Roadha Mihaaru
އެފްއޭ ކަޕުގެ ތިން ވަނަ މަގާމް ނިއު ހޯދައިފި

އެފްއޭ ކަޕުގެ ތިން ވަނަ މަގާމް ނިއު ހޯދައިފި

11 ނޮވެމްބަރ 2016

ޔުނައިޓެޑް ވިކްޓަރީ 2-1 އިން ބަލިކޮށް އެފްއޭ ކަޕް ފުޓްބޯޅަ މުބާރާތުގެ ތިން ވަނަ މަގާމް ނިއު ރޭޑިއަންޓް މިރޭ ހޯދައިފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ޔުނައިޓެޑް ވިކްޓަރީ 2-1 އިން ބަލިކޮށް އެފްއޭ ކަޕް ފުޓްބޯޅަ މުބާރާތުގެ ތިން ވަނަ މަގާމް ނިއު ރޭޑިއަންޓް މިރޭ ހޯދައިފި އެވެ.

ގަލޮޅު ދަނޑުގައި މިރޭ ކުޅުނު ތިން ވަނަ ހޮވި މެޗަށް ފަހު ނިއުގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް ވަނީ ލޯ މެޑަލް ހަވާލުކޮށްފަ އެވެ.

މާބޮޑު ފޯރިއެއް ނެތް މި މެޗުގައި ލީޑު ނެގީ ޔުނައިޓެޑް ވިކްޓަރީންނެވެ. އެ ޓީމަށް 14 ވަނަ މިނެޓުގައި ގޯލް ޖަހައިދިނީ ނިއު އިން ކެރިއަރު ފެށި އިބްރާހިމް ޝަފްރާޒް (ޝަފްލޭ) އެވެ. އޭގެ ތިން މިނެޓު ފަހުން ނިއު އިން ހަމަހަމަކުރީ ޕެނަލްޓީއަކުން ހަމްޒާ މުހައްމަދު (ހަމްޕު) ކާމިޔާބުކުރި ގޯލުންނެވެ. މިއީ އޭރިއާ ތެރެއިން ހަމްޕު އަށް ޔުނައިޓެޑް ވިކްޓަރީގެ އިބްރާހިމް މައިސާން ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.

ނިއު އިން ލީޑު ނެގީ 36 ވަނަ މިނެޓުގައި ބޮސްނިއާ ފޯވާޑް އަޑީސް ސަހީލީ ޖެހި ގޯލުންނެވެ. އަރިމަތިން ނިއުގެ ކުޅުންތެރިޔަކު ނެގި ހުރަސް ޔުނައިޓެޑް ވިކްޓަރީގެ ގޯލްކީޕަރު އިބްރާހިމް ރަޝީދު އަތުގައި ޖެހިފައި އަދި ގޯލް ދަނޑީގައި ވެސް ޖެހިފައި ލިބުނީ ގޯލް ކުރިމަތީ ހުސްކޮށް ހުރެ ސަހީލީ އަށެވެ. އޭނާ ވަނީ އެ ބޯޅަ މަޑުމަޑުން ގޯލް ތެރެއަށް ފުރޮޅާލައިފަ އެވެ. މިއީ ޖޫން ޓްރާންސްފާގައި ނިއުއާ ގުޅުނު ފޯވާޑް އެ ޓީމަށް ޖަހައިދިން ފުރަތަމަ ލަނޑެވެ.

ނިއުގެ ސާމިރު (ކ) އާއި ޔުނައިޓެޑް ވިކްޓަރީގެ ކުޅުންތެރިޔަކު ބޯޅައަށް މަސައްކަތްކުރަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

ނިއުގެ ސާމިރު (ކ) އާއި ޔުނައިޓެޑް ވިކްޓަރީގެ ކުޅުންތެރިޔަކު ބޯޅައަށް މަސައްކަތްކުރަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

ދެ ވަނަ ހާފުގައި ޔުނައިޓެޑް ވިކްޓަރީގެ ބިދޭސީ ދެ ކުޅުންތެރިން ކަމަށްވާ ކެރިކް އަންދްރޭ އާއި ރަފީނިއާ އަށް ވަނީ ނަތީޖާ ހަމަހަމަކުރަން ރަނގަޅު ފުރުސަތުތައް ލިބި ބޭކާރުވެފަ އެވެ. މީގެ ތެރެއިން ކެރިކް އޭރިއާ ބޭރުން ފޮނުވާލި ބޯޅަ ދަނޑި ކައިރިން ބޭރަށް ދިޔައިރު ރަފީނިއާ އަރިމަތިން ގޯލާ ދިމާލަށް ފޮނުވާލި ބޯޅަ ދިޔައީ ގޯލް ކުރިމަތިން ހުރަސް ވެގެންނެވެ.

ފަހު ވަގުތު ނިއު އަށް ލީޑުކުރަން ފުރުސަތުތަކެއް ލިބުނެވެ. އެ ޓީމުގެ ސަހީލީ 88 ވަނަ މިނެޓުގައި ބޮލުން ފޮނުވާލި ނުރައްކާތެރި ބޯޅަ ޔުނައިޓެޑް ވިކްޓަރީ ގޯލްކީޕަރު ސަލާމަތްކުރިއިރު އޭރިއާ ތެރެއިން މުހައްމަދު މުސްލިހް (މުއްޓި) އަށް މުޅިން ހުސްކޮށް ލިބުނު ބޯޅަ ދިޔައީ ގޯލާ މާ ދުރުންނެވެ. އޭގެ ފަހުން އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލް ހުރަސް ދަނޑި މަތިން ބޭރަށެވެ.

ދުނިޔޭގެ ގިނަ މުބާރާތްތަކުގައި ފަހަކަށް އައިސް ތިން ވަނަ ހޮވާ މެޗު ނުކުޅޭއިރު ފުޓްބޯޅައިގެ ތަޖުރިބާކާރުން ދެކޭ ގޮތުގައި މިއީ މިޒަމާނަށް ނުފެތޭ، މުހިއްމު ކަމެއް ނެތް މެޗެކެވެ. އެކަމަކު އެފްއޭ ކަޕުގެ ގަވާއިދުގައި ތިން ވަނަ ހޮވާ މެޗެއް ކުޅެން އޮވެ އެވެ. މުބާރާތުގެ ފައިނަލުގައި މާދަމާރޭ ބައްދަލުކުރާނީ ކްލަބް ވެލެންސިއާ އާއި ޓީސީ ސްޕޯޓްސް ކްލަބެވެ.