަން ދިން މުއްދަތު އޮތީ މިދިޔަ ޖޫން 16ގައި ހަމަވެފައި ކަމަށެވެ. އަދި ފަހުން އިތުރުކޮށްދިން މުއްދަތު މާދަމާ ހަމަވާނެ ކަން އަންގައި އެޗްޑީސީން އޮތީ ރެޑް ވޭވް އަށް ސިޓީ ފޮނުވައިފަ އެވެ. އެޗްޑީސީން ބުނެފައި ވަނީ އެ މުއްދަތު ހަމަވާއިރު ކެފޭ ނުހުޅުވާ ނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ.

މި މައްސަލާގައި ރެޑް ވޭވް ފިހާރައިގެ ވެރިޔާ އަދި އޭދަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑް ވޭވް ސަލީމް) މިރޭ "މިހާރު" އަށް ވިދާޅުވީ ކެފޭގެ ހުރިހާ މަސައްކަތެއް ނިންމުމަށް ފަހު، އެޗްޑީސީން ހޯދަން ޖެހޭ ހުއްދަތައް މިދިޔަ އާދިއްތަ ދުވަހު ލިބިފައިވާ ކަމަށެވެ.

ސަލީމް ފާހަގަކުރެއްވި ގޮތުގައި އެޗްޑީސީގެ ލިޔުން ހޯދަން އާދިއްތަދުވަހު ހެނދުނު 8:00 ގައި އެ ކުންފުނީގެ ހެޑް އޮފީހަށް އޭނާ ވަޑައިގެންނެވި ނަމަވެސް، ތަފާތު ދަތިތަކާއެކު ހުއްދަ ލިބުނީ ހަވީރު 3:30ގެ ފަހުންނެވެ. އަދި އިއްޔެ އިކޮނޮމިކް މިނިސްޓްރީގެ ހުއްދަ ވެސް ލިބުނީ އެތައް ބަޔަކަށް "އާދޭސްކޮށްގެން"، މެންދުރު ދޭއް ޖެހިއިރު ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ފަހުން މީރާގައި ޖީއެސްޓީއަށް ރަޖިސްޓަރީ ކުރެވޭވަރުވީ އިއްޔެ ކަމަށް ސަލީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކެފޭ އަށް ހެލްތު މިނިސްޓްރީގެ ހުއްދަ ދިނުމަށްޓަކައި އެ މިނިސްޓްރީގެ ކަމާއި ބެހޭ މުވައްޒަފުން ވެސް މިއަދު ކެފޭއަށް ގޮސް ޗެކް ކުރި ކަމަށެވެ. އަދި އެއީ ހުޅުވޭ ފެންވަރަށް ހުރި ތަނެއް ކަމަށް ނިންމައި މިނިސްޓްރީގެ ކަމާ ބެހޭ ވެރިންނަށް ރިޕޯޓް ދިން ކަން ވެސް އެނގިވަޑައިގެންފައިވާ ކަމަށް ސަލީމް ވިދާޅުވި އެވެ.

"ވެރިމީހާއާ ހަމައަށް މި ހުއްދައިގައި ސޮއިކުރަން ދިޔައީމާ ހިފެހެއްޓި ކަމަށް ވަނީ. ވެރިމީހާއާ މިއަދު އަޅުގަނޑުމެންނަށް ބައްދަލުކުރެވޭނެ ގޮތެއް ނުވި. ކެފޭގެ ހުއްދައިގެ ލިޔުން ވެސް އަޅުގަނޑުމެން ދުށިން. އެކަމަކު އެ ލިޔުމުގައި ވެރިމީހާ ލައްވައި ސޮއިކުރުވަން ދިޔަ ހިސާބުން މި ހިފެހެއްޓީ. އޭރު މިއަދު މެންދުރު ދޭއް ޖަހައިފި. ދެން ކުރެވޭނެ އިތުރު ކަމެއް ނެތް،" ދެފަޅިވެފައިވާ ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ފެކްޝަންގައި ހިމެނޭ ސަލީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކެފޭ ވަނީ މިރޭ ވެސް ހުޅުވޭ ވަރަށް ތައްޔާރު ކޮށްފަ އެވެ.

