Roadha Mihaaru
"ޓިކެޓް ޓު ޕެރަޑައިސް" ގައި ކްލޫނީ އާއި ޖޫލިއާ

"ޓިކެޓް ޓު ޕެރަޑައިސް" ގައި ޖޯޖް ކްލޫނީ އާއި ޖޫލިއާ ރޮބަޓްސް

01 މާޗް 2021

ހޮލީވުޑްގެ އެންމެ މަޝްހޫރު ތަރިންގެ ތެރޭގައި ހިމެނޭ ޖޯޖް ކްލޫނީ އާއި ޖޫލިއާ ރޮބަޓްސް "ޓިކެޓް ޓު ޕެރަޑައިސް" ކިޔާ ފިލްމަކަށް ސޮއިކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ހޮލީވުޑްގެ އެންމެ މަޝްހޫރު ތަރިންގެ ތެރޭގައި ހިމެނޭ ޖޯޖް ކްލޫނީ އާއި ޖޫލިއާ ރޮބަޓްސް "ޓިކެޓް ޓު ޕެރަޑައިސް" ކިޔާ ފިލްމަކަށް ސޮއިކޮށްފި އެވެ.

ކުރިން ވެސް އެކީގައި ފިލްމުތަކެއް ކުޅެފައިވާ ދެ ތަރިންގެ އާ ފިލްމަކީ ޔުނިވާސަލް ޕިކްޗާޒް އާއި ވޯކިން ޓައިޓްލް ގުޅިގެން ހަދާ ރޮމޭންޓިކް ކޮމެޑީއެކެވެ. "ޓިކެޓް ޓު ޕެރަޑައިސް" ގައި ކިޔައިދޭނީ 25 އަހަރުވީ ކައިވެނި ރޫޅިފައިވާ ކްލޫނީ އާއި ޖޫލިއާ އެ މީހުންގެ އަންހެން ދަރިފުޅުގެ ކައިވެނި ސަލާމަތްކުރަން ބާލީ އަށް ކުރާ ދަތުރެއްގެ ތެރޭގައި ދިމާވާ މަޖާ ހާދިސާތަކެކެވެ.

ފިލްމުގެ ސްކްރީންޕްލޭ ލިޔެފައި ވަނީ "ހިޑެން ފިގާޒް" ލިޔުނު ޓެޑް މެލްފީ އެވެ.

މި އަހަރުގެ ފަހުކޮޅު ޝޫޓިން ފަށަން ހަމަޖެހިފައިވާ ފިލްމުގެ ޑައިރެކްޓަރަކީ ބެލުންތެރިންގެ މެދުގައި ވަރަށް މަގުބޫލުވި ފިލްމެއް ކަމަށްވާ 2011 ގެ "ދަ ބެސްޓް އެކްޒޯޓިކް މޭރީގޯލްޑް ހޮޓެލް" ގެނެސްދިން އޮލިވާ ޕާކާ އެވެ. "އިމޭޖިން މީ އެންޑް ޔޫ" އާއި "ނައު އިޒް ގުޑް" ވެސް ގެނެސްދިން ޑައިރެކްޓަރު އެންމެ ފަހުން ގެނެސްދިން ފިލްމަކީ 2018 ގެ "މާމާ މިއާ! ހިއާ ވީ ގޯ އެގެއިން" އެވެ.

"ޓިކެޓް ޓު ޕެރަޑައިސް" އިން ކްލޫނީ، 59، އާއި ޖޫލިއާ، 53، ގެ ޖޯޑު އަލުން ބޮޑު ގެނެސްދޭން ތައްޔާރުވާ އިރު ދެ ތަރިން އެންމެ ފަހުން އެކީގައި މަސައްކަތްކުރި ފިލްމަކީ 2016 ގެ "މަނީ މޯންސްޓާ" އެވެ. އޮސްކާ އެވޯޑް ވެސް ހާސިލުކޮށްފައިވާ ކްލޫނީ އާއި ޖޫލިއާ އަކީ ހޮލީވުޑްގެ އެންމެ މޮޅު އަދި ތަޖުރިބާކާރުންގެ ތެރޭގައި ހިމެނޭ ދެ ތަރިންނަށްވާތީ އާ ފިލްމަށް ކުރެވޭ އުންމީދުތައް ވަރަށް ބޮޑުވާނެ އެވެ.

ދެހާސް އެކެއްގެ "އޯޝަންސް އިލެވެން" އަކީ ވެސް ކްލޫނީ އާއި ޖޫލިއާ އެކީގައި ފެނުނު ފިލްމެކެވެ. ނަމަވެސް އެ މީހުންގެ އާ ފިލްމު "ޓިކެޓް ޓު ޕެރަޑައިސް" ބެލުންތެރިންނަށް ގެނެސްދޭނެ އިރެއް އަދި އިއުލާނެއް ނުކުރެ އެވެ.