ސަލީމް ވިދާޅުވީ ހެލްތު މިނިސްޓްރީގެ ހުއްދަ ކެފޭއަށް ނުދިން މައްސަލަ އަދި ކެފޭ ހުޅުވުމުގެ އެއްބަސްވުން އިތުރު ކުރުމުގައި އެޗްޑީސީން "އޮޅުވާލި" މައްސަލަ ކޯޓަށް ހުށަހަޅުއްވާނެ ކަމަށެވެ.

އެޗްޑީސީން ކަނޑައަޅާފައިވާ ތާރީހު ކަމަށްވާ މާދަމާ ކެފޭ ނުހުޅުވައިފި ނަމަ، ހުޅުމާލޭގެ ރެޑް ވޭވް ފިހާރަ އަދި ދޫކޮށްފައިވާ ގުދަނުގެ އެއްބަސްވުން ބާތިލްވާނެ ކަމަށް އެ ކުންފުނިން އަންގާފައިވާ ކަމަށް ސަލީމް ވިދާޅުވި އެވެ.

ސަލީމް ދެކެވަޑައިގަންނަވާ ގޮތުގައި އޭނާގެ ވިޔަފާރިއަށް ދަތިވާ ގޮތަށް ސަރުކާރުގެ އިދާރާތަކުން ފިޔަވަޅު އަޅަނީ، ސިޔާސީ ގޮތުން ރައީސް އަބްދުﷲ ޔާމީނާ ހިޔާލު ތަފާތުވާތީ އެވެ.

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގައި ސަލީމް ބައިވެރިވެވަޑައިގަންނަވަނީ: ހުޅުމާލޭގައި އޭނާ ހުޅުވަން ނިންމާފައިވާ ކެފޭ އަށް ހުއްދަ ނުލިބުނީ ސިޔާސީ ކަންކަމާ ގުޅިގެން ކަމަށް ވިދާޅުވި.---ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގައި ސަލީމް ބައިވެރިވެވަޑައިގަންނަވަނީ: ހުޅުމާލޭގައި އޭނާ ހުޅުވަން ނިންމާފައިވާ ކެފޭ އަށް ހުއްދަ ނުލިބުނީ ސިޔާސީ ކަންކަމާ ގުޅިގެން ކަމަށް ވިދާޅުވި.---ފޮޓޯ: މަޖިލިސް

"މިއީ ސިޔާސީ ހިސާބަކަށް ދާންޖެހޭ ކަމެއް ނޫން. މިއީ ސިވިލް ސާވިސް މުވައްޒަފުންނާ ހިސާބުން ލިބެންޖެހޭ ހުއްދައެއް. އެއްވެސް މީހަކަށް ހުއްޓުވިގެން ނުވާނެ. ހުއްދަ ހިފަހައްޓާ ނަމަ އެކަން ކުރެވޭނީ، އެތަނެއްގެ ޝަރުތު ހަމަނުވެ ނޫނީ ކަންކަން ނުކުރެވި ހުރުމުން. އެކަމަކު އަޅުގަނޑުމެންގެ ކެފޭގެ ހުރިހާ ކަމެއް އެވަނީ ނިމިފައި. އިންސްޕެކްޓް ކުރަން ދިޔަ ކުދިން ވެސް އެބަބުނޭ ކެފޭގައި އެއްވެސް މައްސަލައެއް ނެތޭ،" ސަލީމް ވިދާޅުވި އެވެ.

"އިންސްޕެކްޓް ކުރަން ދިޔަ ކުދިން އެބަ ބުނޭ މިއީ އާދަޔާ ހިލާފަށް ދިޔަ ކަމެކޭ. މިގޮތަށް އަވަސް ކުރަން ދިޔައީމާ މީގެ ކުރިން ވެސް އަވަސް ކޮށްދީފައި ހުންނާނެ ކަމަށް އެ ކުދިން ބުނޭ."

މި މައްސަލާގައި ހެލްތު މިނިސްޓްރީގެ ބަހެއް މިރޭ ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

ހުޅުމާލޭގެ ރެޑް ވޭވް ފިހާރައާ އެކު ހުޅުވަން ޖެހޭ ކެފޭ އަށް ހެލްތު މިނިސްޓްރީގެ ހުއްދަ ނުލިބުނުއިރު، މައުމޫންގެ ފެކްޝަނާ ދާދި ފަހުން ގުޅުނު، ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީގެ ކުންފުންޏަށް ސަރުކާރުން ދިން ޕްރޮޖެކްޓެއްގެ މަސައްކަތް ހުއްޓާލުމަށް ހެލްތު މިނިސްޓްރީން އިއްޔެ ވަނީ އަންގައިފަ އެވެ. ހިންނަވަރު ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ މަސައްކަތް ހުއްޓާލަން ސްވިފްޓް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑަށް އެންގި ސީދާ ސަބަބެއް ހެލްތުން ނުބުނެ އެވެ. އެކަމަކު އެ ސިޓީގައި ބުނެފައި ވަނީ ހިންނަވަރު ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ މަސައްކަތް މިވަގުތަށް ހުއްޓާލަން ފިނޭންސް މިނިސްޓްރީން އަންގާފައިވާ ކަމަށެވެ

ޕީޕީއެމްގެ ރައީސް މައުމޫންގެ ފެކްޝަނުން މިދިޔަ މަހުގެ 27 ވަނަ ދުވަހު ބޭއްވި ނިއުސް ކޮންފަރެންސްގައި، އެމަނިކުފާނާ ގުޅުނުކަން އިއުލާން ކުރެއްވި މެމްބަރުން: މި މެމްބަރުންގެ ތެރެއިން ރެޑް ވޭވް ސަލީމާއި ސައުދުﷲ ގެ ވިޔަފާރިއަށް ވަނީ ދަތިތަކާ މިހާރު ކުރިމަތިވެފައި.---ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު

ޕީޕީއެމްގެ ރައީސް މައުމޫންގެ ފެކްޝަނުން މިދިޔަ މަހުގެ 27 ވަނަ ދުވަހު ބޭއްވި ނިއުސް ކޮންފަރެންސްގައި، އެމަނިކުފާނާ ގުޅުނުކަން އިއުލާން ކުރެއްވި މެމްބަރުން: މި މެމްބަރުންގެ ތެރެއިން ރެޑް ވޭވް ސަލީމާއި ސައުދުﷲ ގެ ވިޔަފާރިއަށް ވަނީ ދަތިތަކާ މިހާރު ކުރިމަތިވެފައި.---ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު

ސައުދުﷲގެ ގާތް މީހަކު ބުނިގޮތުގައި، ސްވިފްޓް އިންޖިނިއަރިންއާ ހަވާލުކޮށްފައިވާ، ސަރުކާރުގެ އެހެން ބައެއް ޕްރޮޖެކްޓްތައް ވެސް ހުއްޓުވާނެ ކަމުގެ އިޝާރާތެއް ވަނީ ލިބިފަ އެވެ. އަދި ހިންނަވަރު ސިއްހީ މަރުކަޒުގެ މަސައްކަތް ހުއްޓާލަން އެންގީ، މައުމޫންގެ ފެކްޝަނާ ސައުދުﷲ ގުޅިވަޑައިގަތުމުން އައި "ސިޔާސީ އިންޒާރުތަކަށް" ފަހު ކަމަށް ވެސް ސައުދުﷲގެ ގާތް މީހާ ބުންޏެވެ.